އިންޓަނެޓް މެދުވެރިކޮށް، ކުޑަކުދިން ގްރޫމްކުރުން ރާއްޖޭގައި ހިނގަމުން އަންނަ ކަމަށާއި އެކަމަށް ބެލެނިވެރިން ސަމާލުވުމުމަށް ޖެންޑާ މިނިސްޓާރު، އާއިޝަތު މުހައްމަދު ދީދީ އިލްްތިމާސް ކުރައްވައިފި އެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކުދިން "ގްރޫމްކުރުން"، ހައްލުވައިގެން ޖިންސީ ކުޑަކުދިން ޖިންސީ ކަންކަމުގައި ޝާމިލް ކުރުމުގެ ސަގާފަތް ރާއްޖޭގައި ވެސް ހިނގަމުން އަންނަ ކަމަށެވެ. އަދި ބެލެނިވެރިންގެ ހައިސިއްޔަތުން، ކުދިންނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށް ދިނުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

އަދި ޝައްކުވާ ކަހަލަ އެއްވެސް ކަމެއް ހިނގާނަމަ، ފުލުހުންނަށް އެކަން ރިޕޯޓުކުރުމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"މައުސޫމް ކުދިންތަކެއް މި ދަލުގައި ޖެހިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މި މަހުގެ 10 ވަނަ ދުވަހު 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު މާލޭގެ ގެސްޓްހައުސް އަކަށް ގެންގޮސް ރޭޕް ކުރި މައްސަލައެއްގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ރޭޕްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ހއ. ބާރަށު، ސިލްސިލާގޭ، އަނީސް ހިލްމީ އެވެ.

އެމީހާގެ ވަނަވަރު އާންމުކޮށް ފުލުހުން ރޭ ބުނެފައި ވަނީ ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ ގްރޫމް ކޮށްގެންކަން އެނގިފައިވާ ކަމަށެވެ.

މިދިޔަ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު އަމަލުކުރަން ފެށި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމަކީ ކުށެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މީގެ ތެރޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔަކު ނުވަތަ އެކުއްޖާގެ ބެލުން ހަވާލުވެފައިވާ މީހަކު ގްރޫމްކުރުން ވެސް ހިމެނެ އެވެ.

ގްރޫމްކުރުން ކަމަށް ބުނެފައި ވަނީ، އެކުއްޖާއާމެދު ޖިންސީ ގޯނާގެ އަމަލެއް ހިންގުމަށްޓަކައި، އެކުއްޖާއަށް ފައިސާ ނުވަތަ އެނޫންވެސް މާއްދީ އެއްޗެއް ދީގެން އެކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމުކޮށް، އެކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތްކުރާ ކުރުމަށެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމް ކޮށްފި މީހާގެ އަދަބަކީ 10 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ކުއްޖާ ގްރޫމް ކުރުމުގެ ކުށް ކުރަނީ އެކުއްޖާ އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކުނަމަ، އެ ކުށުގެ އަދަބަކީ 15 އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔަކު ނުވަތަ އެކުއްޖާގެ ބެލުން ހަވާލުވެފައިވާ މީހަކު ގްރޫމްކުރާނަމަ، އެ ކުށުގެ އަދަބަކީ ފަސް އަހަރަށް ޖަލަށް ލުމެވެ.