13 Jun 2020, 23:49
ފުރަބަންދަށް ފުރަތަމަ ފިޔަވަހީގައި ދިން ލުއިތަކާއެކުވެސް ރާއްޖޭގެ ހާލަތު އަދި ސްޓޭބަލް ކަމަށް އެޗްޕީއޭގެ ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ފުރަބަންދަށް ބައެއް ލުއިތަށް ދެމުން އަންނަނީ ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ލުއި ދީފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. ފުރަތަމަ ފިޔަވަހީގެ މުއްދަތު ނިމި، ދެވަނަ ފިޔަވަހީގެ ލުއިތައް ދިނުމަށް ނިންމާފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.
މިރޭ ދަރުބާރުގެ، އެންއޯއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19ގެ ރާއްޖޭގެ ހާލަތު އޮތް ގޮތާމެދު ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ، މިހާރު ފެންނަމުންދާ ކޭސްތައް ވަރަށް ބޮޑަށް ހިފަހެއްޓިފައިވުމުން މިވަގުތު ރާއްޖޭގެ ހާލަތު ސްޓޭބަލް ކަމަށެވެ.
"މިވަގުތު އަޅުގަނޑުމެންނަށް މިހާރުގެ ޑޭޓާއަށް ބަލާއިރު ކޮންމެވެސް މިންވަރަކަށް ސްޓޭބަލް ވެފައިވާކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ. ފުދޭވަރަކަށް ޓެސްޓް އެބަ ކުރެވޭ، ކޮންޓެކްޓް ޓްރޭސިންވެސް ކުރިއަށް އެބަދޭ އަދި ކޮމިއުނިޓީތެރެއިން އެކްޓިވް ސަވަޔަލެންސްވެސް ކުރިއަށް އެބަދޭ. މިހާރު ފެންނަ ފެނުމަށް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެން ތެރޭގައި ބަލި ފެންނަ މިންވަރު ސްޓޭބަލް ވެފައި މިއޮތީ،" ކުރިން ދިން ލުއިތަކާއެކު ރާއްޖޭގެ ކޮވިޑް19ގެ ހާލަތު ވަޒަން ކުރަނީ ކިހިނެއްތޯ ކުރި ސަވާލަށް ޖަވާބު ދެއްވަމުން ނަޒްލާ ވިދާޅުވިއެވެ.
ޕޮޒިޓިވްވެފައިވާ ކޭސްއެއްގެ ކޮންޓެކްޓް ޓްރޭސިންގެ މީހުންގެ ކަރަންޓީން މުއްދަތު ހަމަވުމުން އެއްފަހަރާ ގިނަބަޔަކު ޓެސްޓް ކުރާ އިރު އެއް ދުވަހެއްގެ ކޭސްތައް އިތުރުވުވުމުގެ ފުރުސަތު އޮވެދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް މިހާރު ފެންނަ ކޭސްތައް ވަރަށް ބޮޑަށް އިތުރު ނުވެ، ހިފެހެއްޓިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގެ ހާލަތު މިވަގުތު ކޮންމެވެސް ވަކަށް ސްޓޭބަލްވެފައި އޮތް ނަމަވެސް، އަދިވެސް މުޖްތަމައުގައި ބަލި ފެތުރެމުންދާ ކަމަށެވެ. އެހެން ކަމުން ހާލަތު ސްޓޭބަލްވި ނަމަވެސް އަދިވެސް މާލޭގެ އެލާޓް ލެވެލްއަށް ބަދަލެއް ނާންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ
"މާލެ އޮތް ހާލަތު އަދި ރެޑް އެލާޓް އިން ބަދަލެއް ނުވޭ. އެލާޓް ލެވެލް ބަދަލުނުވާ ސަބަބަކީ، ރެޑް އެލާޓް މި އޮންނަނީ ސްސްޓެއިން ކޮމިއުނިޓީ ޓްރާންސްމިޝަން ހިނގަމުންދާތީވެ. އަދިވެސް ކޮންމެވެސް ކޮމިއުނިޓީތެރޭ ޓާންސްމިޝަން [މުޖްތަމައު ތެރޭ ބަލި ފެތުރުން] ހިނގަމުންދާކަން ފާހަގަ ކުރެވޭ. އެއީ އެކްޓިވް ސަވަޔަލެންސްގެ ދަށުން ނަގާ ސާޕްމަލްތައް ޕޮޒިޓިވްވާތީ،"
މިހާރު ރާއްޖެއިން ފެންނަމުންދާ ކޭސްތައް އުޅެނީ އެވްރޭޖްކޮށް 15-20 އާ ދޭތެރެއެވެ. އެގޮތުން މިއަދު ފެނުނު ކޭސްތަކުގެ އަދަދަކީ، 10 އެވެ. މިހާތަނަށް ޖުމްލަ 2،123 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 1،217 މީހަކު ރަނގަޅުވެ، މިހާރު ބައްޔަށް ފަރުވާ ދެމުން ދަނީ، 786 މީހުންނެށެވެ. ބަލި ޖެހިގެން މަރުވެފައި ވަނީ އަށް މީހުންނެވެ.