29 Dec 2011, 20:03
އަންނަ އަހަރުގެ ބަޖެޓްގައި ސަރުކާރުން ނެގުމަށް ކަނޑައަޅާފައިވާ ލޯނުތަކާއި ގެރެންޓީތަކަށް ރުހުން ދިނުމުގެ މައްސަލައިގައި މާލިއްޔަތު ކޮމިޓީން ހުށަހެޅި ރިޕޯޓަށް މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދު ވޯޓަށް އެއްސެވީ މަޖިލިހުގެ ޕީޕީއެމްގެ މެންބަރުން ވަރަށް އަނިޔާވެރިކޮށް ތަޅަމުން ނެރުމަށް ފަހު ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމްގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި އެ ޕާޓީގެ ތަރުޖަމާނު އަހުމަދު މަހުލޫފް ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ހުށައެޅުނު ރިޕޯޓަށް އިސްލާހު ހުށައެޅުމުގެ ފުރުސަތު އެ ބޭފުޅުންނަށް ޝާހިދު ނުދެއްވައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމުން ނިޒާމީ ނުކުތާ ފެށުމުން އެކަމަށް ވެސް ފުރުސަތު ދީފައިނުވާ ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގެ 84 ވަނަ މާއްދާގައި ބުނަނީ މަޖިލިހުން ފާސްކޮށްދިނުމަށް ހުށެއެޅޭ މައްސަލަތަކާއި ގަރާރުތަކާއި ކޮމިޓީން ހުށައަޅާ ރިޕޯޓްތަކާއި އެހެންކަންކަމުގެ މައްޗަށް ވެސް އިސްލާހު ހުށައެޅޭނެ ކަމަށެވެ.
މަހުލޫފް ވިދާޅުވީ މަޖިލިސް މެދުކަނޑާލުމަށް ފަހު ޕީޕިއެމްގެ މެންބަރުންގެ ނަން އިއްވައި ބޭރުކުރީ މަޖިލިހުގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ގެންދެވޭ މިންވަރަށް ވުރެ ވެސް ބޮޑަށް ނިޒާމް ގެއްލި ފައިވާ ވަގުތެއްގައި ކަމަށާއި އަދި މަޖިލިހުގެ ނިޒާމް ގެއްލިއްޖެ ނަމަ ޖަލްސާ ނިންމާލަން ބުނެފައިވާ މާއްދާ އާއި ހިލާފަށް ރައީސް މިއަދު އަމްލުކުރެއްވި ކަމަށެވެ.
"އަޅުގަނޑުމެން 14 މެންބަރުން ރިޔާސަތު ކުރިމައްޗަށް އައިސް ތިޔަ ގޮތަށް ހުދުމުހުތާރުކޮށް ކަންކަން ނުކުރުމަށް އާދޭސް ކުރިން. އަދި މަޖިލިހުގެ ނިޒާމް ގެއްލުނުކަން އިއުލާންނުކޮށް އެ ހުރިހާ އެންމެންގެ ނަން އިއްވީ،" މަހުލޫފް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ނަން އިއްވި މެންބަރުން ޖަލްސާ އިން ނެރުއްވުމަށް ފަހު، މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ޖަލްސާ ކުރިއަށް ގެންދަވާފައި ވަނީ، 2:30ގެ ފަހުން ޖަލްސާގެ ވަގުތު އިތުރު ކުރުމަށް ހުށަހަޅައިގެން ކަމަށް ގަވައިދުގައި ބުނެފައިވީ ނަމަވެސް އެކަމާ ވެސް ހިލާފަށް ކަމަށާއި އެ ވަގުތަކީ ޖަލްސާ ނިމޭގަޑި ފަހަނައަޅައި ގޮސްފައިވާ ވަގުތަކަށް ވާތީ ޖަލްސާގެ ވަގުތު އިތުރު ކުރުމުގެ ފުރުސަތެއް ވޯޓަކަށް ނުގޮސް ނޯންނާނެ ކަމަށް ވެސް އެ އޭނާ ވިދާޅުވި އެވެ.
