14 Jun 2020, 08:47
ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސްގެ ކޭސްއެއް ފެނުނީ މާޗް ހަވަ ވަނަ ދުވަހު އެވެ. އެއީ ކުރެއްދޫ ރިސޯޓުގައި ހުރެފައި އިޓަލީއަށް ފުރި ފަތުރުވެރިއެއްގެ ފަރާތުން އެ ރިސޯޓްގެ ޑޮކްޓަރަށާއި އިތުރު ބަޔަކަށެވެ. އެ ދުވަހުން ފަށައިގެން ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިންގެ އާދޭހަކަށްވީ ސަލާމަތަށްޓަކައި މާލޭގައި ތިބި މީހުންވެސް ބޭރު ތެރޭގައި ނޫޅެ ގޭގައި މަޑުން ތިބޭށެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ކިޔާ ރޮއެ އާދޭސް ކުރީ އެވެ. އެކަމަކު، މާލޭގައި މީހުން އުޅުނީ އެއްވެސް ހާސްކަމެއް ނެތި އެވެ. ޕާޓީތަކަށާއި، މަސްދަތުރުތަކާއި ފިނިބުރު ޖެހުމުގަ އެވެ. ކަމެއް ވެގެން އުޅޭހެން ހީވެސްނުވެ އެވެ.
އޭގެ މަހެއް ހާ ދުވަސް ފަހުން މާލެއިން ފުރަތަމަ ފަހަރަށް ބައްޔަށް ޕޮޒިޓިވް މީހަކު ފެނުނެވެ. އޭރު އޮތީ ވާނޭ އެއްޗެއް ވެފަަ އެވެ. ގޭގައި ތިބޭށޭ ބުނެފައި އޮއްވާ މާލެ ތެރޭގައި "އެނބުރުމުން" ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުތައް ގިނަވެ، ބަލި މާލެ ތެރެއަށް ވަރަށް ހަލުއި މިނުގައި ފެތުރިގަތެވެ. ޑޮކްޓަރުންގެ އާދޭސް އަޑު ނޭހުމުން، އަދާ ހަމައަށް 2،000 އަށް ވުރެ މީހުންނަށް ބަލި ޖެހި، އަށް މީހެއްގެ ފުރާނަ ގެއްލިއްޖެ އެވެ.
މިއަދު ބަލި ކޮންމެވެސް ވަރަކަށް މިވަނީ މައިތިރިކުރެވިފަ އެވެ. އެއާއެކު، މާލެ އަލުން ހުޅުވާލައި، އާންމުންނަށް ބޭރު ތެރޭގައި އުޅެން ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ. މާދަމާއިން ފެށިގެން ކޮންމެ ދުވަހަކު ފަތިހު 5:00އިން ރޭގަނޑު 10:00އަށް ހުއްދައަކާ ނުލައި ބޭރު ތެރޭގައި އުޅެވޭނެ ގޮތް ވަނީ ހަދައިފަ އެވެ.
މި ލުއި ދެމުންވެސް ޑޮކްޓަރުން ކުރާ އާދޭސްތަކެއް އެބަ ހުއްޓެވެ. އެ އާދޭސްތައް ރޭ ޑރ. ނަޒްލާ މުސްތަފާއާއި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޝައިނާ އަބްދުﷲ ބަންޑުންކޮށްލެއްވީ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އޭޕްރީލް 6، 2020: ކޮވިޑް19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޑރ. ނަޒްލާ ރަފީގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ފުރަބަންދު އުވައެއް ނުލާ، ޒަރޫރީ ކަމަކު ނޫނީ ބޭރަށް ނުދޭ
ރޭ ޑރ. ނަޒްލާ ރައްޔިތުންނަށް ހަނދާންކޮށް ދިނީ، މިއީ ފުރަބަންދު އުވާލުން ނޫން ކަމެވެ. މިއީ ފުރަބަންދަށް ލުޔެއް ދިނުން ކަމެވެ. ލުއި ދިނަސް އަދިވެސް ބަލީގެ ނުރައްކާ އޮތް ކަމެވެ.
"ވަރަށް ގިނަ ބޭފުޅުންނަށް އެބަ ހީވޭ، ފުރަބަންދު 15 ޖޫންއިން ފެށިގެން އުވާލީއޭ. އެއްގޮތަކަށްވެސް އެހެންނެއް ނޫން. ފުރަބަންދަށް އިތުރު ލުއިތަކެއް އަޅުގަނޑުމެން 15 ޖޫންއިން ފެށިގެން ދެނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ލުއިތައް ދިނުމުން، ނުރައްކަލެއް ނެތް ކަމަށް ހީކޮށް، މީގެ ކުރިންވެސް މީހުން އެކި ތަންތަނަށް ގޮސް މީސް މީހުންނާ ބައްދަލުކޮށް ހެދުމުން، ބައްޔަށް ޕޮޒިޓިވްވި މީހުން އިތުރުވިކަން ވަނީ ފާހަގަކުރެއްވި އެވެ. އެގޮތަށް ފަރުވާކުޑަކޮށްލާ މީހުންގެ ކޮންޓެކްޓްތައް ވެސް ގިނަކަން އޭނާ ފާހަގަކުރެއްވި އެވެ.
