ނަން އިއްވި މެންބަރުން ޗެމްބަރުން ނެރުއްވުމަށް ފަހު، އަންނަ އަހަރުގެ ބަޖެޓްގައި ސަރުކާރުން ނެގުމަށް ކަނޑައަޅާފައިވާ ލޯނުތަކާއި ގެރެންޓީތަކަށް މަޖިލީހުން ރުހުން ދިނުމުގެ މައްސަލައިގައި މާލިއްޔަތު ކޮމިޓީން ހުށަހެޅި ރިޕޯޓަށް ވޯޓަށް އަހައި ފާސްކޮށްފި އެވެ.

އެ ރިޕޯޓަށް ވޯޓަށް އެއްސެވި އިރު ޕީޕީއެމްގެ އެއްވެސް މެންބަރަކު މަޖިލީހުގެ ޗެންބަރަކު ނެތެވެ. އަދި ޑީއާރުޕީގެ މެންބަރުން ވެސް ވޯޓަށް އެހުމުން ނުކުތީ އެވެ. އެ ރިޕޯޓް މަޖިލީޙުން ފާސްކޮށްފައި ވަނީ ޖަލްސާގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ އިތުރުން ބައެއް އަމިއްލަ މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެވަގުތު ޖަލްސާގައި ތިއްބެވީ 40 މެންބަރުންނެވެ. އެ ރިޕޯޓް ފާސްކުރީ އޭގެ ތެރެއިން ވޯޓު ދެއްވި 38 މެންބަރުންގެ އިއްތިފާގުންނެވެ.

ނަން އިއްވި މެންބަރުން ޖަލްސާ އިން ނެރުއްވުމަށް ފަހު، މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ޖަލްސާ ކުރިއަށް ގެންދަވާފައި ވަނީ، 2:30ގެ ފަހުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނީ ޖަލްސާގެ ވަގުތު އިތުރު ކުރުމަށް ހުށަހަޅައިގެން ކަމަށް އިދިކޮޅު ޕީޕީއެމްގެ މެންބަރުން ވިދާޅުވަމުން ގެންދަވަނިކޮށެވެ. އަދި އެ ވަގުތަކީ ޖަލްސާ ނިމޭގަޑި ފަހަނައަޅައި ގޮސްފައިވާ ވަގުތަކަށް ވާތީ ޖަލްސާގެ ވަގުތު އިތުރު ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. ނަމަވެސް ނަން އިއްވި މެންބަރުން ނެރުމަށް ފަހު ޝާޙިދު ޖަލްސާ ކުރިއަށް ގެންދަވާފައި ވަނީ 4:00 އަށްވުރެ ވެސް ފަހުންނެވެ.

މާލިއްޔަތު ކޮމެޓީ އިން ހުށަހެޅި ރިޕޯޓަށް ފުރަތަމަ ވޯޓަށް އެހީ 14:04 ގަ އެވެ. ނަމަވެސް އެ ވޯޓް ނެގުމަށް އިދިކޮޅު މެންބަރުން ހުރަސްއެޅުއްވުމުން އަށް މެންބަރެއްގެ ނަން އިއްވައި ޖަލްސާ މެދުކަނޑާލުމަށް ފަހު ދެން ޖަލްސާ ފެއްޓީ 16:00ގެ ފަހުންނެވެ.

އިދިކޮޅު ޕީޕީއެމްގެ މެންބަރުން ވިދާޅުވީ މަޖިލީހުގެ ރައީސް ރިޕޯޓަށް ވޯޓަށް އެއްސެވީ ގަވާއިދާ ހިލާފަށް ކަމަށާއި އަދި އެ ވޯޓް އެ ގޮތަށް ނުނެންގެވޭނެ ކަމަށެވެ.

