13 Jun 2020, 09:00
ދިރިއުޅޭ ގޭގައި މީހަކު ކަރަންޓީން ކޮށްފައި ހުރި ނަމަވެސް އެގޭގައި ދިރިއުޅޭ އެހެން މީހުނަށް ބޭރަށް ނިކުމުވޭ ގޮތަށްއުސޫލަށް އިސްލާހުގެނެސްފި އެވެ.
މާލޭގައި ތާށިވެފައި ތިބި މީހުން ރަށަށް ގޮސް، އަމިއްލަ ގޭގައި ކަރަންޓީން ވެވޭނެ ގޮތް ޖޫން މަހުގެ ހަ ވަނަ ދުވަހު ނިންމި އިރު، އެފަދަ މީހުން ރަށުގައި ކަރަންޓީން ކުރަނީ 24 ދުވަހަށެވެ. މީގެ ކުރިން އުސޫލު އޮތް ގޮތުން އެގެއަކުން މީހުނަށް ބޭރަކަށް ނުނިކުމުވޭނެ އެވެ.
މީހަކު ކަރަންޓީން ކުރާ ގެއަކުން ބޭރަށް ނިކުމުވޭނީ ކޮންމެހެން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. އަދި އެހެން ގޭގެއަށް ޒިޔާރަތް ނުކުރުމާއި އެހެން މީހުންނާ އެއްވެ ނޫޅުމަށް ވެސް އެ އުސޫލުގައި ވަނީ ބުނެފަ އެވެ.
މީގެ ކުރިން އާންމު ކުރި އުސޫލުގައިވާ ގޮތުން ކަރަންޓީން ކުރާ ގޭގައި 60 އަހަރުން މަތީގެ މީހުންނާއި މާބަނޑު އަންހެނުންނާއި ހާއްސަ ބަލިތައް (ނޭވާ ހިއްލުން، ކިޑްނީގެ ބަލި، ހަކުރު ބަލި، ހިމޯގްލޯބިން ޑިސްއޯޑާ، އިމިއުނޯ ކޮމްޕްރޮމައިޒްޑް، ލިވާ ޑިޒީޒް، އަދި ހިތުގެ ބަލި) ފަދަ ބަލިތައް ހުންނަ ފަރާތްތައް އެ ގޭގައި އުޅެގެން ނުވާނެ ކަމަށް އުސޫލުގައި ބުނެފައެވެ.
ނަމަވެސް ރޭ އާންމުކުރި އުސޫލުގައި އެބައި ވެސް ވަނީ އުނިކޮށްފަ އެވެ.
އުސޫޅުގައި ބަޔާންކޮށްފައިވާ މުހިންމު ބައެއް ކަންކަން:
- ކަރަންޓީން ކުރާ މީހުން ބަހައްޓަން ވާނީ ގޭގައި ދިރިއުޅޭ މީހުންނާ ވަކިން ވަކި ކޮޓަރިއެއް ނުވަތަ ކޮޓަރިތަކެއްގައި
- ކޮޓަރީގައި އެއަރކޯން ހަރު ކޮށްފައި ހުރިނަމަވެސް ވައިދައުރު ވާގޮތަށް ކޮންމެ ދުވަހަކ ވެސް ކުޑަދޮރުތައް ހުޅުވާލަންވާނެ
- ކޮޓަރި ހުރުން އެދެވިގެން ވަނީ ވައިދަރުވާގޮތަށް ފާހާނާއާއިއެކު. އެކަކަށްވުރެ ގިނަ މީހުން ކަރަންޓީނު ކުރާނަމަ ދެއެނދު ދޭތެރޭގައި މަދުވެގެން 3 ފޫޓު ހުންނަންވާނެ. ކޮޓަރީގައި ފަންކާ ހުންނަންވާނެ.
ފާހާނާގައި ސާފުފެން ލިބެން ހުންނަން ވާނެ. - އަތްދޮވެވޭނެ އިންތިޒާމް ހަމަޖެހިފައިވާ، ސާފު ފެން ލިބެން ހުންނަ ފާހާނާއަކަށް ވާންވާނެ. އެކަކަށްވުރެ ގިނަ މީހުން ފާހާނާ ބޭނުންކުރާނަމަ މަދުވެގެން ދުވާލަކު 2 ފަހަރު ސާފުކުރަންވާނެ.
