13 Jun 2020, 19:35
ގުޅީފަޅުގައި ބަނދަރެއް ހެދުމަށް އެ ރަށުގެ ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށްދާތީ އެތަނުން ސަލާމަތް ކުރަން ނަގާ މުރަކަތައް ކ. ފުރަނަފުށި (ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓު) ފަޅު ތެރޭގައި އިންދުމުގެ މަސައްކަތް ފަށައިފިއެވެ.
ގުޅީފަޅުން 192 ހެކްޓަރު ހިއްކުމުގެ ޕްރޮޖެކްޓެއް މިހާރު ފަށާފައިވާއިރު، މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވެ އެވެ. އެގޮތުން، ކައިރި ފަރުތަކަށް ވެއްޔާއި ކިސަޑު އެޅި، ފެން ކިލަނބުވެ، ފަރުތަކާއި މުރަކަތައް މަރުވުން އެކަށީގެންވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.
މި އަސަރުތައް ކުޑަ ކުރުމަށް ގުޅީފަޅުގެ ދެ ސަރަހައްދަކުން މުރަކަ ނަގައިގެން އެހެން ތަނެއްގައި އާލާ ކުރުމަށް ނިންމާފައިވެއެވެެ. އެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރާ ގުޅޭ މައުލޫމާތު ހިމެނޭ ރިޕޯޓެއް މިއަދު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވަނީ އާންމުކޮށްފައެވެ.
ގުޅީފަޅުން މުރަކަ އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ރީފްސްކްރޭޕާސްއާ އެވެ. މަޝްރޫއުގެ ފެށުމުގެ ކުރިންވެސް މުރަކަތައް ނެގުމަށް ގުޅީފަޅުގެ ސާވޭއެއް ހަދާފައިވާ ކަމަށް އީޕީއޭއިން މިއަދު އާންމު ކުރި ރިޕޯޓުގައިވެއެވެ. އަދި ފަޅުގެ އިރުމަތީ ފަރާތުގެ ދެ ސަރަހައްދަކުން މުރަކަ ނެގޭނެ ވަރު ބަލާފައިވާ ކަމަށް ބުނެފައިވެއެވެ.
ގުޅީފަޅުން މުރަކަ ނަގަން ހަމެޖެހުނު ދެ ސަރަހައްދު -- ޑައިގްރާމް/ ރިޕޯޓު
އެ ރިޕޯޓުގައިވާ ގޮތުން ގުޅީފަޅުގެ އިރުމަތީ ފަރާތު ދެ ސަރަހައްދަކުން މުރަކަތައް ނަގައިގެން ގެންދަން ހަމެޖެހިފައި ވަނީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓުގެ ހުޅަނގު ފަރާތު ފަޅަށެވެ. އެއީ މުރަކަތައް ނެތް ސަރަހައްދެކެވެ. އެ މަސައްކަތް ފެށީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.
ގުޅީފަޅުން މުރަކަތައް ނަގަމުން ދަނީ ޑައިވްކޮށްގެންނާއި ސްނޯކަލްކޮށްގެންނެވެ. މި މުރަކަތައް ނަގައިގެން ރިސޯޓަށް ގެންދަނީ ލޮނު ފެން އެއްޗެއްގައި ބަހައްޓައިގެން ދޯންޏެއްގައި ކަމަށް ރިޕޯޓުގައިވެއެވެ. އެއީ މުރަކަތައް ބަހައްޓާފައި ހުންނަ ފެނުގެ އޮކްސިޖަން ލެވެލްއާއި ފިނި ހޫނުމިން ވަކި ވަރެއްގައި ބަހައްޓައިގެން ކަމަށްވެއެވެ.
ފަޅުގައި ހުންނަ "މެސިވް ކޮރަލް"ގެ މުރަކައިގެ ތެރެއިން ބޮޑު ނުވެ ހުރި މުރަކަތައްވެސް ގެންދަނީ ދޯންޏެއްގަ އެވެ. ނަމަވެސް އޭގެ ބޮޑެތި މުރަކަތައް ގެންދަނީ އެއާބޭގްތައް ބޭނުންކޮށްގެން މުރަކަތައް ފެންމަތިކޮށްގެން ދަމާފައި އެވެ.
ޝެރަޓަންގެ ހުޅަނގު ފަރާތުގެ ފަޅުގައި މުރަކަތައް ބަހައްޓާނެ ގާތަކެއް ނުހުރެއެވެ. އެހެންވެ މުރަކަތައް ބަހައްޓަން ހަމަޖެހިފައި ވަނީ ކޮރަލް ފްރޭމްތަކެއްގައެވެ. އެ ފްރޭމްތަކުގައި ގާތްގަނޑަކަށް 4000 މުރަކަ ކޮލެނީ ބެހެއްޓޭނެ ކަމަށް ރިޕޯޓުގައި ލަފާކޮށްފައިވެއެވެ. ނަމަވެސް، ލޮކްޑައުންގެ ސަބަބުން ދިމާވާ އުނދަގޫތަކާ ހެދި އެ އަދަދު މަދުުވުން އެކަށީގެންވާ ކަމަށް ރިޕޯޓުގައިވެއެވެ. ރިޕޯޓުގައިވާ ގޮތުން މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް 4500އެއްހާ މުރަކަ ގުޅީފަޅުން ނަގާފައިވެއެވެ. ނަމަވެސް މުރަކަ ނެގުމުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ގެއްލުންވެފައިވާ ކަމަށްވެއެވެ.
ގުޅީފަޅުން ނެގި މުރަކަތައް، ކ. ފުރަނަފުށި ފަޅު ތެރޭގައި ބަހައްޓާފައި -- ފޮޓޯ/ ރިޕޯޓު
ގުޅީފަޅު ހިއްކަން ފަށާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެ މަޝްރޫއުގެ ސަބަބުން ކައިރީގައި އޮންނަ ވިލިނގިލި ފަރުގެ އިތުރުން 30 ޑައިވް ސައިޓަކަށް ގެއްލުންވާނެ ކަމަށް މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވެއެވެ. އަދި މަޝްރޫއަށް 20 މިލިއަން ކިއުބިކް މީޓަރުގެ ވެލި ނަގަން ނިންމާފައިވާއިރު، ވެލި ނަގާ ސަރަހައްދުން ވެލި ނެގުމުން އެ ސަރަހައްދުން އެން ލިބުން ދަތިވާނެކަމުގެ ކަންބޮޑުވުން މަސްވެރިންވެސް ފާޅު ކޮށްފައިވެއެވެ. އަދި އެކަމުގެ ސަބަބުން ބޯޓުފަހަރަށް އެތަނުގައި ނަގިލި އަޅަން ދަތިވާނެ ކަމުގެ ކަންބޮޑުވުން ޝިޕް އޮޕަރޭޓަރުން ފާޅު ކޮށްފައިވެއެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ތިމާވެށި ކޮމެޓީގައި ވިދާޅުވެފައި ވަނީ އެއީ ތިމާވެއްޓަށް ގެއްލުންވިޔަސް ކޮންމެހެން ހިންގަން ޖެހޭ މުހިންމު މަޝްރޫއެއް ކަމަށެވެ.