29 Dec 2011, 22:39
މިނިސްޓަރުކަމުން އިސްތިއުފާދެއްވީ ހިޔާލުތަފާތުވުންތަކެއް ހުރެ އެކަންތައްތައް އިސްލާހު ނުކުރެވޭނެކަން ގަބޫލުކުރެވިގެން ކަމަށް ފިނޭންސް މިނިސްޓަރު ކަމުން އިސްތިއުފާދެއްވި އަހުމަދު އިނާޒް މިރޭ ވިދާޅުވެއްޖެ އެވެ.
އިސްތިއުފާދެއްވުމަށް ފަހު މި ރޭ "ސަން" އާ ވާހަކަ ދައްކަވަމުން އިނާޒް ވިދާޅުވީ ބަޖެޓް އެކުލަވާލުމުގެ ވަކި ހިސާބަކުން ހިޔާލުތަފާތުވާ ކަންތައްތަކެއް އުފެދުނު ކަމަށާއި އެ ހިސާބުން އިސްތިއުފާ ދެއްވަން ހުންނެވީ ނިންމަވައިގެން ކަމަށެވެ.
މިނިސްޓަރުކަމާ ހަވާލުވެ މާގިނަ ދުވަހެއް ނުވަނީސް ކުއްލިއަކަށް އިސްތިއުފާ ދެއްވީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ރައީސް އަބްދުﷲ ޔާމީންގެ ކާރުކޮޅުގައި އިންނެވުމުން ދިމާވި ފިއްތުންތަކުގެ ސަބަބުން ނޫން ކަމަށް ވެސް އިނާޒް ވިދާޅުވި އެވެ.
"ބަޖެޓު ފާސްވުމާ ގުޅިގެން ކުރަން ހުރި ކަންތައްތައް ނިމުނީމާ އިސްތިއުފާދޭން ހުރީ، ބުދަ ދުވަހު ހާ ހިސާބުގައި ނިންމައިގެން. ކޮންމެހެން ]ޔާމީނުގެ ކާރުގައި އިނުމަކުން[، އެކަމާ ހުރެގެނެއް ނޫން. އަޅުގަނޑުގެ ގާތްބޭފުޅުންނަށް އިނގޭނެ އެކަމާ އެއްވެސް ގުޅުމެއް ނެތް ކަން. ކަންދިމާކުރި ގޮތުން މިހެންވީ. އެއީ މިކަމާ ގުޅުން ހުރި ކަމެއް ނޫން. އަޅުގަނޑުގެ ހިޔާލުތަފާތުވުންތަކެއް ހުރިކަން އެނގޭނެ،" އިނާޒް ވިދާޅުވި އެވެ. "އެކަން އިއްތިފާގުން މި ދިމާވީ،"
އެ ހިޔާލުތަފާތުވުންތަކަކީ ކޮބައިތޯ ދެންނެވުމުން އިނާޒް ވިދާޅުވީ އެއީ "ޕާޒަނަލް ކަންތައްތަކެއް ނޫން" ކަމަށާއި އެއީ "އިސްލާހު ކުރަންޖެހިފައި ހުރި ކަންތައް ތަކަކާ މެދު" އުފެދުނު ހިޔާލުތަފާތުވުންތަކެއް ކަމަށެވެ.
"ބަޖެޓްގެ ވަކި ހިސާބަކުން ކުޑަ، އެކަމަކު ބަޖެޓުގެ ކަމަކާނޫން، ހިޔާލުތަފާތުވުމެއް ހުރީ. އެކަހަލަ ކަންތައްތަކާއި އިސްލާހު ކުރެވެން ހުރި ކަންތައްތަކާ ހިޔާލުތަފާތުވެގެން. އެއީކީ އަނެއްހެން ޕާސަނަލް ކަމެއް ނޫން. އެއީ އަޅުގަނޑަށް އެކަނި ރަނގަޅު ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުގެ މަގާމާ ހަވާލުވި ސަބަބުތައް ހައްލު ނުކުރެވޭނެ ކަމަށް އަޅުގަނޑަށް ނުފެންނާތީ. އަނެއްހެން އިތުރުކަމެއް އޮވެގެނެއް ނޫން،" ޒުވާން އިނާޒް ވިދާޅުވި އެވެ. "އަޅުގަނޑުގެ އެ ހިކުމަތްތެރިކަން ވެސް ނެތީ ކަންނޭނގެ. އަޅުގަނޑަށް ވާނެ ވަރު މިކޮށްދިނީ،"
އެކަންތައްތައް އިސްލާހުކުރެވޭނީ އެމްޑީޕީ އަށް އެކަނި ނޫން ކަމަށާއި އެއީ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް އެއްބާރުލައިގެން ހައްލުކުރެވޭނެ ކަންތައްތަކެއް ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަންތައްތައް ބަޖެޓު ސުޕީޗްގައި ހިމަނާފައިވާނެ ކަމަށެވެ.
މަގާމުން އިސްތިއުފާދެއްވި ނަމަވެސް އިނާޒް ހުންނެވީ އެމްޑީޕީން ވަކިވެ ވަޑައިގަންނަވާ ގޮތަކަށް ނޫނެވެ. ވިދާޅުވީ "އެމްޑީޕީއަށް ހިދުމަތް ކޮށްދިނުމުގައި ދެމިހުންނަވާނެ" ކަމަށެވެ. ނަމަވެސް މި ވަގުތަށް "ސިޔާސީ ހަޔާތާ ދުރަށް ދިޔައީ" ކަމަށެވެ.
