29 Dec 2011, 17:25
އާޓިފިޝަލް ބީޗްގައި ހިންގާ ޑައިނަމޯ ގާޑެން ރެސްޓޯރަންޓުން ސިޓީ ކައުންސިލްގެ ހުއްދައެއް ނެތި އަދި ކުއްޔެއް ވެސް ދެއްކުމެއް ނެތި ބިން ބޭނުން ކުރާ ކަމަށް ބުނެ އެ ރެސްޓޯރަންޓުގެ ވަކި ހިސާބެއް ސިޓީ ކައުންސިލުން މިއަދު ބަންދުކޮށް ފެންސްޖަހައިފި އެވެ.
އާޓިފިޝަލް ބީޗްގެ ފުޑް ކޯޓުތައް އަލުން ބީލަމަށް ލާން އިއުލާންކޮށްފައިވާ އިރު ސިޓީ ކައުންސިލްގެ މެންބަރު އަދި ޓްރޭޑް އެންޑް އެކޮނޮމިކް ޑިވަލޮޕްމަންޓް ސެކްޝަން ހިންގަވާ މުހަންމަދު އައިމަން އިސްމާއީލް މިއަދު ވިދާޅުވީ އާޓިފިޝަލް ބީޗް ފާހަނާ ބަރި ފުރަގަހުން އޮންނަ 222 އަކަ މީޓަރުގެ ސަރަހައްދު އެ ރެސްޓޯރަންޓުން ބޭނުން ކުރަމުން އައީ ގަވާއިދާ ހިލާފަށް ކަމަށާއި އެއީ އެހެން މީހަކަށް ދޫކޮށްފައިވާ ބިމެއް ކަމަށެވެ.
"އެއީ ޑައިނަމޯ އަށް ދޫކޮށްފައިވާ ބިމެއް ނޫން. އެއީ އެހެން ފަރާތަކަށް އެވޯޑް ކޮށްފައިވާ ބިމެއް. އެ ބިމުގައި އެ ބޭފުޅުން ވިޔަފާރި ކުރަމުން މިހާތަނަށް ގެންގޮސްފައި ވަނީ ހުއްދައެއް ނެތި އަދި ކުއްޔެއް ވެސް ނުދައްކާ،" ސިޓީ ކައުންސިލްގެ ބިޑް ކޮމެޓީ ވެސް ޗެއާ ކުރައްވާ އައިމަން ވިދާޅުވި އެވެ.
އަންނަ އަހަރު މުއްދަތު ހަމަވާ ޑައިނަމޯ އިން އެ ބިމުގައި ރެސްޓޯރެންޓް ހިންގާތާ މިހާރު ގާތްގަނޑަކަށް ތިން އަހަރެއްހާ ދުވަސް ވެދާނެ އެވެ. އައިމަން ވިދާޅުވީ އެ މުއްދަތުގައި އެ ބިމަށް ދައްކަން ޖެހޭ ބިމު ކުލި އެކަނިވެސް 5.2 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.
"ދައުލަތަށް ލިބެން ޖެހޭ ފައިސާތަކެއް ނުލިބި މިއޮތީ. އެބިން ނަހަމަ ގޮތުގައި ބޭނުން ކުރެވެމުން ދިޔައީ. އެހެންވެ އަޅުގަނޑުމެންގެ ޒިންމާއެއް އެއީ އެކަމަށް ހައްލެއް ގެނައުން،" އައިމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު އިންވަކިކޮށް ފެންސްޖަހާ ވަކި ކުރީ ޑައިނަމޯ އިން ވިޔަފާރިކުރުމަށް ނަގާފައިވާ 222 އަކަ މީޓަރުގެ ބިން ކަމަށެވެ.
ޑައިނަމޯ އިން އެގޮތަށް ބިން ބޭނުން ކުރުމުން އެ ރެސްޓޯރެންޓުގެ މައްސަލަ ތަހުގީގުކޮށް އެތަނުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް ދައުވާކުރަން ވެސް މިހާރު ވަނީ ނިންމާފަ އެވެ.
"އަޅުގަނޑުމެން އަތުގައި އެވިޑެންސް އެބަ ހުރި ޑައިނަމޯއިން އެބިން ބޭނުންކުރާކަން. އެންމެން ދަންނަ ކަމެއް އެއީ. އެހެންވީމާ އަޅުގަނޑުމެން އެކަން ތަހުގީގުކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދަން ކޯޓުގައި ކޭސް ފައިލް ކުރާނަން،" ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން އިންވަކިކޮށް ފެންސްޖެހީ މިއަދު މެންދުރު އެ ރެސްޓޯރެންޓުގެ ވިޔަފާރި ވެސް ކުރިއަށް ދަނިކޮށެވެ.