29 Jun 2010, 10:29
14:30
ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރޭ މާލެވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ސިންގަޕޫރުގެ ރައީސް މިސްޓަރ އެސް.އާރު ނާދަނާ އަދި ބޮޑުވަޒީރު ލީ ސިއެން ލޫންގއާ ބައްދަލުކުރައްވައި ސިންގަޕޫރާއި ދިވެހިރާއްޖެއާ ދެމެދުގައި އޮންނަ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމާއި މިގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ. އަދި ސިންގަޕޫރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެކިއެކި އެހީތަކަށްޓަކައި ސިންގަޕޫރުގެ ރައީސަށާއި ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގައި، ސިންގަޕޫރުގެ ބޮޑުވަޒީރު އިއްޔެ މެންދުރު ރަސްމީ ފަރިއްކޮޅެއް ބޭއްވެވި އެވެ. މި ފަރިއްކޮޅުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ވިޔަފާރީގެ ގުޅުން އޮންނަތާ 70 ވަރަކަށް އަހަރު ވެއްޖެކަން ފާހަގަކުރެއްވި އެވެ. އަދި ސިންގަޕޫރަކީ ރާއްޖޭގެ ވިޔަފާރީގެ ވަރަށްބޮޑު ބައިވެރިއެއް ކަމަށާއި، ސިންގަޕޫރަކީ ދިވެހިން ވަރަށް ލޯބިވާ ތަނެއް ކަމަށްވެސް ވިދާޅުވި އެވެ.
ސިންގަޕޫރުގައި މިހާރު ހިނގަމުންދާ އޭޝިޔާ ޕެސިފިކް ވޯޓަރ މިނިސްޓަރޒް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަޤްރީރު ކުރެއްވި އެވެ. މި ތަޤްރީރުގައި، މުސްތަޤްބަލުގައި ދުނިޔޭގެ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެންމެ މުހިންމު ކަމަކީ، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކުރުން އިތުރުކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ސަރަޙައްދުގެ 99 ޕަސެންޓަކީ ކަނޑުގެ ސަރަޙައްދު ކަމުގައިވިޔަސް، ރާއްޖެއަށްވަނީ ފެން ލިބުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިކަންވެސް ފާހަގަކުރެއްވި އެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާރޑްންއަށް ޒިޔާރަތް ކުރެއްވި އެވެ. މި ޒިޔާރަތުގައި އެމަނިކުފާނުގެ ނަންފުޅަށް ނިސްބަތްކޮށް، ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާރޑްންގެ އޯކިޑް މަލަކަށް ނަން ދިނުމުގެ ރަސްމިއްޔާތެއްވެސް ބޭއްވުނެވެ. މިއީ ސިންގަޕޫރަށް ވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިންނަށް ސިންގަޕޫރު ސަރުކާރުގެ ފަރާތުން އަރުވާ ޝަރަފެކެވެ.
ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމު ކުރައްވައިގެން ބޭއްވެވި ބިޒްނަސް ފޯރަމްގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި އެވެ.