13 Jun 2020, 17:07
ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި އައްޑޫ ސިޓީއަށް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ބޭނުންވާ ސާމާނު ގެންދެވޭނެ ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު މެންބަރު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައްޑޫ ސިޓީގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށެވެ.
"ޕޮޒިޓިވް ކޭސް އެއް ފެނުމާ އެކު މެޝިނާއި އެއާއި ގުޅުންހުރި ސާމާނު ފޮނުވުމުގެ މަސައްކަތް ވަނީ ފެށިފައި. މިއަދު ނޫނީ މާދަމާ އައްޑޫއާ ހަމައަށް ދާނެ،" މެންބަރު ނިހާދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.
އެއީ އައްޑޫ ސިޓީ އާއި ޖެހިގެން އޮތް ފުވައްމުލަކު ސިޓީއަށް އުފާވެރި ހަބަރެއް ކަމަށް ވެސް ނިހާދު ވިދާޅުވި އެވެ.
މާލެއިން އައްޑޫ ސިޓީއަށް ދަތުރުކޮށް، ޓްރާންސިޓް ކަރަންޓީނުގައި ހުރި މީހަކު އިއްޔެ ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ.
މިއީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުން ކޮވިޑް-19 ގެ ކޭސްއެއް ރިޕޯޓުކުރި ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް ހިނގާފާނެ ފަދަ ގޮތަށް އާންމުންގެ ތެރެއިން ޕޮޒިޓިވް ކޭހެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.
ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އައްޑޫ ގަމުގައި ހުންނަ އީކުއޭޓާ ވިލެޖު ރިސޯޓުގައި ކަރަންޓީނުކޮށްފައި ހުރި 65 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގެ އަތޮޅުތައް ފަސް ޒޯނަކަށް ބަހާލައިގެން، ފަސް ރަށެއްގައި ކޮވިޑް ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އައްޑޫ ސިޓީގައި 20 އެނދުގެ އައިސީޔޫ އަކާއި 22 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އައްޑޫ ސިޓީ ފޭދުގައި އަމިއްލަ ކުންފުންޏަކުން ހިންގަމުން އަންނަ ކްލިނިކެއްގައި ކޮވިޑް19 އަށް ޓެސްޓުކުރުމުގެ މަސައްކަތް ކުރި ނަމަވެސް އެކަމަށް ހުއްދަ ދެވެން ނެތް ކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.