"ކޮންމެވެސް ވަރަކަށް ލުޔެއް ދިނަސް، އަޅުގަނޑުމެންނަށް އެއީ އެއްކޮށް ދޫކޮށްލީ ކަމަށް ހީކޮށް، ބަލީގެ ނުރައްކާ އަޅުގަނޑުމެންގެ ތެރެއިން ދިޔައީ ކަމަށް ހީކުރައްވާފައި ނަމަވެސް ހަމަ އެބަ ހުރި ބައެއް ބޭފުޅުން ގޭ ދޮރުމަތީގައި ބައިވަރު ރައްޓެހިންނާއެކު ވާހަކަ ދައްކަން ތިބުމާއި، ފިހާރައަށް ވަޑައިގަންނަވާ އިރުވެސް، ފަސް ފިހާރަ ހަތް ފިހާރައަށް ދެ ދުވަސްމަތިން ވަޑައިގަންނަވާފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ހެލްތް މިނިސްޓްރީގެ އެސިސްޓެންޓު ޑިރެކްޓަރު ޝައިނާ އަބްދުﷲ އެދިވަޑައިގަތީ ލުޔެއް ދިނަސް، ފުރަބަންދުގައި އުޅުނުހެން ދުވަސްކޮޅެއްގައި އަދި އުޅެދިނުމަށެވެ. ޒަރޫރީ ކަމެއްގައި ނޫނީ ބޭރަށް ނުގޮސް ވޭތޯ ބަލަށާށެވެ.
"އާންމުކޮށް، ހުޅުވާލެވިގެން އުސޫލެއްގެ ދަށުން ހުއްދަ ނުލާ ބޭރުގައި އުޅެން ހުއްދަ އޮތަސް އަޅުގަނޑުމެންގެ އެދުމަކީ ޒަރޫރީ ބޭނުންތައް ފިޔަވައި ބޭރު ތެރޭގައި އުޅޭ އުޅުން މަދު ކުރައްވާށޭ،" ޝައިނާ ވިދާޅުވިއެވެ. "އެ ގަންނަންދާ އެއްޗެއް ނުވަަތަ ފުރިހަމަ ކުރަން ދާ ބޭނުމެއް ފުރިހަމަ ކުރުމަށް ވީހާވެސް އަވަހަށް އަނބުރާ ގެެއަށް ދިޔުން [މުހިންމު]،"

ކޮވިޑް19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ ޝައިމާ އަބްދުﷲ -- ފޮޓޯ/ އެންއީއޯސީ
ބޭރަށް ދިޔަޔަސް ކޮންޓެކްޓުތައް މަދު ކުރޭ
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި އެންމެންްވެސް ގެންގުޅެންވީ މައިގަނޑު ވިސްނުމަކީ ބޭރަށް ދާން ޖެހުނަސް ވީހާވެސް މަދު ބަޔަކާ ކޮންޓެކްޓުވާ ގޮތަށް އުޅުމެވެ.
އަބަދުވެސް ދެމުން އަންނަ އިރުޝާދުތައް ހަނދާންކޮށްދީ، އެއަށް އަމަލު ކުރުން ހުއްޓާނުލައި، ފަރުވާތެރިވެގެން އުޅެން ޑރ. ނަޒްލާ އިލްތިމާސްކުރެއްވި އެވެ.
އެގޮތުން، ތިން މީހުންނަށް ވުރެ ގިނައިން އެއް ތަނެއްގައި ނުތިބުމަށް އެދިވަޑައިގަތެވެ. އަދި އެހެން މީހުންނާ ހެޔޮވަރުގެ ދުރުމިނެއް ބެހެއްޓުމަށް އެދިވަޑައިގަތެވެ. ކުރިއެކޭވެސް އެއްގޮތަށް މާސްކު އަޅައިގެން އުޅުމަށާއި އަތް ދޮވެގެން އުޅުމަށް ހަނދާންކޮށްދިނެވެ.
