14 Jun 2020, 09:22
ކޮވިޑް-19އާ އެކު ޓޫރިޒަމް ހުއްޓި ރިސޯޓްތަކުގައި މަސައްކަތް ކުރާ އެތައް ސަތޭކަ ބައެއްގެ ވަޒީފާ ގެއްލިއްޖެ އެވެ. މިއަހަރު ތެރޭގައި ވެސް ޓޫރިޒަމް ކުރިއެކޭ އެއްގޮތަށް ނުފެށޭނެތީ އަދިވެސް އިތުރު މުވައްޒަފުންގެ ވަޒީފާ ގެއްލުމުގެ ފުރުސަތު އެބަ އޮތެވެ.
ވަޒީފާއިން ވަކިކޮށް، މުސާރަ ކުޑަކޮށް ނުވަތަ ނޯ ޕޭ ލީވްއަށް ފޮނުވުމުގެ ވާހަކަތައް އާންމު ކަމަކަށް ވެފައިވާއިރު، މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭ މުޅިންހެން އިވެނީ ރިސޯޓުތަކުން ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމުގެ ޝަކުވާތަކެވެ.
ރިސޯޓުތަކުގެ ދިވެހި މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރުމަށް ފޮޮނުވާފައިވާ މެމޯތަކުގެ ކޮޕީ "ސަން"އަށް ލިބިފައިވާ އިރު އެ މެމޯތަކުގައި ވަނީ ހަމަ އެއް ވާހަކައެކެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އޮޕަރޭޝަންތައް ދަށްވެ، އާމްދަނީ ލިބޭ މިންވަރު މަދުވެ ހަރަދު ކުޑަ ކުރަން މަޖުބޫރު ވާހަކަ އެވެ.
އެގޮތުން މެނޭޖްމަންޓުން އެ ހާލަތަށް ނުދިޔުމަށް މަސައްކަތް ކުރިނަމަވެސް މިހާރު އެއީ އިހުތިޔާރެއް ނެތްކަމެއް ކަމަށް މެމޯތަކުގައި ބުނެފައިވެ އެވެ.
ސަރުކާރުން އަންނަނީ ރިސޯޓުތަކަށް ލިބޭ ގެއްލުމަށް އެހީވުމަށް ރިލީފް ޕެކޭޖުތަކެއް ދޫކުރަމުންނެވެ. އެ ޕެކޭޖްގެ ޝަރުތަކީ ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމެވެ. އެހެން ނަމަވެސް އަދިވެސް ރިސޯޓުތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.
"ސަރުކާރުން ރިލީފް ފަންޑާއި އެއްޗިހިވެސް ދީފައިވާއިރު، ރިސޯޓުތަކުން މިދަނީ މުވައްޒަފުން ވަކި ކުރަމުން... ވަކިކުރަމުންދާއިރު ވެސް ބޮޑަށް މި ވަކި ކުރަނީ ދިވެހި މުވައްޒަފު މީހާ،" ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓެއްގައި މަސައްކަތްކުރަމުންދާ ފަރާތެއް "ސަން"އަށް ބުންޏެވެ.
ވަޒީފާއިން ވަކިކުރާ 90 އިންސައްތަ އަކީ ދިވެހިން
ރިސޯޓުތަކުން އޮޕަރޭޝަންސްތައް އަލުން ފެށުމަށް ތައްޔާރުވަމުންދާއިރު އަދިވެސް ބައެއް ރިސޯޓުގެ މުއައްޒަފުންނަށް ވަޒީފާއާ ދޭތެރޭ ވަކި ގޮތެއް އަންގާފައިނުވާކަމަށް މުވައްޒަފަކު ބުންޏެވެ.
ހަފްތާއެއްހާ ދުވަސް ތެރޭ ވަޒީފާއަށް ނުކުންނަން އަންގާފައިވާއިރު ބޯޑު އަދި މެނޭޖްމެންޓުން ދަނީ މުއައްޒަފުންނާއި މެދު އަމަލުކުރާނޭ ގޮތުގެ މަޝްވަރާތައް އަދިވެސް ކުރަމުންނެވެ.
މަޝްވަރާތަކުން ވަޒީފާއިން ބަޔަކު ވަކިކުރަންޏާ ވަކި ކުރާ އަދަދު ނިމޭނެއިރު މުވައްޒަފުން ތިބީ އެއްވެސް ވަރަކަށް ވަޒީފާގެ ޔަގީންކަމެއް ނެތި އެވެ.
