މިއަދު 10 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވިއިރު 24 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިރޭ ބުނީ، މިއަދު ޕޮޒިޓިވްވީ ބަންގްލަދޭޝްގެ ހަތް މީހަކާއި، ނޭޕާލްގެ ދެ މީހަކާއި ދިވެއްސެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2013އަށް އަރައިފައެވެ.

މިއަދު ބަލިން ރަނގަޅުވި 24 މީހުންނާއެކު، ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1217އަށް އަރައިފައެވެ. އެހެންކަމުން މިވަގުތު ރާއްޖޭގައި ކޮވިޑް-19އަށް ފަރުވާދެމުން ދަނީ 786 މީހުންނަށެވެ.

މިވަގުތު ކަރަންޓީނު ފެސިލިޓީތަކުގައި 347 މީހަކު ތިބި އިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 670 މީހުން އެބަ ތިއްބެވެ.

ރާއްޖެއިން މިހާތަނަށް ބަލީގައި މަރުވެފައި ވަނީ އަށް މީހުންނެވެ. އެއީ ހަތަރު ދިވެހީންނާއި ހަތަރު ބަންގްލަދޭޝް މީހުންނެވެ. މަރުވި ދިވެހީންނަކީ މުޅިންވެސް އުމުރުން ދުވަސްވީ މީހުންނެވެ.