12 Jun 2020, 22:27
މި މަހުގެ 10 ވަނަ ދުވަހު، މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި އުމުރުން 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތަހުގީގު އަވަސްކުރަން ޕީޕީއެމް-ޕީއެންސީން ގޮވާލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގެ ގެސްޓް ހައުސްއެއްގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް މައްސަލައިގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މައްސަލައާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ނުބައި، ނުލަފާ ހަޑިމުޑުދާރު އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި އެ އަމަލު ހިންގި ފަރާތާއި، އަދި އެކަމުގައި އިތުރު އެއްވެސް ބަޔަކު އެހީތެރިވެފައިވާނަމަ، އެބަޔަކު ހޯދާ، ތަހުގީގު އަވަސްކޮށް ގާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް ވަނީ ގޮވާލައިފައެވެ.
"ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް އަނިޔާ ކުރުމާއި ޖިންސީ ގޯނާކުރުން އިތުރުވަމުން ދިއުމަކީ މި ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެކެވެ." ބަޔާނުގައިވެއެވެ.
ޕީޕީއެމް-ޕީއެންސީން ބުނީ މިފަދަ އަމަލުތައް ހުއްޓުވޭނީ، ނުފޫޒުތަކުން އެއްކިބާވެ ތިބެ، ދައުލަތުގެ މުއައްސަސާތަކުގެ ދައުރު ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ.
އަދި މިފަދަ މައްސަލަތަކުގެ ތަހުގީގު ލަސްނުކުރުމަށާއި އެފަރާތްތަކަށް ހައްގުވާ އަދަބު ތަންފީޒުކުރުމުގައި ލުއި ނުދިނުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.
ހަމައެއާއެކު، މިފަދަ ހާދިސާތައް ދިމާވާ ކުދިންނަށް ނަފްސާނީ ގޮތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފަރުވާތެރިކަމާއެކު ލަސްނުކޮށް ފުރިހަމައަށް ފޯރުކޮށްދީ އެކުދިންނަށް ލިބެންޖެހޭ ހިމާޔަތާއިި ރައްކާތެރިކަން ކަށަވަރުކުރެވޭނެ އިންތިޒާމުތައް ވެސް ދައުލަތުގެ ފަރާތުން ހަމަޖެއްސުމަށް ވަނީ ގޮވާލައިފައެވެ.