29 Dec 2011, 22:44
އިލެކްޝަންސް ކޮމިޝަންސްގެ މިދިޔަ އަހަރުގެ ބަޖެޓް އޮޑިޓް ކުރުމަށް ފަހު ބުދަ ދުވަހު އޮޑިޓް އޮފީހުން ޝާއިއު ކުރި ރިޕޯޓްގައި ރައްޔިތުންގެ ކުރިމަތީގައި އިލެކްޝަންސް ކޮމިޝަންގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތަކެއް ހުރި ކަމަށް ބުނެ އޮޑިޓާ ޖެނެރަލަށް ރައްދުދީފި އެވެ.
އަށް ނުކުތާގެ މައްޗަށް ނިސްބަތްކޮށް އިލެކްޝަންސުން މިރޭ ނެރެފައިވާ ތިން ސަފުހާގެ ބަޔާނުގައި ބުނެފައި ވަނީ އެ ރިޕޯޓް އެކުލަވާލާފައި ވަނީ ފަންނީ މިންގަނޑުތަކުން ބޭރުން ކަމަށެވެ. އަދި އެ ރިޕޯޓްގައި ހަގީގަތާ ހިލާފު ވާހަކަތައް ހުރި ކަމަށެވެ. އެގޮތުން "ކުރިން އޮޑިޓް ކުރައްވާފައިވާ އަހަރުތަކުގައި ފާހަގަ ކުރައްވާފައިވާ ކަންކަން އިސްލާޙުކޮށްފައި ވަނިކޮށް އަލުން ތަކުރާރުކޮށް އެފަދަ ކަންކަން" ރިޕޯޓްގައި ހިމަނާފައިވާ ކަމަށް ވެސް އިލެކްޝަންސްގެ ބަޔާނުގައިވެ އެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނުން ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ އެ ކޮމިޝަންގެ މެންބަރުން ނުނަންގަވާ އެލަވަންސްތަކެއް ވެސް އެ މެންބަރުން ނަންގަވާ ކަމަށް އޮޑިޓް ރިޕޯޓްގައި ހިމަނާފައިވާ ކަމަށެވެ.
އަތޮޅުތަކަށް ފޮނުވި ފައިސާ އާމްދަނީ އެކައުންޓަށް ޖަމާ ނުކޮށްވާ ސަބަބު ތަފްޞީލްކޮށް އޮޑިޓްކުރެއްވި ބޭފުޅުންނަށް ދެންނެވި ކަމަށާއި ނަމަވެސް ކޮމިޝަން ބަދުނާމުވާ ގޮތަށް އެކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ވެސް އިލެކްޝަންސް އިން ބުންޏެވެ.