12 Jun 2020, 21:39
ރޯމު (12 ޖޫން 2020): އެމެރިކާ އާއި އިސްރާއީލުން އަފްޣާނިސްތާނާއި ފަލަސްތީން އަދި އިރާގުގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތައް ބައިނަލްއަގްވާމީ ޖިނާއީ ކޯޓް (އައިސީސީ) އިން ތަހްގީގް ކުރާތީ އެކޯޓަށް ބިރު ދެއްކުމުގެ ގޮތުން އެމެރިކާ އެޅިފިޔަވަޅުތަކަށް އެކޯޓުން ރައްދު ދީފިއެވެ.
އައިސީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއަކީ ބައިނަލްއަގްވާމީ އަދާލަތަށް ހުރަސްއަޅާގައުމެއްކަން އެމެރިކާ އަމިއްލައަށް ދުނިޔެއަށް ސާބުތުކޮށް ދިނުމުން އެކަމާމެދު ހިތާމަކުރާކަމުގައެވެ.
އެމެރިކާ ސިފައިން އަފްޣާނިސްތާން ފަދަ ގައުމުތަކުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ލާއިންސާނީ ޖަރީމާތައް ބަލައި ތަހްގީގްކޮށް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރަންޖެހޭ އެމެރިކާގެ ސިފައިންނާއި މަސްއޫލުވެރިން ހާޒިރުކުރުމަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގައި ކުރިޔަށްދާނެކަމަށާއި އެމެރިކާދެކެ ބިރުން އެކޯޓުގެ އެއްވެސް މަސްއޫލުވެރިއަކު މިކަމުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެކަމަށް އެ ބަޔާނުގައިވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާއާއި އިސްރާއީލުގެ ލާއިންސާނީ ޖަރީމާތައް ތަހްގީގްކުރާ އައިސީސީގެ މުހައްގިގުންނާއި އެކަމާމެދު ދައުވާ ކުރާ ޕްރޮސެކިއުޓަރުންނާއި މައްސަލަތައް ބަލާ ފަނޑިޔާރުންނާއި އެމީހުންގެ އާއިލާގެ މެންބަރުން އެމެރިކާއަށް ވަނުން މަނާކުރުމުގެ ރިޔާސީ އަމުރެއްގައި ސޮއިކުރައްވާފައެވެ. މީގެއިތުރުން އެމެރިކާގެ ބެންކްތަކުގައިވާ އެފަރާތްތަކުގެ އެކައުންޓްތައް ފްރީޒްކޮށް އެމެރިކާގައިވާ އެބޭފުޅުންގެ މުދާތައް ހިފެހެއްޓުމަށްވެސް ޓްރަމްޕް ވަނީ ނިންމަވާފައެވެ.

ޓްރަމްޕް
އެމެރިކާއަކީ އެހެންގައުމުތަކަށް އިންސާނީ ހައްގުތަކުގެ ފިލާވަޅު ދީފައި އަމިއްލައަށް އިންސާނީ ހައްގުތަކަށް އަރައިގަންނަ ގައުމެއްގެ ގޮތުގައި ސިފަކުރެވޭ ގައުމެކެވެ. މިގޮތުން ސްރީލަންކާއާއި ސޫދާނުފަދަ ގައުމުތަކުގެ ސިފައިން ހަނގުރާމައިގެ މައިދާނުގައި އާންމުން މެރުމުގެ ޖަރީމާ ހިންގިކަމަށްބުނެ އެކަންކަން ބަލައި ތަހްގީގްކޮށް އެކަމުގައި ޒިންމާވާ ފަރާތްތަކަށް އަދަބު ދިނުމަށްގޮވާލައި އެެމެރިކާ ގެންދަނީ ވަކާލާތު ކުރަމުންނެވެ.
ނަމަވެސް އެމެރިކާ ސިފައިން އިރާގާއި އަފްޣާނިސްތާނުގައި ހިންގާފައިވާ ކަމަށް ބެލެވޭ މިބާވަތުގެ ޖަރީމާތައް ތަހްގީގް ކުރަން ފެށުމުން އެމެރިކާއަކަށް އެކަން ހަޖަމެއް ނުކުރެވުނެނެވެ. އެމެރިކާގެ މަސްއޫލުވެރިންވަނީ އެއީ އެމެރިކާ ސިފައިންގެ ހައްގުތަކަށް އަރައިގަތުންކަމާއި އަދި އެއީ އެމރިކާގެ މިނިވަންކަމާއި ސިޔާދަތަށް ގޯނާކުރުންކަމަށް ސިފަކުރައްވައި އެކަންކުރާ އައިސީސީގެ މަސްއޫލުވެރިންނަށް ބިރު ދައްކައި ބްލީ ކުރަން ފަށާފައެވެ.
އެމެރިކާގެ މަދަދު ލިބޭ އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އައިސީސީން ބަލަންފެށުމުންވެސް އެމެރިކާވަނީ އިންސާފަށް ހުރަސްއެޅުމަށްޓަކައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް މިގޮތަށް ބިރު ދައްކާފައެވެ.
އެމެރިކާގެ މިއަމަލުތަކާ ގުޅިގެން ހިޔުމަން ރައިޓްސް ވޮޗް އިންވަނީ އެމެރިކާއަކީ އިންސާނީ ހައްގުތަކަށް އަރައިގަންނަ ގައުމެއް ކަމަށް ސިފަކޮށްފައެވެ. މިގޮތުން އެެމެރިކާއިން އަމިއްލައަށް އިންސާނީ ހައްގުތަކަށް އަރައިގަނެ އިންސާފަށް ހުރަސްއަޅާއިރު އިންސާނީ ހައްގުތަކާއި އިންސާފާބެހޭގޮތުން އެމެރިކާ އެހެން ގައުމުތަކަށް ދޭނެ ފިލާވަޅެއް އޮންނާނެތޯ ހިޔުމަން ރައިޓްސް ވޮޗް އިންނާއި އެނޫންވެސް ޖަމާއަތްތަކުންވަނީ ސުވާލު އުފައްދާފައެވެ. (ނޫސްއެޖެންސީތައް)