30 Dec 2011, 11:03
މި އަހަރަށް ކަނޑައެޅި ބަޖެޓްގައި ހަރަދުވާނެ ކަމަށް އަންދާޒާކުރި މިންވަރަށް ހަރަދުވެފައި ނުވާ އިރު ލިބިފައިވާ އާމްދަނީ ވެސް އަންދާޒާކުރެވުނު ވަރަށް ވުރެ އިތުރުވެފައިވާ ކަމަށާއި އެހެންވެ، ބަޖެޓް ޑެފިސިޓް ވަނީ އަންދާޒާކުރެވުނު ވަރަށް ވުރެ ކުޑަކުރެވިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިހަފުތާގެ ރޭޑިއޯ ހިތޯބުގައި ރައީސް ނަޝީދު ވިދާޅުވީ މިއަހަރު ދައުލަތުގެ ބަޖެޓުން ހަރަދުވާނެ ކަމަށް ފުރަތަމަ އަންދާޒާކުރެވިފައި އޮތީ 12.37 ބިލިޔަން ރުފިޔާ ކަމަށާއި އެހެން ނަމަވެސް އަހަރު ނިމޭއިރު ހަރަދުވެފައި ވަނީ ގާތްގަނޑަކަށް 11.54 ބިލިޔަން ރުފިޔާ ކަމަށެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 12.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަދި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި އޮތީ 8.9 ބިލިޔަން ރުފިޔާ ކަމަށާއި އެހެން ނަމަވެސް އަހަރު ނިމޭއިރު އާމްދަނީގެ ގޮތުގައި 9.4 ބިލިޔަން ރުފިޔާ އެބަ ލިބޭ ކަމަށާއި އެހެންވީމާ ބަޖެޓްގެ ޑެފިސިޓް ވާނެ ކަމަށް ކުރިން އަންދާޒާކޮށްފައިވާ 3.4 ބިލިޔަން ރުފިޔާގެ ބަދަލުގައި ޑެފިސިޓް ވެފައި ވަނީ ދެ ބިލިޔަން ރުފިޔާ އިން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ 2011 ވަނަ އަހަރު ފެންނަނީ ރާއްޖެއަށް ފަހި އަހަރެއްގެ ގޮތުގައި ކަމަށާއި އެގޮތުން ގައުމީ އުފެއްދުންތެރިކަން ކުރިއަރަމުން އަންނަ މިންވަރު ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ގައުމީ އުފެއްދުންތެރިކަން މިހާރު ހުރީ އަށް ޕަސެންޓްގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެނަށް ފެންނަނީ 2011 ވަނަ އަހަރަކީ ވަރަށް ފަހި އަހަރެއްގެ ގޮތުގައި، ފުރަތަމަ ކަމަކަށް ގައުމީ އުފެއްދުންތެރިކަން ކުރިއަރަމުން އައި މިންވަރު ވަރަށް ބޮޑުތަނުން މައްޗަށް ހިނގައްޖެ. ގައުމީ އުފެއްދުންތެރިކަން މިހާރު މިވަނީ އަށް ޕަސެންޓްގެ މިންވަރުގައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އަދި ވިދާޅުވީ ދައުލަތުން ދަރަނީގެ ގޮތުގައި މިއަހަރު ނަގަން ޖެހޭނެ ކަމަށް ކުރިން އަންދާޒާކޮށްފައިވާ ވަރަށް ދަރަނި ނަގާފައި ނުވާ ކަމަށެވެ. ކުރިން 1.6 ބިލިޔަން ރުފިޔާގެ ދަރަނި ޓްރެޒަރީ ބިލް ވިއްކައިގެން ހޯދުމަށް ލަފާކޮށްފައި އޮތް ކަމަށާއި އެހެން ނަމަވެސް އަހަރު ނިމިގެންދާއިރު ޓީބިލް ވިއްކައިގެން ސަރުކާރުން ހޯދި ފައިސާގެ އަދަދު 800 މިލިޔަނަށް ވެސް ނާރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި އެއީ ސަރުކާރަށް ދަރަނީގެ ކަންކަން ވަރަށް ރަގަނޅަށް ބެލެހިއްޓިފައިވާކަން ދޭހަކޮށްދޭ ކަމެއް ކަމަށެވެ.
މިއަހަރުގެ ބަޖެޓަކީ ތަރައްގީގެ ގިނަ ކަންތައްތަކެއް ކުރެވޭނެ ބަޖެޓެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ގައުމީ ހެލްތު އިންޝުއަރެންސް ސްކީމްގެ ދަށުން ކްލިނިކްތަކުން ވެސް ބޭސްފަރުވާ ހިލޭ ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ނަޝީދު މިއަދުގެ ރޭޑިއޯ ހިތާބުގައި ވިދާޅުވިއެވެ.
މިފެށޭ މީލާދީ އާ އަހަރުގެ ހެޔޮ އެދުންތައް ރޭޑިއޯ ހިތާބު މެދުވެރިކުރައްވައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވާފަ އެވެ.