14 Jun 2020, 10:56
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނަށް ހަމަލާދިން މައްސަލަ ފުލުހުން ބަލަންފަށައިފި އެވެ.
ޑރ. ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމް ހުސައިން މިއަދު ފަތިހު މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރައްވަން އުޅުއްވަނިކޮށް އެ ދެކަނބަލުންނަށް ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް އެ ދިން ހަމަލާގެ ތަފްސީލެއް ޑރ. ވަހީދު ވިދާޅެއް ނުވެ އެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނެފައިވަނީ ކުރީގެ ރައީސް ޑރ. ވަހީދު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް، އެމަނިކުފާނަށް ހުތުރު ބަހުން އެއްޗެހި ކިޔާ ފުރަައްސާރަކުރި މައްސަލައެއް މިއަދު ހެނދުނު 07:07 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ފުލުހުން ބުންޏެވެ.
އެ ހަމަލާ ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެ، ޑރ. ވަހީދު ވިދާޅުވީ އެ ސަރަހައްދުގައި ތިބި އެހެން މީހުންނަށް ވެސް އެ މަންޒަރު ފެންނާނެ ކަމަށެވެ.
ޑރ. ވަހީދުގެ ދެކަނބަލުންނަށް ހަމަލާދީފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.