"މީގެ ޕްރިންސިޕަލް އަކީ ހަމަ ބަލި ފެތުރޭ މިންވަރު މަދު ކުރުމަށް ކުރެވޭނެ ހުރިހާ ކަމެއް ކުރުން. އެހެންވީމަ އޭގެ މާނައަކީ އެ މީހަކު ދިމާވާ މީހުން ބައްދަލުވާ މީހުންގެ އަދަދު މަދުކުރުން. އެހެން ގޮތަކަށް ބުނާ ނަމަ ކޮންޓެކްޓު ބަބްލް މަދު ކުރުން. ބައްދަލުވާ މީހުންނާ ބައްދަލުވާއިރުވެސް ތިމާގެ ފަރާތުން އެހެން މީހަކަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކުރުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޖޫން 8، 2020: މާލޭގެ މަޖީދީ މަގުގައި އަންހެނުންތަކެއް ގައިދުރުކޮށްގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީގެ ކުރިން ޕޮޒިޓިވްވި މީހުން އެކިއެކި ތަންތަނަށް ގޮސްފައި ހުރުމުން ކޮންޓެކްޓް ޓްރޭސް ކުރަން ދަތިވެފައި އެބަ ހުއްޓެވެ. ޝައިނާ ފާހަގަ ކުރެއްވީ، ބޭރު ތެރޭގައި އުޅޭ އިރު ދާ ތަންތަން މަދު ކުރުމަކީވެސް ކޮންޓެކްޓުވާ މީހުން މަދުކުރަން މުހިންމު ކަމެއް ކަމަށެވެ.
"ދާ ކޮންމެ ތަނަކަކުން ނުވަތަ ތިމާވާ ތަންތަނަކުން އެކި މީހުންނާ ބައްދަލުވާނެ، އެހެންވީމާ ވީހާވެސް މަދު ކުރައްވާށޭ، އެ ބޭފުޅެއްގެ ކޮންޓެކްޓުތަކާއި އެ ބޭފުޅެއްގެ މޫވްމަންޓް،" ޝައިނާ ވިދާޅުވި އެވެ.
މިއީ އާއިލާއާ ބައްދަލު ކުރަން ދާންވީ ވަގުތެއް ނޫން
ލޮކްޑައުންގައި ތިބެން ޖެހުމުން ބައެއް މީހުންނަށް އާއިލާގެ މީހުން ނުފެންނަތާ ލައްކަ ދުވަސްވެއްޖެ އެވެ. ބޭރު ތެރެއަށް ދާން ހުއްދަ ދިނުމުން ލޯބިވާ މީހުން ކައިރިއަށް ދާން އެ މީހުން ބޭނުންވާނެ އެވެ. ނަމަވެސް، ޝައިނާ ވިދާޅުވީ، މިއީ އެފަދަ ޒިޔާރަތްތައް ކުރަންވީ ވަގުތު ނޫން ކަމަށެވެ.
"އެއްވެ އުޅުމާއި، ހަފްލާ ބޭއްވުމާއި، އާއިލާގެ ވަރަށް ގިނަ ބޭފުޅުންނަށް ވަރަށް ގިނަ ދުވަސްވެދާނެ ބައްދަލު ނުވާތާ ފިޒިކަލީ. އެހެން ނަމަވެސް، މިއީއެއް ނޫނޭ އެ ފުރުސަތަކީ އާއިލާ މީހުން ބައްދަލުވެ ޕާޓީ ބާއްވައި، ދިމާވެ، އިޖްތިމާއީ ގޮތުން ގައިދުރުކަން ނުބެހެއްޓޭނެ ފަދަ ހާލަތްތަކުގައި ބައްދަލުވާން. މި ފުރުސަތުގައިވެސް ވީހާވެސް ބައްދަލުވުންތައް މަދު ކުރާށޭ،" ޝައިނާ ވިދާޅުވި އެވެ.
ގޭގައި ތިބެގެން އާއިލާ ބައްދަލު ކުރުމުގެ ބަދަލުގައި ބޭރުގައި ގައިދުރުކަން ބަހައްޓައިގެން ބައްދަލު ކުރެވޭނެ ގޮތެއް މާ ރައްކާތެރިވާނެ ކަމަށްވެސް ޝައިނާ ވިދާޅުވި އެވެ.

ޖޫން 9، 2020: މާލޭގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދިނުމާއެކު ކޮންމެ ދުވަހެއްގެ ފަތިހުން 05:00 އިން ފެށިގެން 08:00 ގެ ނިޔަލަށް ދުވަސްވީ މީހުންނަށް ކަސްރަތުކުރުމަށް ބޭރަށް ނިކުތުމުގެ ފުުރުސަތު ވަނީ ދީފައި: އެއާއެކު ގިނަ އަދަދެއްގެ ދުވަސްވީ މީހުން ކޮންމެ ދުވަހެއްގެ ހެނދުނު ކަސްރަތުކޮށް ހިނގާލުމަށް ނިކުމޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ބަލީގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށެވެ. އެހެންވެ އެންމެ ބޮޑަށް ރައްކާތެރިކަން ބޭނުންވަނީވެސް އެ މީހުންނަށެވެ. ގޭގެއަށް ޒިޔާރަތް ކުރަން ފަށައިފި ނަމަ އާއިލާތަކުގެ ރޭ ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް ބަލި ޖެހުމުގެ ނުރައްކާ އޮތްކަން ޝައިނާ ފާހަގަ ކުރެއްވި އެވެ. މިބަލީގައި އެންމެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށެވެ.