ނަމަވެސް ނަން އިއްވި މެންބަރުން ނެރުމަށް ފަހު ޝާޙިދު ޖަލްސާ ކުރިއަށް ގެންދަވާފައި ވަނީ 4:00 އަށް ވުރެ ވެސް ފަހުންނެވެ.
ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ވިދާޅުވީ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ފޮނުވާފައިވާ ރިޕޯޓްގައިވާ ކަންތައްތަކަށް ވަރަށް ގިނަ އިސްލާހު ހުށައަޅައިގެން ފުރިހަމަ ކުރެވެން ހުރި ކަމަށާއި އެ ރިޕޯޓްގައިވާ ގޮތުން އެމްޑީޕީގެ މެންބަރުންނަށް މަންފާ ލިބިދާނެ ކަމަށް ގަބޫލް ކުރެވޭކަންތައްތަކެއް ހުރުމުން އެގޮތަށް ފާސްކުރުމަށް ނުރުހުން ފާޅުކުރީ ކަމަށެވެ.
"އެމްޑީޕީގެ ވަކި ހާއްސަ މީހުންނަށް ލޯން ލިބޭގޮތަށް ވެސް ބައެއްކަންކަން ހުށައަޅާފައި ހުރިކަން ފާހަގުރެވޭ،"
ނިހާން ވިދަޅުވީ މިއަދުގެ މަޖިލިހުގެ ތަޅަމުން އެ ބިލް ފާސްކުރާނެކަން ކުރިން އެނގިވަޑައިގެން ނެވި ކަމަށާއި އެ ވާހަކަ އެމްޑީޕީގެ މެންބަރުން ވިދާޅުވި ކަމަށެވެ.
"ކަލޭމެން ހަޅޭއްލަވާ ތިތާ ތިބިނަމަވެސް މިއަދު ނަންއިއްވައި ބޭރުކޮށްފައި ނަމަވެސް ބިލަށް ވޯޓަށް އަހާނެ ކަމަށް އެމްޑީޕީގެ މެންބަރުންގެ ފަރާތުން ވަނީ އެނގިފައި،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ މިއަދުގެ ޖަލްސާގައި ޕީޕީއެމްގެ މެންބަރުން ދެކޮޅު ހެދީ އެއްގޮތަކަށް ވެސް އެ ރިޕޯޓަށް ވޯޓް ނުދޭން ނޫން ކަމަށާއި އެ ބިލަށް އިސްލާހު ހުށައެޅުމުގެ ފުރުސަތު ދެއްވައި އެކަން ކުރި ނަމަ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.
މަހުލޫފް ވިދާޅުވީ މިއަދުގެ ޖަލްސާގައި ނަން އިއްވައިގެން ނުނިކުތުމުގެސަބަބުން ވަރަށް ގިނަ މެންބަރުންނަށް އަނިޔާވި ކަމަށާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފްގެ ގަމީސް އެއްކޮށް ވީދިގެން ގޮސްފައިވާ ކަމަށެވެ. އަދި މިއަދުގެ ނޫސްވެރިންގެ ބައްދަލްވުމުގައި އަލީ އާރިފްގެ ވީދިފައިވާ ގަމީސް ވަނީ ނޫސްވެރިންނަށް ދައްކާލާފަ އެވެ. އެ ގަމީހުގެ ގޮށްތައް އެއްކޮށް ނެއްޓި ގަމީސް ވަނީ ވަރަށް ބޮޑަށް ވީދައިގެން ގޮސްފަ އެވެ.
މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ނަން އިއްވަވައި ޖަލްސާ އިން ނެރުއްވި މެންބަރުންނަކީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމާއި ގެމަނަ ފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާނު ހުސެއިން މަނިކާއި އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދެވެ.