ގއ. ދިޔަދޫން އެ އަތޮޅު ގެމަނަފުއްޓަށް މީހުން ބަދަލުކޮށް އެ މީސްމީހުންނަށް ގެދޮރު ދިން އިރު، އޭރު މާލޭގައި ދިރިއުޅެމުން ދިޔަ އެ ރަށު އާއިލާއަކަށް ގެދޮރު ނުލިބިގެން ގެމަނަފުށީ ކައުންސިލް އިދާރާގައި ދިރިއުޅެން ފަށައިފި އެވެ.

ދިޔަދޫ، ދިލްބަހާރުގެ، މާރިޔަތު އަބޫބަކުރު އޭނާގެ ފިރިމިހާ އާއި ނުވަ ދަރިންނާ އެކު ކައުންސިލްގެ އިދާރާގައި ދިރިއުޅެން ފަށާފައި ވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެނެވެ.

މާރިޔަތުގެ ފިރިމީހާ މުހައްމަދު ނާޒިމް ސަން އަށް މައުލޫމާތު ދިން ގޮތުގައި އޭނާގެ އާއިލާއާ އެކު އެތަނުގައި އުޅެން މިއަދު ފެށީ ގެމަނަފުއްޓަށް އެ ރަށު މީހުން ބަދަލުކޮށްފައިވާ އިރު އޭނާގެ އާއިލާ އިން ވަންނާނެ ތަނެއް މިހާތަނަށް ނެތުމުން ކަމަށެވެ.

'"ދެ އަހަރުވެއްޖެ އަޅުގަނޑުމެން ވަންނާނެ ތަނެއް ނުލިބިގެން އުޅޭތާ. މުދަލާއި އެއްޗެހި ވެސް ރައްކާތެރިކޮށްނުދީ އެ ރަށުން ]ދިޔަދޫ[މީހުން ބޭލީ. އެ ހާހިސާބުން ވެސް އަޅުގަނޑުމެން ބެލީ ޝަރުއީ މަރުހަލާ އިން ގޮތެއްވޭތޯ. އެއަށް ފަހު އިއްތިފާޤުން ގެމަނަފުއްޓަށް ބަދަލުވާން ޖެހުނީ. ރަށަށް ބަދަލުވެ އެއް މަސްވެގެން މިދަނީ ވަންނާނެ ތަނެއް ނުލިބި،" ކުރިން އާއިލާއާ އެކު މާލޭގައި ދިރިއުޅެމުން ދިޔަ ނާޒިމް ކިޔައިދިނެވެ.

ނާޒިމު ބުނީ އެ މައްސަލަ އަށް ހައްލު ހޯދުމަށް ރަށު ކައުންސިލުގައި އެދުމުން އެކަމަކީ އަތޮޅު ކައުންސިލާ ބެހޭ ކަމެއް ކަމަށް ބުނި ކަމަށާއި އަތޮޅު ކައުންސިލަށް ގުޅީމާ އެއީ މިހާރު ޤައުމީ އިދާރާއާ ބެހޭ ކަމެއް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ޤައުމީ އިދާރާ އިން ބުނީ އެކަމާ ބެހޭނީ އެކަމާ ގުޅުން ހުރި މިނިސްޓްރީ އިން ކަމަށް ވެސް އެނާ ބުންޏެވެ.
ނާޒިމް ބުނީ ގެދޮރުލިބޭނެ ގޮތެއް ހަމަ ޖައްސައި ނުދެނީސް ކައުންސިލް އިދާރާ އިން ނުނިކުނާނެ ކަމަށެވެ.

"އަޅުގަނޑުމެން ނުނިކުނާނަން މިތަނަކުންނެއް. އަޅުގަނޑުމެން ޖަލަށް ގެންދިއަޔަސް ފަރުވާލެއްނެއް. އަޅުގަނޑުމެން ބޭނުން ވަނީ އަޅުގަނޑުމެންގެ ހައްޤެއް. އެ ހައްޤު ހޯދުމަށް އަޅުގަނޑުމެން ޖަލަށް ވަންނަން ވެސް އެކަން ކުރާބަޔަކު އެކަން ވެސް ކުރަންވީ،" ނުކުޅޭދޭ ކުއްޖަކާއި ހަތް އަހަރުގެ ކުއްޖަކާ އެކު ކައުންސިލް އިދާރާގައި ތިބެ ސަން އަށް މައުލޫމާތުދިނެވެ.

ގެމަނަފުށީ ކައުންސިލްގެ ރައީސް އާސިމް މުހައްމަދު މިއަދު ވިދާޅުވީ ކައުންސިލް އިދާރާގައި ނާޒިމްގެ އާއިލާ ހެނދުނުން ފެށިގެން އައިސް ތިބެން ފެށީ ސަރުކާރުން އަޅަންފަށާފައިވާ ގެތަކުގެ ތެރެއިން އެމީހުނަށް ކަނޑައަޅާފައިވާ ގެ ނިންމައި އެ މީހުންނާ ހަވާލުކޮށްފައި ނުވާތީ ކަމަށެވެ. އާސިމް ވިދާޅުވީ އެ ގެތަކުގެ މަސައްކަތް ނުނިމި ގިނަ ދުވަސްތަކެއްވާ އިރު ގެތައް މިހާރު ވީރާނާ ވަމުން އަންނަ ކަމަށެވެ.

އާސިމް ވިދާޅުވީ މާރިޔަތުގެ އާއިލާ ނޫނަސް ނުވަ އާއިލާއެއްގެ ގެތައް ސަރުކާރުން ނިންމައިދީފައި ނުވުމުގެ ސަބަބުން އެ ފަރާތްތަކާ ގެތައް ހަވާލު ނުކުރެވިވާ ކަމަށެވެ.

"ސަރުކާރުން އެގެތައް ނިންމީމާ ނޫންތޯ. އެމީހުންނާ ގެ ހަވާލު ކުރެވޭނީ. މާރިޔަތުގެ އާއިލާ އެކަންޏެއް ނޫނޭ އެ ނޫނަސް ނުވަ އާއިލާއެއް އެބަތިބި ގެނުލިބި." އާސިމް ވިދާޅުވި އެވެ.