"އެފަދަ މީހަކާ [އުމުރުން ދުވަސްވީ] ބައްދަލު ކުރަން ބޭރުގައި އުޅެފައި ދިޔައިމަ އެ ހުޅުވާލެވޭ ފުރުސަތު ބަލި ގެންދިޔުމަށް،" ޝައިނާ ވިދާޅުވި އެވެ.
ގޭގެއަށް ޒިޔާރަތް ނުކުރުމަށް ޑރ. ނަޒްލާވެސް ބާރު އެޅުއްވި އެވެ. އެ ދެ ބޭފުޅުންގެ ވާހަކައިން އެނގެނީ މި ދުވަސްވަރު ގޭގެއަށް ޒިޔާރަތް ކުރުން އެއްވެސް ގޮތަކަށް ރައްކާތެރި ނޫން ކަމެވެ.
"ގޭގެއަށް ޒިޔާރަތް ކުރަން ފެށީމަ އެއް ގެއިން އަނެއް ގެއަށް ބަލި މި ފެތުރެނީ. ފެތުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ބޮޑަށް މި ހުޅުވާލެވެނީ. އެ ފުރުސަތު ކުޑަ ކުރުމަށް އަދިވެސް އަޅުގަނޑުމެން ބޭނުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އަޑު ނާހައިފި ނަމަ އަނެއްކާވެސް ފުރަބަންދަކަށް
ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ވައިރަސް މައިތިރިވެ، މީހުން ނުކުމެ އުޅެން ހުޅުވާލުމުން ދެވަނަ ފަހަރަަކަށް ބަލި ފެތުރިގެންފައި އެބަ ހުއްޓެވެ. ރާއްޖެއަށްވެސް އެފަދަ ގޮތެއް ވުމުގެ ފުރުސަތު އެބަ އޮތެވެ.
މި ސަބަބާ ހުރެ އެޗްޕީއޭއާއި ކަމާ ބެހޭ ފަރާތްތަކުން ދާނީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ކައިރިން ބަލަމުންނެވެ. މާ ބާރު މިނެއްގައި އިތުރުވަމުންދާނަމަ އަނެއްކާވެސް ހަރުކަށި ފިޔަވަޅުތައް އަޅާނެ އެވެ.

ޖޫން 8، 2020: އެމްޕީއެލް ސަރަހައްދުގައި އާރް އާރް ޓީމްތަކުން ރެންޑަމް ސާމްޕަލް ނެގުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޑރ. ނަޒްލާވެސް ވިދާޅުވީ، މިފަހަރުދޭ ލުއިތަކާއެކު އާންމުން މާ ފަސޭހަކޮށްލައި، ފަރުވާކުޑަކޮށްފި ނަމަ ބަލި އަނެއްކާވެސް ފެތުރިގަންނާނެ ކަމަށެވެ. އެހެންކަމުން، އަމިއްލަ ރައްކާތެރިކަމަށާއި، މުޅި ގައުމުގެ ރައްކާތެރިކަމަށް ޓަކައި ފަރުވާކުޑަކޮށްނުލުމަށް އޭނާ އެދިވަޑައިގަތެވެ.
"މި ކަންކަމަށް ސަމާލުކަން ދޭއްވަންވީ ފުލުހުންގެ ފަރާތުން ބޭފުޅަކު ބަލަހައްޓައިގެން ހުންނާނެތީ ނޫނީ ފުލުހުން ފިޔަވަޅު އަޅުއްވާނެތީއެއް ނޫނޭ. އެއީ އަޅުގަނޑުމެންގެ އަމިއްލަ ރައްކާތެރިކަމަށާއި އާއިލާގެ ރައްކާތެރިކަމަށް އަދި ގައުމުގެ އެންމެންގެވެސް ރައްކާތެރި ސަލާމަތާއި ރައްކާތެރި ކަމަށް އަޅަން ޖެހޭ ފިޔަވަޅެއް ކަމުން ހުރިހާ ބޭފުޅުންވެސް މި ކަންކަމަށް ސަމާލުކަން ދެއްވާނެ ކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އުންމީދު ކުރަން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ކުރިން ޑޮކްޓަރުން ކުރި އާދޭސް އަޑު ނޭހުމުން މުޅި މާލެ ދިޔައީ ކޮމިއުނިޓީ ސްޕްރެޑަށެވެ. މިފަހަރު މި އާދޭސްތައް އަޑު ނާހައިފި ނަމަ ލިބޭނެ ގެއްލުން އަދި އެއަށް ވުރެ މާ ބޮޑުވެދާނެ އެވެ.