"އަޅުގަނޑު މިވަގުތު ސިޔާސީ އެއްވެސް މަގާމެއް ގަބޫލެއް ނުކުރާނަން. މަޖުބޫރުން އަންނަން ޖެހިއްޖެ ހާލަތެއްގައި ނާންނާ ނަމެކޭ ނޫން. އަޅުގަނޑަކީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހިއްވާ މީހެއް. އިގްތިސޯދީ ދާއިރާގެ އިލްމީ ލެވަލްއަކުން މަސައްކަތް ކުރުމުގެ ޝައުގު ހުރީ. އެގޮތަށް އަޅުގަނޑު އަބަދުވެސް ގަސްތުކޮށްފައި އޮތީ،" އިނާޒް ވިދާޅުވި އެވެ.
ޔާމީންގެ ކާރުކޮޅުތެރޭން ދެ ބޭފުޅުން ބައްދަލުކުރެއްވި ކުރެއްވުމާ ގުޅޭ ގޮތުން ވިދާޅުވީ އެކި ސިޔާސީ ބޭފުޅުން އަމަލުކުރައް ވާނީ އެކި ގޮތަށް ކަމަށާއި އެކަމުގައި އެއްވެސް "ގޯހެއް ހައްދަވާފައި ނުވާނެ" ކަމަށެވެ. އަދި ވިދާޅުވީ އަބަދު ވެސް މަސައްކަތް ކުރައްވަނީ އެއިރަކު ވީގޮތަކުން ކަންކަން އިސްލާ ހުކުރެއްވުމަށް ކަމަށެވެ.
"އަޅުގަނޑާ ބައްދަލުކުރާ ބޭފުޅަކު ޕްރޮޕޯސް ކުރާ ތަނެއް އެއީ އެންމެ ރަނގަޅު ތަނެއްކަމުގައި، އަޅުގަނޑު ބަލަނީ. އަޅުގަނޑު ﷲ އަށް ތެދުވެރިވާނަން. އަޅުގަނޑު އިރާދަކުރެއްވިޔާ ގޯހެއް ނަހަދަން. އިނގޭ އެއްޗަކީ ސިޔާސީ ގޮތުން އެންމެ ރަނގަޅު ގޮތެއް ކަމުގައި ފެނިވަޑައިނުގަންނަވާ ބޭފުޅުންނަށް އެއީ އެބޭފުޅުންގެ ނިންމުން. ދެން އަޅުގަނޑު މަސައްކަތް ކުރަނީ ހުރިހާ ގޮތަކުން ވެސް މަސައްކަތެއް ކޮށް، ހައްލުތަކެއް ނެރެވޭތޯ. އޭގައި އަޅުގަނޑަށް ފެންނަ ގޮތް އެއީ،"
ޔާމީންގެ ކާރުގައި އިނާޒް އިންނަވަނިކޮށް ކާރުން ނެރެ އެމްޑީޕީ ހަރުގޭގައި "ހިސޯރުކުރި" ނަމަވެސް އިނާޒްގެ ނަޒަރުގައި އެއީ މައްސަލައެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވީ "އެއީ ގައުމަށާއި ހުދު އަޅުގަނޑަށް ވެސް ލިބުނު ފިލާވަޅެއް" ކަމަށެވެ.
"ކުރިއަށް އޮތްތަނުގައި އެފަދަ މުއާމަލާތްތައް ދާނީ ޕާޓީގެ ގުނަވަންތަކުގެ ތެރެއިން،" އިނާޒް އިތުރަށް ވިދާޅުވި އެވެ.
އިނާޒް މިނިސްޓަރުކަމާ ހަވާލުވުމާ އެކު ޑޮލަރުގެ ރަސްމީ އަގު ވަނީ ބޮޑުކޮށްފަ އެވެ. އެ ނިންމުމަށް އަލިއަޅުވާ ލައްވަމުން އިނާޒް ވިދާޅުވީ އޭނާ ހުންނެވީ ސިޔާސީ މަގާމެއްގައި ކަމުން އެ ނިންމުގެ ސަބަބުން އޭގެ ޒިންމާ ނަގަން ޖެހޭ ނަމަ އެކަމަށް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.
"ސިޔާސީ މަގާމެއްގައި ހުންނަ އިރު ނަގަން ޖެހޭ ކަމަކުން ހައްލެނައިމާ އޭގެ ޒިންމާ ނަގަންޖެހޭނެ. އެ ނަގަންޖެހޭ ވަރަކަށް އަޅުގަނޑު އެކަމުގެ ޒިންމާ ނަގާނަން. އެކަމަށް އެއް އިރެއްގައި ވެސް ފަހެއް ނުޖެހޭނަން،" އިނާޒް ވިދާޅުވި އެވެ.
އިސްތިއުފާގެ ކުރިން ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދާ މަޝްވަރާ ކުރެއްވިންތޯ ދެންނެވުމުން އިނާޒް ވިދާޅުވީ މިވަގުތު އެކަމާ "އެއްޗެއް ބުނަން ބޭނުންނުވާ" ކަމަށެވެ.
އިނާޒް މިއަދު އިސްތިއުފާ ދެއްވި އިރު އެމަނިކުފާނާ އެކު އެކީގައި ފިނޭންސްގެ ސްޓޭޓް މިނިސްޓާ އަހުމަދު ނަސީރު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން ފައިނޭންޝަލް ކޮންޓްރޯލާ އަހުމަދު އަސްއަދު ވެސް އެ މަގާމުން ވަނީ އިސްތިއުފާދެއްވާފަ އެވެ.
އެމްޑީޕީގެ ހަރުގެތެރޭ އިނާޒް "ހިސޯރު" ކުރި ހާދިސާ އަށް ފަހު އޭނާ އިސްތިއުފާ ދެއްވުމާ ދެމެދު މިވީ ދެ ދުވަސް ތެރޭ އޭނާ އޮފީހަށް ވަޑައިގެންފައެއް ނުވެ އެވެ.