14 Jun 2020, 10:05
އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓް ކުރަން ފަށައިފި އެވެ.
އައްޑޫގައި ކޮވިޑަށް ޓެސްޓް ކުރަން ފެށުމާއި އެކު އެ ސިޓީ ވެގެން ގޮސްފައިވަނީ މާލެ ފިޔަވައި ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރާ ފުރަތަމަ ސިޓީގެ ގޮތުގަ އެވެ.
އައްޑޫ ސިޓީގައި ކޮވިޑަށް ޓެސްޓް ކުރުމަށް ހަމަޖައްސާފައިވަނީ އެސިޓީ ހިތަދޫގައި ހުންނަ އިކްއެޓޯރިއަލް ހޮސްޕިޓަލްގަ އެވެ.
އެ ހޮސްޕިޓަލުން މިއަދު ބުނީ، ކޮވިޑް-19އިގެ ޓެސްޓިން ކިޓް ލިބިފައިވާ ކަމަށާއި އެއާއި އެކު ޕީސީއާރު ޓެސްޓް ހެދުމަށް މިހާރު ތައްޔާރު ވެފައިވާ ކަމަށެވެ.
މާލެއިން އައްޑޫ ސިޓީއަށް ދަތުރުކޮށް، ޓްރާންސިޓް ކަރަންޓީނުގައި ހުރި މީހަކު މިދިޔަ ހުކުރު ދުވަހު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ.
މިއީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުން ކޮވިޑް-19 ގެ ކޭސްއެއް ރިޕޯޓުކުރި ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް ހިނގާފާނެ ފަދަ ގޮތަށް އާންމުންގެ ތެރެއިން ޕޮޒިޓިވް ކޭހެއް މިހާތަނަށް ފެނިފައެއް ނުވެ އެވެ.
ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އައްޑޫ ގަމުގައި ހުންނަ އީކުއޭޓާ ވިލެޖު ރިސޯޓުގައި ކަރަންޓީނުކޮށްފައި ހުރި 65 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގެ އަތޮޅުތައް ފަސް ޒޯނަކަށް ބަހާލައިގެން، ފަސް ރަށެއްގައި ކޮވިޑް ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އައްޑޫ ސިޓީގައި 20 އެނދުގެ އައިސީޔޫ އަކާއި 22 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އައްޑޫ ސިޓީ ފޭދުގައި އަމިއްލަ ކުންފުންޏަކުން ހިންގަމުން އަންނަ ކްލިނިކެއްގައި ކޮވިޑް19 އަށް ޓެސްޓުކުރުމުގެ މަސައްކަތް ކުރި ނަމަވެސް އެކަމަށް ހުއްދަ ދެވެން ނެތް ކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.