14 Jun 2020, 14:25
އެޓްލާންޓާ (ޖޫން 14): އެމެރިކާގެ އެޓްލާންޓާގައި ރޭ ފުލުހުން ކަޅު ނަސްލުގެ މީހަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ގަޔަށް ބަޑި ޖެހުމުން އެމީހާ މަރުވެއްޖެ އެވެ.
އެޓްލާންޓާގައި ރޭ އެ ހާދިސާ ހިނގީ ފާސްޓް ފުޑް ރެސްޓޯރެންޓެއް ކަމަށްވާ ވެންޑީސްގެ ޑްރައިވް-ތުރޫގައި 27 އަހަރުގެ ރޭޝާދު ބުރުކްސް އޭނާގެ ކާރު ތެރޭގައި ނިދާފައި އޮތުމުން، ކިޔޫ ކުރިއަށް ނުގޮސްގެން މީހަކު ފުލުހުންނަށް ގުޅުމުންނެވެ.
ފުލުހުން ބުނި ގޮތުގައި އޭރު ބްރުކްސް ހުރީ މަސްތުވެގެންނެވެ. އަދި އޭނާ ހައްޔަރު ކުރަން އުޅުމުން ގަދަ ދެއްކި އެވެ.
އެޓްލާންޓާ ޕޮލިސް ޑިޕާޓްމެންޓުން ވަނީ އެ ހާދިސާ ތަހުގީގު ކުރަން މިނިވަން އިދާރާއެއް ކަމަށްވާ ޖޯޖިއާ ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (ޖީބީއައި)އާ ހަވާލުކޮށްފަ އެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ބުރުކްސް ހައްޔަރު ކުރަން ދިޔަ ފުލުހުން އޭނާގެ ފަހަތުން ދުވާ މަންޒަރު ވެންޑީސްގެ ސީސީޓީވީ ފުޓެޖުން ފެނެ އެވެ. އަދި ވަކި ހިސާބަކުން ބުރުކްސް ހުއްޓި، ފުލުހަކާ ދިމާލަށް ޓޭޒާއެއް ދިއްކުރުމުން އެ ފުލުސް މީހާ ބަޑި ޖެހީ އެވެ.
މަންޒަރު ދުށް މީހަކު ނަގާފައިވާ ވީޑިއޯއަކުން ބުރުކްސް ހައްޔަރު ކުރަން އުޅުނު އިރު އޭނާ ފުލުސް މީހާގެ ޓޭޒާ ނަގައިގެން ދުވަން ފަށާ ތަން ފެނެ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ބަޑި ޖަހާ އަޑު އިވި، ބުރުކްސް ބިންމަތީގައި އޮންނަ ތަން ފެނެ އެވެ.
އެ ހާދިސާއަށް ފަހު ބުރުކްސް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާ އެ ހޮސްޕިޓަލުގައި މަރުވި އެވެ.
ބުރުކްސްގެ މަރާ ގުޅިގެން އެއް ފުލުހަކު މަގާމުން ވަކިކޮށް، އިތުރު ފުލުހަކު ވަނީ އިދާރީ މަސައްކަތަށް ބަދަލުކޮށްފައި ކަމަށް އެޓްލާންޓާގެ ފުލުހުންގެ ޑިޕާޓްމެންޓުން ބުންޏެވެ. އަދި އެ ހާދިސާ ހިނގިތާ މާ ގިނަ އިރުތަކެއް ނުވެ އެޓްލާންޓާންގެ ފުލުހުންގެ ވެރިޔާ އެރިކާ ޝީލްޑްސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އެ ހާދިސާއަށް ފަހު ބުރުކްސްއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ، މުޒާހަރާ ކުރި ބައެއް މީހުން ވަނީ ބުރުކްސް މަރުވި ރެސްޓޯރެންޓު ކައިރިއަށް އެއްވެ އެތަނުގައި ރޯކޮށްފަ އެވެ. މީގެ ކުރިންވެސް އެޓްލާންޓާ އާއި އެމެރިކާގެ އެހެން ސިޓީތަކުގައި ދިޔައީ އެގައުމުގައި ފުލުހުންގެ އަމަލުތަކުގެ ސަބަބުން ކަޅު ނަސްލުގެ އެހެން މީހެއް ކަމަށްވާ ޖޯޖް ފްލޯއިޑް މަރުވުމާ ގުޅިގެން، ފުލުހުންގެ އަނިޔާވެރިކަމާއި ނަސްލީ އިމްތިޔާޒުތަކާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.
މިދިޔަ މަހުގެ 25ގައި ފްލޯއިޑް މަރުވީ އޭނާ ހައްޔަރު ކުރަން ދިޔަ ހަތަރު ފުލުހުންގެ ތެރެއިން އެކަކު ފްލޯއިޑްގެ ކަރުގައި ފައި ވިއްދައިގެން ގާތްގަނޑަކަށް ނުވަ މިނިޓު ވަންދެން ހުރުމުންނެވެ. އެ ހާދިސާއާ ގުޅިގެން ހަތަރު ފުލުހުންވެސް ހައްޔަރުކޮށް، އެކެއްގެ މައްޗަށް މީހަކު މެރުމުގެ ދައުވާ އާއި ބާކީ ތިން މީހުންގެ މައްޗަށް މީހަކު މެރުމުގައި އެހީވުމުގެ ދައުވާ ވަނީ ކޮށްފަ އެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ.