14 Jun 2020, 11:14
މާލެ ސިޓީގައި ވިޔަފާރި އުސޫލުން މަހަށް ފުރަން ބޭނުންވާ ފަރާތްތަކުން މާލެ ސިޓީ ކައުންސިލްގެ ޕޯޓަލްގައި ރެޖިސްޓްރީވާން ހުޅުވާލައިފި އެވެ.
މާލެ ސިޓީކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ ފުރަބަންދު ތެރޭގައި މާލެ ސިޓީއިން ވިޔަފާރި އުސޫލުން ފަރުމަސްވެރިކަމަށް އަދި ކަނޑުމަސްވެރިކަމަށް ފުރަން ބޭނުންވާ ފަރާތްތަކުން މާލެ ސިޓީ ކައުންސިލްގެ ޕޯޓަލްގައި ރެޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ.
މާލެ ފުރަބަންދު ކޮށްފައި އޮތުމާއެކު ފަރުމަސްވެރިކަން ކޮށްގެން އާމްދަނީ ހޯދާ މީހުންނަށް ވަނީ އާމްދަނީ ލިބޭނެ މަގު ބަންދުވެފަ އެވެ. ފުރަބަންދާއެކު އިގްތިސޯދަށް އައިސްފައިވާ ލޮޅުމުގެ އަސަރު އިންފޯމަލް ސެކްޓާގެ ގިނަ ބަޔަކަށް ކުރަމުންދެ އެވެ.
ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކުރި ނަމަވެސް މަސްއޮޑިފަހަރަށް މަހަށް ފުރުމުގެ ހުއްދަ ސަރުކާރުން ދިނެވެ. އަދި ކޮވިޑް ނެތް ރަށްރަށުގެ ފްރީލާންސް މަސްވެރިންނަށް، ކައުންސިލްގައި ނަންނޯޓު ކުރުމަށްފަހު، މަހަށް ފުރޭނެ އިންތިޒާމުވެސް އޮތީ ހަމަޖެހިފަ އެވެ.
ފްރީލާންސް މަސްވެރިން ޕޯޓަލްގައި ރެޖިސްޓްރީވާން ހުޅުވާލިއިރު، މާދަމާ އިން ފެށިގެން މާލެ ސިޓީގެ ފުރަބަންދަށް ލުއިދޭން ވަނީ ނިންމައިފަ އެވެ.