"ގިނަ ދުވަސްވެ ޕްރޮމޯޝަނެއް ނުލިބި ތިބި މީހުންވެސް ހިމެނޭ އޭގެ ތެރޭގައި. އެކަމަކު ހަމަ އެންމެ މަތީ މެނޭޖާ ފެންވަރުގެ ދިވެހިންވެސް އެބަ ހުރި ކަނޑާފައި. ރައްޓެހި އެތައް ކުދިންނެއް އެބަ ހުރި އެހެން ކަޑާފައި،" ރިސޯޓް މުވައްޒަފަކު ޝަކުވާކުރި އެވެ.
ރިސޯޓްތަކުން މުވައްޒަފުން މަދުކުރާ މައިގަނޑު ސަބަބަކީ އަންނަ މަހު ރިސޯޓްތައް ހުޅުވި ނަމަވެސް، ކުރިން ލިބުނު ވަރަށް އޮކިއުޕަންސީ ނުލިބުމެވެ. އެހެންވެ، ރިސޯޓްތަކަށް މަޖުބޫރުވަނީ މުވައްޒަފުން މަދުކޮށް ރިސޯޓްތަކުގެ އެއްބައި އޮޕަރޭޓްކޮށް ރިސޯޓްތައް ހިންގާށެވެ. އެހެންވެ، ލިބޭ އާމްދަނީއަކާ އެއްވަރަކަށް ހަރަދުތައް ކުޑަކޮށްލަން ޖެހެނީ އެވެ.
ބޮޑެތި ބައެއް ރިސޯޓުތަކުން ވަޒީފާއިން ވަކިކުރާ މީހުންގެ 90 އިންސައްތައަކީ ދިވެހިން ކަމަށް ބުނެ މުވައްޒަފަކު ޝަކުވާކުރި އެވެ. އަދި ބައެއް ރިސޯޓުތަކުގައި ބިދޭސީ މަސައްކަތްތެރިންނަށް އިހުތިޔާރުތަކެއް ދީފައިވާކަމަށްވެސް އޭނާ ކިޔައިދިނެވެ.
"މި ރިސޯޓްގައި ބޭރު މީހުންނަށް ދިނީ އޮޕްޝަނެއް، ދިވެހިންނަށް ނުދޭ އޮޕްޝަނެއް ވެސް. ބޭރު މީހުންނަށް ދިނީ ޑީމޯޝަނަކަށް ގޮސްގެން ވަޒީފާގައި މަޑުކުރުމަށް،" މުވައްޒަފަކު ޝަކުވާކުރި އެވެ.
"މިސާލަކަށް މެނޭޖަރަކަށް ހުންނަ މީހާ އެސިސްޓެންޓް މެނޭޖަރަކަށް ހުންނަންޏާ...އެ އޮޕްޝަން ދިނީ. ބޭނުމިއްޔާ އެގޮތަށް ތިބެން ނޫނިއްޔާ ވަޒީފާ ހުސްކުރާ ގޮތަށް."
ދިވެހިންނާއި ބިދޭސީންނާއި ބޮޑެތި ތަފާތުކުރުންތަކެއް
ރިސޯޓެއްގައި މަސައްކަތް ކުރާތާ 10 އަހަރުވެފައިވާ އެ މުވައްޒަފު ބުނީ، ޓޫރިޒަމްގައި ދިވެހިންހާ ފުންނާބުއުސް ބަޔަކު ނުތިބޭނެކަމަށެވެ.
އެހެންނަމަވެސް މިހާލަތުގައި ދިވެހިން ވަކިކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި މުސާރަ ފަދަ ކަންކަން ހިމެނޭކަމަށް އޭނާ ލަފާކުރި އެވެ.
"ބައެއް ފަހަރު ބޭރު މީހުންނަށް ވެއްޖިއްޔާ އެބަ އާދޭ ތަންކޮޅެއް ލޯ ސެލަރީއަކަށް. ދެން މިސާލަކަށް ބޭރު މީހަކު މި ދަނޑިވަޅުގައި [ވަޒީފާއިން ވަކިކޮށް އަބުރާ ގައުމަށް] ފޮނުވާލުންވެސް ވަރަށް ބޮޑު ހަރަދަކަށް ވާނެ. އެހެންވެ ކަން ނޭނގެ ދިވެހިން މި ވަކިކޮށް ބޭރު މީހުން ބައިތިއްބަނީ،" މުވައްޒަފަކު ބުންޏެވެ. "ދެން އަނެއްކޮޅުން އިންޑަސްޓްރީގައި މިހާރު އެންމެ ގިނައީ...މެނޭޖްމެންޓް ލެވެލްގައި... އެމީހުން [ބިދޭސީން]. ދެން އެމީހުންވެސް ފޯކަސްކުރާނީ އެމީހުންގެ ގައުމުތަކުގެ މީހުންނަށްތާ."
