ކޮރޯނާގެ ދެވަނަ ރާޅެއްގެ ބިރުބޮޑުވެ ދުނިޔޭގެ ހިއްސާގެ ބާޒާރުގެ އަގުތައް ވެއްޓިއްޖެއެވެ.

ހިއްސާގެ ބާޒާރުގެ އަގުތައް ވެއްޓުނުއިރު އެމެރިކާގެ ފެޑަރަލް ރިޒާވުން ބުނީ އެމެރިކާގެ އިގްތިސާދު އަލުން ކޮޅަށް ޖަހަން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ.

އެމެރިކާގެ ހިއްސާގެ ބާޒާރުގައި ހިމެނޭ މައިގަނޑު ތިން އިންޑެކްސް ވަރަށް ބޮޑަށް ވެއްޓުނުއިރު ޑޯ ޖޯންސް އިންޑަސްޓްރިއަލްގެ ހިއްސާ ވަނީ ހަތް ޕަސެންޓް ދަށަށް ގޮސްފައެވެ.

އަދި އޭޝިއާގެ ހިއްސާގެ ބާޒާރުގައި ޖަޕާން، ހޮންގްކޮންގް އަދި ޗައިނާގެ ހިއްސާގެ އަގުތައްވެސް ވަނީ ވެއްޓިފައެވެ.

އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ހަކަތައާއި ދަތުރުފަތުރާ ގުޅޭ ހިއްސާގެ ބާޒާރުގެ އަގު ތަކަށެވެެ.

އޭގެ އިތުރުން ޔޫރަޕްގެ ހިއްސާގެ ބާޒާރަށްވެސް ލޮޅުން އަރައިފައިވާއިރު އިނގިރޭސިވިލާތުގެ އެފްޓީއެސްއީ 100 އާއި، ޖަރުމަނުގެ ޑެކްސް އަދި ފްރާންސްގެ ސީއޭސީ 40ގެ ހިއްސާތަކުގެ 4 ޕަސެންޓް ވަނީ ވެއްޓިފައެވެެ.

"ސަރުކާރުތަކާއި ކުންފުނިތަކާއި އަދި ރައްޔިތުން ކޮވިޑްގެ ދެވަނަ ރާޅަކަށް މާބޮޑަށްވެސް ތައްޔާރުވާން ޖެހޭ" ސޮސައިޓީ ޖެނެރަލޭގެ އިކުއިޓީ ސްޓްރެޓަޖިސްޓެއް ކަމަށްވާ ރޮލަންޑް ކަލޮޔަން ވިދާޅުވިއެވެެ.

މީގެ ކުރިން ފާއިތުވި ހަފްތާތަކުގައި ހިއްސާގެ ބާޒާރުގެ އަގުތައް ކޮންމެވެސް ވަރަކަށް މައްޗަށް އެރިއެެވެ. އެއީ ކޮރޯނާއާ ގުޅިގެން ބައެއް ގައުމުތަކުން އެޅި ފިޔަވަޅުތަކަަށް ލުއިދީ އިގްތިސާދުތައް ހުޅުވާލަން ފެށުމުންނެވެ. އަދި މިމަހު އެމެރިކާގައި ވަޒީފާތަަކަށް މީހުން ނަގަން ފެށުމުން އެގައުމުގެ ހިއްސާގެ ބާޒާރުގެ ނަޒްޑެކްގެ އަގުތައްވެސް މައްޗަށް ޖެހުނެވެ.

ނަމަވެސް އެމެރިކާގެ ލޭބާ ޑިޕާޓްމަންޓްއިން މިދިޔަ ބުރާސްފަތި ދުވަހު ބުނީ މިދިޔަ ހަފްތާ އެކަނިވެސް 1.5 މިލިއަން މީހުން ވަޒީފާ ނެތުމުން އެދޭ އެލެވަންސް ހޯދަން ހުށަހެޅި ކަމަށެވެެ. އެއާއެކު އެ އެލަވަންސް ހޯދާ މީހުންގެ އަދަދު 30 މިލިއަނަށް މިހާރު ވަނީ އަރައިފައެވެ.

އެމެރިކާގެ ފެޑެރަލް ރިޒާވްގެ ޕޮލިސީ ހައްދަވާ ބޭފުޅުން ވިދާޅުވީ މިއަހަރު ނިމެންދެން އެގައުމުގައި ވަޒީފާ ނެތް މީހުންގެ އަދަދު ނުވަ ޕަސެންޓްގައި އޮންނާނެ ކަމަށް ބެލެވޭ ކަމަށެވެެ.-- ބީބީސީ--