މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 27 މީހަކު ފެނިފައިވާކަމަށާއި، އަދި 40 މީހަކު ބަލިން މުޅިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

މިއަދު އަލަށް ފެނުނު 27 ކޭސްގެ ތެރޭގައި ހިމެނެނީ، 14 ދިވެހީންނާއި، ބަންގްލަދޭޝްގެ 12 މީހުންނާއި އިންޑިއާ މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 2،003 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ ވަނީ 1،193 އަށް އަރައިިފައެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 2000 އިން މައްޗަށް އެރި ނަމަވެސް، ބަލި ޖެހުނު ގިނަ މީހުން ވަނީ މިހާރު ރަނގަޅުވެފައެވެ. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ހިމެނެނީ 800 ކޭސް އެކެވެ.

އެޗްޕީއޭއިން ބުނީ މިވަގުތު 346 މީހަކު ކަރަންޓީނުގައި އެބަތިބި ކަމަށާއި އަދި 742 މީހަކު އައިސޮލޭޝަންގައި ތިބި ކަމަށެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ ހަތަރު ބަންގްލަދޭޝް މީހުންނާއި ހަތަރު ދިވެހިންނެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްއެއް ފެނިފައިވަނީ މާޗް 7 ވަނަ ދުވަހުއެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މާޗް 12 ވަނަ ދުވަހު އިއުލާންކުރި ގޮތަށް ރާއްޖެއިން ވަނީ މާޗް މަހުގެ ފަހުކޮޅު ބޯޑަރުތައްވެސް ބަންްދުކޮށްފައެވެ. އޭޕްރިލް 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19 ކޭސްއެއް ފެނުނު ފަހުން ރާއްޖޭގައި ބަލިފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިހާރު ކޮންމެވެސް ވަރަކަށް ޕޮޒިޓިވް ކޭސްތައް މަދުވެ، އެނދުގެ ކެޕޭސިޓީ އިތުރުވެފައިވާއިރު ސަރުކާރުން ވަނީ ރާއްޖޭގައި އޮތް ލޮކްޑައުންއައް ލުއިތަކެއް ދިނުމަށް ނިންމައިފައެވެ.