ޕާޓްނާޝިޕްގެ ބިލާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލާއި އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ތަސްދީގު ކުރައްވައިފި އެވެ. މިބިލް ތަސްދީގު ކުރެއްވުމަކާ ގުޅިގެން މި ތިން ގާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާއިއުކޮށްފަ އެވެ.

ޕާޓްނާޝިޕްގެ ޤާނޫނަކީ، ރާއްޖޭގައި ޕާޓްނާޝިޕް އުފެއްދުމާއި، ރަޖިސްޓްރީ ކުރުމާއި، ހިންގުމާއި، ކަމާގުޅޭ އުސޫލުތައް ބަޔާން ކުރުމުގެ ގާނޫނެވެ. ޕާޓްނާޝިޕަކީ، ވިޔަފާރި ކުރުމުގެ މަގުސަދުގައި، ނުވަތަ އާމްދަނީ ހޯދުމަށް ވިޔަފާރީގެ އުސޫލުން މަސައްކަތެއް ކުރުމުގެ މަގުސަދުގައި، ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކު އެކުވެގެން، ވަކި ނަމެއްގައި އުފައްދާ ވިޔަފާރި ޖަމާއަތެކެވެ. މިގާނޫނުގެ ދަށުން ޕާޓްނާޝިޕް ބެހިގެން ވަނީ ދެބާވަތަކަށެވެ. އެއީ ޖެނެރަލް ޕާޓްނާޝިޕާއި، ލިމިޓެޑް ލަޔަބިލިޓީ ޕާޓްނާޝިޕެވެ.

އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދްމަތް، ލުއިފަސޭހަ ގޮތެއްގައި ލިއްބައި ދިނުމަށް މަގުފަހިކުރުމުގެ ގޮތުން، ގައުމީ ފެންވަރުގައި ސިއްހީ ފަރުވާގެ އިންޝުއަރެންސާ ބެހޭ ނިޒާމެއް އެކަށައަޅައި އެ ނިޒާމް އިންތިޒާމް ކުރެވިފައިވާ ގޮތުގެ ތަފްސީލާއި އެ ނިޒާމް ހަރުދަނާ ގޮތެއްގައި ހިނގާނެގޮތް ބެލެހެއްޓުމުގެ އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ. އަދި މިގާނޫނުގެ ދަށުން އެކަށައަޅައި ހިންގަންޖެހޭ ސްކީމް، މި ގާނޫނުގައިވާ ގޮތުގެ މަތިން ހިންގަން ފަށާނީ، 1 ޖަނަވަރީ 2012 އިން ފެށިގެންނެވެ.