13 Jun 2020, 12:26
ނިއު ޔޯކް (ޖޫން 13): ވާބަލި ނުވަތަ ޕޯލިއޯއިން ރައްކާތެރިވުމަށް ދޭ އޯރަލް ޕޯލިއޯ ވެކްސިންއިން އާ ކޮރޯނާވައިރަހުން ވެސް ރައްކާތެރިވެވޭތޯ ބެލުމަށް ތަހުލީލުތައް ހަދަން ޖެހޭ ކަމަށް އެމެރިކާގެ ކަމާ ބެހޭ މާހިރުންގެ ޓީމަކުން ބުނެފި އެވެ.
އެ ޓީމުގެ މެމްބަރުންގެ ތެރޭގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ވެކްސިނާ ބެހޭ މާހިރެއް ކަމަށްވާ ކޮންސްޓަންޓިން ޗުމަކޮވް އާއި އެއިޑްސް ބަލި ޖައްސާ އެޗްއައިވީ ހޯދުމުގައި އިސް ދައުރެއް އަދާ ކުރެއްވި ޑރ. ރޮބަޓް ގަލޯ ހިމެނެ އެވެ.
އެ ޓީމުން ސައިންސް މެގަޒިންގައި ލިޔެފައިވާ ރިޕޯޓެއްގައިވާ ގޮތުން އޯރަލް ޕޯލިއޯ ވެކްސިންއަކީ ރައްކާތެރި، އަގުހެޔޮ، ފަސޭހައިން ދެވޭ އަދި ފަސޭހައިން ލިބެން ހުންނަ ވެކްސިނެކެވެ. އެގޮތުން އެ ވެކްސިންގެ އެއް ބިލިއަނަށް ވުރެ ގިނަ ޑޯޒް ކޮންމެ އަހަރަކު އުފައްދާ، 140އަށް ވުރެ ގިނަ ގައުމުގައި ބޭނުން ކުރެ އެވެ.
އޯރަލް ޕޯލިއޯ ވެކްސިން އުފެއްދުމަށް ބޭނުން ކުރަނީ ބާރު ދަށްކޮށްފައިވާ ޕޯލިއޯ ވައިރަހެވެ. އޭގެ ސަބަބުން ހަށިގަނޑުގައި ވަރުގަދަ އަދި ދިގު މުއްދަތަކަށް ހުންނަ އިމިއުން ރެސްޕޮންސްއެއް އުފެދޭ ކަމަށް ޗުމަކޮވް އާއި ގަލޯ ވިދާޅުވި އެވެ.
މީގެ އިތުރުން ޕޮލިއޯ ވެކްސިން ފަދަ ވެކްސިންތަކުން ކުޑަކުދިން އެހެން އިންފެކްޝަންތަކުންވެސް ރައްކާތެރިކޮށްދޭ ކަމުގެ ހެކި އެބަހުރި ކަމަށާއި، އެހެންކަމުން އާ ކޮރޯނާވައިރަސް ޖެހުމުގެ ފުރުސަތު ކުޑަ ކުރުމަށް ޕޯލިއޯ ވެކްސިން ބޭނުން ކުރެވިދާނެތޯ ޓެސްޓު ކުރުން މުހިއްމު ކަމަށް ލިޔުމުގައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން އޯރަލް ޕޯލިއޯ ވެކްސިން އިން ހަރޑް އިމިއުނިޓީ އުފެދެ އެވެ. ހަރޑް އިމިއުނިޓީއަށް ވާސިލުވަނީ އާބާދީގެ 70 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ މިންވަރަކަށް މީހުން ވައިރަހުން ރައްކާތެރިވުމުންނެވެ. އަދި ހަރޑް އިމިއުނިޓީ އުފެދެނީ އެހާވަރަށް ގިނަ މީހުންނަށް އެއް ފަހަރު ބަލި ޖެހި ރަނގަޅުވުމުން ނުވަތަ އެހާވަރަށް ގިނަ މީހުންނަށް ވެކްސިން ދިނުމުންނެވެ.
އެ ރިޕޯޓުގައިވާ ގޮތުން އޯރަލް ޕޯލިއޯ ވެކްސިންގެ ސަބަބުން މައްސަލަތައް ދިމާވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އެގޮތުން މައްސަލަތައް ދިމާވަނީ ވެކްސިންގެ ކޮންމެ 3 މިލިއަން ޑޯޒްގެ ތެރެއިން އެއް ޑޯޒްއިންނެވެ. އަދި އެފަދަ ހާލަތްތައް އާއްމުކޮށް ދިމާވަނީ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ ކުޑަކުދިންނަށެވެ.
އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ވަނީ އޯރަލް ޕޮލިއޯ ވެކްސިންއަކީ މިހާރު އެގައުމުން ލިބެން ހުންނަ ވެކްސިނަކަށް ނުވި ނަމަވެސް ޕޯލިއޯ ވައިރަސް ފެންނަ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި އަދިވެސް އެ ވެކްސިން ބޭނުން ކުރެ އެވެ. އެމެރިކާއިން ވަނީ 1979ގައި އެގައުމުން ޕޯލިއޯ ނައްތާލާފަ އެވެ.
ވައިޓް ހައުސްގެ ކޮރޯނާވައިރަސް ޓާސްކް ފޯސްގެ އިސް މެމްބަރެއް ކަމަށްވާ ޑރ. އެންތަނީ ފައުޗީ ވިދާޅުވި ގޮތުގައި ކޮރޯނާވައިރަހަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް އެކި ގައުމުތަކުގައި މިހާރު ކުރަމުންދާ އިރު، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ވެކްސިނެއް ތައްޔާރުވާނެ ކަމަށް އޭނާއަށް ބެލެވެ އެވެ.