13 Jun 2020, 18:38
އައްޑޫ ސިޓީގައި އޮންނަ ކެނެރީފް ރިސޯޓުގެ މާލީ ހާލަތު ދަށްވެ، ދެ އަހަރަށް އެ ރިސޯޓު ބަންދުކުރަން ނިންމައިފި އެވެ.
ނަން ހާމަކުރަން ބޭނުންނުވާ ކެނެރީފް ރިސޯޓުގެ އިސް އޮފިޝަލެއް "ސަން"އަށް މިކަން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފާއިތުވެދިޔަ ފަސް އަހަރު ވެސް އެ ރިސޯޓު ހިންގަމުން އައިސްފައިވަނީ ގެއްލުމުގަ އެވެ. އަދި ގެއްލުމުގެ އަދަދު މިހާރު 21 މިލިއަން ޑޮލަރަށްވުރެ މަތިވެފައިވާ ކަމަށާއި ރިސޯޓު އަލުން ކޮޅަށް ޖެހުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމަށް ދެ އަހަރަށް އެ ރިސޯޓު ބަންދުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކެނެރީފްއަށް ކުރިމަތިވި ދަތިތަކުގެ ތެރެއިން ބައެއް ކަންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ފްލައިޓްތައް މަދުވުމުގެ އިތުރުން ވާދަވެރި މާކެޓެއް ނެތް ކަމަށެވެ.
މިއަހަރުގެ ކުރީކޮޅު ރިސޯޓުގެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވި ކަމަށާއި އެހެން ނަމަވެސް ހަމަ އެ ދުވަސްވަރު ކޮވިޑް19 ޕެންޑެމިކް އައުމާއެކު އިތުރަށް ގެއްލުން ބޮޑުވި ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް19އާ ގުޅިގެން އައްޑޫ ސިޓީގެ ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަމުން އަންނަ ތަންތަނުގެ ތެރޭގައި ކެނެރީފް ރިސޯޓުވެސް ހިމެނެ އެވެ.