13 Jun 2020, 23:27
އެގާރަ އަހަރުގެ ކުޑަކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް އެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ.
ފުލުހުން މިރޭ ހާމަ ކުރި ގޮތުގައި އެ މައްސަލައިގައި ތުހުމަތު ކުރެވެނީ، ހއ. ބާރަށު، ސިލްސިލާގޭ، އަނީސް ހިލްމީ އަށެވެ.
އަނީސް ހައްޔަރުކޮށްފައިވަނީ، 2020 ޖޫން 10 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، ކުޑަކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕް ކުރުމުގެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 2020 ޖޫން 12 ވަނަ ދުވަހުގެ 22:13 އެހައިކަންހާއިރު އޭނާ ދިރިއުޅޭ ގޭގައި ހުއްޓައި ކަމަށް ފުލުހުން ބުންޏެވެ.
"ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ ގްރޫމް ކޮށްގެންކަން އެނގިފައިވެއެވެ،" މިރޭ ފުލުހުން ބުންޏެވެ.
ފުލުހުން މިރޭ އިތުރަށް ބުނީ، އަނީސްއަށް ތުހުމަތުވާ މައްސަލަ ބަލަމުންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
"ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ގްރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވާ އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު މިސާވިސްއިން އަޅަމުން ގެންދާނެކަމުގައި ދަންނަވަމެވެ." ފުލުހުން ބުންޏެވެ.
އަދި ކުޑަކުއްޖެއްގެ ކަރާމާތަށް ގެއްލުމެއް ލިބިދާފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރާކަމުގެ މައުލޫމާތެއް ނުވަތަ އެފަދަ ޝައްކެއް ކުރެވުނަސް އެކަމުގެ މައުލޫމާތު ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގެ ނަންބަރު 3000600 ނުވަތަ މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސަސްގެ ހިލޭ ގުޅޭ ނަމްބަރު 1412 އަށް ހުށަހެޅުއްވުމަށް ފުލުހުން އެދުނެވެ.
ޝަރީއަތް ނިމެންދެން އަނީސް ބަންދުގައި ބަހައްޓައިދިނުމުގެ އަމުރެއް ހޯދުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު، ޕްރޮސެކިއުޓާ ޖެރެނަލްގެ އޮފީހުގައި މިއަދު އެދިވަޑައިގެންފައިވެއެވެ. ކޮމިޝަރަ އޮފް ޕޮލިސް މުހައްމަދު ހަމީދު މިފަދަ އަމުރަށް އެދިވަޑައިގެންފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުންނެވެ. މިއީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި، މިފަދަ އަމުރަކަށް ކޮމިޝަނަރު އޮފް ޕޮލިސް، ޕީޖީ އޮފީހުގައި އެދުނު ފުރަތަމަ ފަހަރެވެ.
މިއަދު އޮތް ބަންދު އަޑުއެހުމުގައި ޕީޖީ އޮފީހުން އެދުނީވެސް ޝަރީއަތް ނިމެންދެން އަނީސް ބަންދު ކުރާށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ޖެހީ ހަތް ދުވަހެވެ.
ޕީޖީ ހުސެއިން ޝަމީމް "ސަން"އަށް ވިދާޅުވި ގޮތުގައި، ޝަރީއަތް ނިމެންދެން ބަންދު ކުރަން ޕީޖީ އޮފީހުން އެދުނަސް، ހަތް ދުވަހަށް ބަންދު ކުރަން އަމުރު ކުރީ ހުށަހަޅަން ޖެހޭ ބައެއް ލިޔުންތައް މަދުވުމުންނެވެ. ނަމަވެސް، މިހާރު ދީފައިވާ ބަންދުގެ ހަތް ދުވަހުގެ ތެރޭގައި އެ ލިޔުންތައް ހަމަކޮށްގެން، ބަންދުގެ މުއްދަތު އިތުރު ކުރަން އެދޭ އިރު، ޝަރީއަތް ނިމެންދެން ބަންދު ކުުރުމުގެ އަމުރަކަށް އެދުމުން އެފަދަ އަމުރެއް ނެރުމުގެ އިހްތިޔާރު ގާޒީއަށް ލިބިގެންވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.