- އުމުރުން 60 އަހަރުން މަތީގެ ނުވަތަ ދާއިމީ ބައްޔަކަށް ބޭސްފަރުވާ ކުރާ މީހުންނާ އެއް ފާޚާނާއެއް، ކަރަންޓީނު ކުރާމީހާ ބޭނުންކުރުން އެދެވިގެން ނުވޭ.
- ކަރަންޓީނުކޮށްފައިވާ މީހާ ބޭނުންކުރުމަށް ތަށި، ސަމުސާ، ތުވާލި އަދި ބެޑުޝީޓު، ބާލީސް ފަދަ ތަކެތި ވަކިކޮށްފައި ބަހައްޓަންވާނެ.
- 60 އަހަރުން މަތީގެ މީހެއް/ދާއިމީ ބައްޔަކަށް ބޭސްފަރުވާކުރާ މީހެއް ގޭގައި ކަރަންޓީނު ކުރެވޭނީ، އޭނާގެ އެހީތެރިއަކު ހުރިނަމަ. އަދި އެހީތެރިޔާ އަކީ އުމުރުން 60 އަހަރުން މަތީގެ ނުވަތަ ދާއިމީ ބައްޔަކަށް ބޭސްފަރުވާ ކުރާ މީހެއް ނުވަތަ ކަރަންޓީނުކުރެވިފައި ހުރި މީހެއް ކަމުގައި ވެގެން ނުވާނެ. އެހެން ނޫންނަމަ ގޭގައި ކަރަންޓިން ނުކުރެވޭނެ.
ކޮވިޑް-19އާ ގުޅިގެން މާލޭގައި ފުރަބަންދު ވެފައިވާ މީހުން ރަށްރަށަށް ދިއުމަށް ރަށު ކައުންސިލްގައި ރަޖިސްޓްރީ
ވާންޖެހޭނެ އެވެ. އަދި ކަރަންޓީންވާން ބޭނުންވާ ގެއަކީ ނުވަތަ ތަނަކީ އުސޫލުތަކަށް ފެތޭ ތަނެއްތޯ އެޗްޕީއޭއާ ގުޅިގެން ކައުންސިލުން ބަލަންޖެހޭނެ އެވެ.
ކަރަންޓީންކުރާ މީހާއާއެކު އެހެން މީހިން ދިރިއުޅޭނަމަ ސިއްހީ ހާލަތު އެރަށުގެ އިމަރޖެންސީ އޮޕަރޭޓިންގ ސެންޓަރ އާއި ހިއްސާކުރުމަށް އަދި ކާބޯތަކެތި، ފެން، ބޭސް ފަދަ އެހެނިހެން ތަކެތި ގެއަށް ފޯރ ކޮށްދިނުމަށްޓަކާ ކޮންމެވެސް އެއް މެންބަރަކު ފޯކަލް ފޮއިންޓްއަށް ކަނޑައަޅަން ވާނެ ކަމަށް ވެސް އުސޫލުގައި ވަނީ ބުނެފަ އެވެ.
އަމިއްލަ ގޭގައި ކަރަންޓީން ވެވޭނެ ގޮތް ހަދާފައިވާއިރު އެފަދަ މީހުން ރަށުގައި ކަރަންޓީން ކުރަނީ 24 ދުވަހަށެވެ. މީގެ ކުރިން އެފަދަ މީހުން ރަށަށް ދިޔުމުގެ ކުރިން ސަރުކާރުގެ ކަރަންޓީން ފެސިލީޓަކުގައި ބަހައްޓަމުން އައީ 14 ދުވަހަށެވެ.
ރަށްރަށުގައި ކަރަންޓީނުވާ ފަރާތްތަކުން 24 ދުވަސް ކަރަންޓީންގައި ތިބެން ޖެހެނީ އެންޓިބޮޑީ ޓެސްޓް ކުރަން ނިންމާފައި ވާތީ ކަމަށް، އެންއީސޯސީގެ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ވަނީ ވިދާޅުވެފަ އެވެ.