13 Jun 2020, 09:19
ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގްގައި ރޭ ވާދަވެރި އޭސީ މިލާނާ އެއްވަރުކޮށް ޔުވެންޓަސް ފައިނަލަށް ދަތުރު ކޮށްފި އެވެ.
ތިން މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އިޓަލީގެ ފުޓުބޯޅަ ރަސްމީކޮށް ރޭ ފަށާފައިވާ އިރު އެލައިންޒް ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މި ނަތީޖާއާ އެކު ޔުވެންޓަސް އިން އިޓާލިއަން ކަޕްގެ ފައިނަލަށް ދަތުރުކުރީ މިލާނާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގްގެ މެޗު 1-1 އިން އެއްވަރުވުމުން އަވޭ ގޯލުގެ އުސޫލުން ކުރި ހޯދައިގެންނެވެ.
ކުޑަ ތަފާތަކުން ކުރި ހޯދައި ޔުވެންޓަސް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރި އިރު އެ ޓީމާ އެކު ފައިނަލުގައި ވާދަކުރާނެ ޓީމެއް އިނގޭނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ނަޕޮލާއާއި އިންޓަ މިލާން ބައްދަލު ކުރާ މެޗުންނެވެ. މި ދެޓީމު އިންޓަގެ ދަނޑުގައި ވާދަކުރި ފުރަތަމަ ލެގްގެ މެޗު 1-0 އިން ކާމިޔާބުކުރީ ނަޕޯލީ އެވެ.
ލީގު ތާވަލުގެ އެއްވަނައިގައި އޮތް ޔުވެންޓަސްއިން ރޭގެ މެޗަށް ނުކުތީ އަނިޔާގެ ސަބަބުން އެ ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިން ޓީމުގައި ނުހިމަނަ އެވެ. އެގޮތުން އެ ޓީމުގެ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގުއައިން އާއި ތަޖުރިބާކާރު ޑިފެންޑަރުގެ އިތުރުން ޖޯޖިއޯ ކިއެލީނީ އަދި މި ސީޒަނަށް އެ ޓީމާއި ގުޅުނު އެރޮން ރަމްސޭ ތިބީ އަނިޔާގަ އެވެ. އަނެއް ކޮޅުން މިލާނުން ރޭ ކުޅުނީ އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ޒްލަޓަން އިބްރަހިމޯވިޗް ނުލަ އެވެ.
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ޝިކާރައަކަށްވި ޕައޮލޯ ޑިބާލާ އާއި ބްލައިސް މަޓުއިޑީ އެ ބަލިން ރަނގަޅުވެފައިވާ އިރު އެ ދެ ކުޅުންތެރިން ވެސް ވަނީ ރޭގެ މެޗުގައި ކުޅެފަ އެވެ. މި ދެކުޅުންތެރިންގެ އިތުރުން އެ ބަލީގެ ތަޖުރިބާ ދެން ކުރި ޑެނިއެލް ރުގާނީ ރޭގެ މެޗުގައި އިނީ ބެންޗުގަ އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ގޯލު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޔުވެންޓަސްއަށެވެ. މިލާންގެ ކުޅުންތެރިއަކު އަތުގައި އޭރިއާގެ ތެރެއިން ބޯޅަ ޖެހުނު ކަމަށް ވީޑިއޯ އެސިސްޓެންޓްގެ ލަފަޔާ އެކު ޔުވެންޓަސްއަށް ދިން ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފަ އެވެ. އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި އެ ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
އޭގެ އިރަކޮޅެއް ފަހުން މިލާންގެ ފޯވާޑް އަންޓޭ ރެބިޗް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ރަތް ކާޑެއް ރެފްރީ ދައްކާފަ އެވެ.
އިޓާލިއަން ކަޕްގެ ދެ ވަނަ ސެމީގައި ނަޕޯލީއާއި އިންޓަމިލާން ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރު އެވެ. އިޓާލިއަން ކަޕްގެ ފައިނަލް މެޗު ރޯމްގައި ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