މި މަހުގެ 10 ވަނަ ދުވަހު، މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި އުމުރުން 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ، 11 އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރު ކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކަމާ ގުޅޭ އިދާރާތައް އެކުގައި އެކަމުގެ ޝިކާރައަކަށްވި ކުއްޖާ އަށް އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ހާއްސަ އިސްކަމެއް ދީގެން ބަލަމުންނެވެ.

މާލޭ ސިޓީ ލޮކްޑައުން ކޮށްފައި ވަނިކޮށް، އަދި ފުލުހުންގެ ހާއްސަ ހުއްދައެއް ނަގައިގެން ނޫނީ ބޭރަށް ނުކުތުންް މަނާކޮށްފައި ވަނިކޮށް، ކުޑަ ކުއްޖަކު ގެސްޓަހައުސް އަކަށް ގެންދިޔަ ގޮތެއް ސާފެއް ނުވެއެވެ.

ގެސްޓްހައުސްއެއްގައި ކުޑަ ކުއްޖަކު ރޭޕްކޮށްފައި ވާއިރު، މިދިޔަ މަހުގެ ފަހުކޮޅު، އުމުރުން 16 އަހަރުގެ ކުޑަ އަންހެންކުއްޖަށް ބިރުދައްކައިގެން، އެކުއްޖާއާއި އާއިލާ ބްލެކްމެއިލްކޮށް، އެކުއްޖާ މާލެ ގެނެސް ރޭޕްކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް ހުށަހެޅީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.

އަދި އެ މައްސަލަ ހުށަހެޅުމާއެކު އެކުއްޖާ ހޯދުމަށް ކުރި މަސައްކަތުން ކުއްޖާ ފެނިފައިވަނީ މާލޭގެ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިން އެހެން މީހަކާ އެކުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ، މައްސަލައާ ގުޅިގެން، ކުށުގެ ރެކޯޑު އޮންނަ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މައްސަލައާ ގުޅިގެން ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައިވަނީ ކުއްޖާ އަދި މައިންބަފައިންވެސް ނުދަންނަ މީހެއް ކައިރިއަށް، ކުއްޖާ އެކަނިކަން ވަނީ އެނގިފައެވެ.

އަދި އަންހެން ކުއްޖާ މާލެ ގެނައުމުގައި ފައިސާއާ ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ، ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.