ބޭރުގެ ބައެއް ކުންފުނިތަކުން ދިވެހިންނަށް ބައެއް ފަހަރު އިސްކަންދޭކަމަށް ބުނަމުން އޭނާ ކިޔައިދިން ގޮތުގައި ދިވެހި ކުންފުނިތަކުން ދިވެހިން ރިސޯޓް މަސައްކަތައް ގެންނަން ބައެއް ފަހަރު ބޭނުމެއް ނުވެ އެވެ.
"ހަގީގަތުގައި ދިވެހިންނާއި ވަރަށް ތަފާތު މަސައްކަތުގައި...އެހާ ފެއާއެއްނޫން... މިސާލަކަށް އަޅުގަނޑު މި އުޅޭ ރިސޯޓްގައި ވެސް ބޭރުން ގެންނަ މީހާ، މިސާލަކަށް މެނޭޖްމެންޓު ލެވަލްއަށް ވިޔަސް، ގެންނަ ފަހަރުގައި މުސާރަ ބޮޑު، ގާތްގަނޑަކަށް 300-500 ޑޮލަރު ވަރު ތަފާތުވާނެ،" އޭނާ ބުންޏެވެ.
އެގޮތަށް ގެންނަ ބައެއް މީހުންގެ އެއްވެސް ކަހަލަ ތަޖުރިބާއެއް ނުހުންނަކަމަށްވެސް އޭނާ ކިޔައިދިނެވެ.
ރިސޯޓްތަކުގެ މުވައްޒަފުންގެ ކަންބޮޑުވުމަކީ ރިލީފް ފަންޑު ލިބުނަސް ވަޒީފާ އަދާކުރާ އާންމު މީހާއަށް އެއްވެސް ވަރަކަށް ނުބެލުމެވެ. އެ ފަރާތްތަކުން ބޮޑަށް ވިސްނަނީ ހަރަދު ކުޑަ ކުރެވޭނޭ ގޮތަކަށް ކަމަށް މުވައްޒަފުން ބުންޏެވެ.
މަހު މުސާރައަކީ 1،600 ރުފިޔާ
ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި އަދި ކުރަމުން އަންނަ އެހެން ފަރާތެއް "ސަން"އަށް ހިއްސާ ކުރި ގޮތުގައި ބައެއް ރިސޯޓުތަކުން ވަނީ މުސާރައިގެ ގޮތުގައި ލިބޭ އަދަދު ވަރަށް ބޮޑުތަން ދަށްކޮށްފަ އެވެ.
އެގޮތުން މިވަގުތު މުސާރައިގެ ގޮތުގައި އޭނާއަށް ލިބެމުން ދަނީ 1،600 ރުފިޔާކަމަށް އޭނާ ކިޔައިދިނެވެ.
ޝަކުވާތަކާއި އެކު މި ފަރާތްތަކުން ބުނިގޮތުގައި ސަރުކާރުގެ ފަރާތުން އިތުރު ހަރުދަނާ ފިޔަވަޅުތަކެއް މިކަންކަން ހައްލުކުރަން އަޅަން ޖެހެ އެވެ.
އަދި މިކަންކަން ހައްލު ކުރަން ގާނޫނުތައް އިތުރަށް ވަރުގަދަކޮށް މިފަދަ ހާލަތްތަކުގައި ދާއިރާގެ މަސައްކަތްތެރިންނަށް އެހީތެރިވެދޭން ހާއްސަ ފަންޑެއްކަހަލަ އެއްޗެއް ގާއިމުކުރުމަކީ މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިދާނެ ކަމެކެވެ.
މިހާރު ރާއްޖޭގައި އޮންނަ ޓޫރިޒަމް ޓްރަސްޓް ފަންޑަކީ ރިސޯޓުތަކުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރު ކުރަން ނަގާ ފީ އާއި ސީއެސްއާރު ފައިސާ ޖަމާކުރާ ފަންޑެކެވެ.
ޓޫރިޒަމް ޓްރަސްޓު ފަންޑުން ކުރެވޭ ހަރަދުތަކަކީ އިޖުތިމާއީ ހަރަދުތަކާއި "ކްރިއޭޓިވް އައިޑިއާޒް" ތަކަށް ހަރަދުކުރުމެވެ.
އަދި ކޮވިޑާއި ގުޅިގެން ރާއްޖެއަށް ގެނައި ބޭރުގެ ސިއްހީ މާހިރުންގެ ޓީމެއްގެ ހަރަދުތަށްވެސް ވަނީ އެ ފަންޑުން ބަލަހައްޓައިފަ އެވެ.
އެހެންނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގައި މީހުން ވަޒީފާއިން ވަކިކުރުމުގެ މައްސަލަ ބެލުމަކީ ސީދާ ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓުގައި ވާ ކަމެއް ނޫނެވެ.
އެކަން ލޭބާ ރިލޭޝަންސް އޮތޯރިޓީއިން ބަލާއިރު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ދަނީ ވަޒީފާއަށް އަސަރުކުރާ ފަރާތްތަކަށް ޖޮބް ސެންޓާރ ޕޯޓަލްގައި ރެޖިސްޓްރީވުމަށް ބާރު އަޅަމުންނެވެ.
އެންސްޕާ މެދުވެރިކޮށް އެފަދަ ފަރާތްތަކަށް ތިން މަސް ދުވަސް ވަންދެން 5000 ރުފިޔާ ދިނުމަށް ވަނީ ނިންމައިފަ އެވެ.
މިފަހުން ޔޫއެންޑީޕީ އިން ކުރިޔަށް ގެންދިޔަ ރެޕިޑް ލައިވްލިހުޑްގެ ދިރާސާއަކުން ހާމަވި ގޮތުގައި ރިސޯޓްތަކުގައި މަސައްކަތް ކުރާ 45،000 އެއްހާ މީހެއްގެ ވަޒީފާއަށް ވަނީ ކޮވިޑް-19 ގެ ސަބަބުން އަސަރުކޮށްފަ އެވެ. މީގެ ތެރޭގައި 22،000 އަށް ވުރެ ގިނަ ދިވެހިން ހިމެނެ އެވެ.
ޖޮބް ސެންޓަރުގެ ޕޯޓަލްއަށް ރިސޯޓު ދާއިރާގައި މަސައްކަތްކުރާ 724 މީހަކު ވަނީ މިހާތަނަށް ވަޒީފާއަށް އަސަރުކޮށްގެން މައްސަލަ ހުށަހަޅާފަ އެވެ.
ޔޫއެންޑީޕީގެ ރިޕޯޓުން ދެއްކިގޮތުގައި އޭގެތެރެއިން 16 ޕަސެންޓް ފަރާތްތަކަކީ ވަޒީފާ ގެއްލިގެން މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކެވެ. އަދި 49 ޕަސެންޓް ނޯ ޕޭ ލީވްގައި ވަޒީފާގައި ބައިތިއްބާފައިވާއިރު 35 ޕަސެންޓު މުވައްޒަފުންނަކީ މުސާރަކުޑަކޮށްފައިވާ މުވައްޒަފުންނެވެ.
ޖުލައި މަހުގައި ރިސޯޓުތައް ހުޅުވާލުމަށް ސަރުކާރުން އަތުކުރި އޮޅާލަމުން ދިޔަ ނަމަވެސް ކަމާއިބެހޭ ފަރާތްތަކުން ވަނީ ފަތުރުވެރިކަމުގެ ދާއިރާ މުޅިން ހަމަޔަކަށް އެޅެން އަހަރެއްހާ ދުވަސް ހޭދަވާނޭކަމަށް ލަފާކޮށްފަ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އެންމެ ފަހުން ހާމަކުރިގޮތުގައި އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 1.9 މިލިއަން ރުފިޔާ 488 ފަރާތަކަށް ވަނީ ދޫކުރެވިފަ އެވެ.
އެހެންނަމަވެސް މިއީ ތިން މަސް ދުވަހަށް ކަނޑައެޅިފައިވާ އެލަވަންސްއެކެވެ. މުއްދަތު އިތުރު ނުކުރާހާ ހިނދެއްގައި ޖޫން މަހަކީ މި އެލަވަންސް މި ފަރާތްތަކަށް ލިބޭނޭ އެންމެ ފަހު މަހެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ބާރުވެރިކުރުވުމުގެ ގޮތުން ދާދި ފަހުން ވަނީ މަޖިލީހަށް ޕެޓިޝަނެއްވެސް ހުށަހަޅައިފަ އެވެ.
މި ޕެޓިޝަނަށް އާންމުން ހިޔާލު ހުށަހަޅަން ހުޅުވާލެވިފައިވާއިރު މި ޕެޓިޝަނުން ރަނގަޅު ގޮތެއް ވުމަކީ މި ދާއިރާގައި މަސައްކަތްކުރާ އެތައް ދިވެހީންގެ އުންމީދެކެވެ.
އެހެންނަމަވެސް މި މައްސަލަތަކަށް އިތުރު ފިޔަވަޅުތަކަކާއި އަވަސް ހައްލެއް އެބަ ބޭނުންވާކަމަށް ދާއިރާގެ މަސައްކަތްތެރިން ދަނީ ކެނޑިނޭޅި ބުނަމުންނެވެ.