ރިޕޯޓަށް ވޯޓަށް އެހުމުގެ ފަހުންނާއި ވޯޓަށް އެހުމުގެ ކުރިން ވެސް އެ މެންބަރުން ވިދާޅުވަމުން ގެންދެވީ ކޮމިޓީ މަރުހަލާ ނިމިގެން މަޖިލީހުގެ ތަޅުމަށް އަންނަ ކޮންމެ މައްސަލައަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މެންބަރުންނަށް ދޭން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ ކަމަށެވެ. އަދި އެ ރިޕޯޓަށް އިސްލާހް ހުށަހަޅަން ބޭނުން ކަމަށާއި އެ ފުރުސަތު ނުދީ ވޯޓަށް ނޭހޭނެ ކަމަށް އެ މެންބަރުން ތަކުރާރު ކުރައްވަމުން ގެންދެވި އެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ، ބިލަށް އިސްލާހު ހުށަހެޅުމާ ގުޅޭ ގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތައް މަޖިލީހަށް ހުށަހެޅޭ މައްސަލަތަކާއި ގަރާރުތަކާއި ކޮމިޓީން ހުށަހަޅާ ރިޕޯޓްތަކާއި އެހެނެކަންކަމުގެ މައްޗަށް ހިނގާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ ކަމަށެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ރިޕޯޓާއި، އިޒްރޭލް ފްލައިޓު ޖެއްސުމާ ބެހޭ ގޮތުން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ނިންމާފައިވާ ރިޕޯޓަށް އިސްލާހް ހުށަހެޅުމުގެ ނުދީފި ނަމަ އެއީ މެންބަރުންގެ ހައްގުތަކެއް ގެއްލިގެން ދިއުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ވިދާޅުވީ މަޖިލީހުގެ ކަންތައް ކުރިއަށް ގެންދަވަނީ މީގެކުރިން ވެސް ކުރިއަށް ގެންދެވި ގޮތަށް ކަމަށެވެ. ނަމަވެސް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ވިދާޅުވީ ކަންކުރަންވީ ގޮތް ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ބޭނުންވަނީ ގަވާއިދުގައިވާ ގޮތަށް ކަންތައްތައް ކުރިއަށްގެންދަން ކަމަށާއި އެ ރިޕޯޓަށް ހުށަހަޅަން ހުރި އިސްލާހްތަކަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކުރިން ގޯސްކޮށް ކަމެއް ކުރެވިފަ އޮތުމުގެ މާނައަކީ އެގޮތަށް އެކަން ކުރިއަށް ގެންދިއުމެއްނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރިން ގެންދިޔަ ގޮތަށް ކަންތައް ގެންދަން ނިންމެވީ ކަމަށް ޝާޙިދު ވިދާޅުވުމާ ގުޅިގެން، ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖުތާޒު ވިދާޅުވީ، ވޭތުވެ ދިޔަ ދެ އަހަރު ވަންދެން މެންބަރުން ލައްވައި ގަވާއިދާ ހިލާފަށް ކަންތައްތައް ކުރައްވާފައިވާ ކަމަށް މަޖިލީހުގެ ރައީސް އިއްތިރާފްވެ ވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ގަވާއިދުގެ ދަށުން އެކަން ރަނގަޅު ކުރުމަށް އަންގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވޭތުވެ ދިޔަ ދެ އަހަރުވަންދެން އަޅުގަނޑުމެންލައްވާ ގަވާއިދާ ހިލާފަށް ރައީސް ކަންތައް ކުރެއްވިކަމަށް އިއްތިރާފްވެފައިވާތީ އެކަންތައް ރަނގަޅު ކުރުމަށް އަޅުގަނޑުމެން ގަވާއިދުގެ 84 ވަނަ މާއްދާގެ ދަށުން މި އަންގަނީ. ރައީސް ވިދާޅުވެއްޖެ އަޅުގަނޑުމެން ލައްވައި ދެ އަހަރުވަންދެން އަޅުގަޑުމެން ލައްވައި ގަވާއިދާ ހިލާފަށް ކަންތައްތަކެއް ކުރުވައިފީމޭ،" މުޖުތާޒް ވިދާޅުވި އެވެ.

މުޖުތާޒަށް ޖަވާބު ދެއްވަމުން ޝާޙިދު ވިދާޅުވީ، އެއްވެސް މެންބަރަކު ލައްވައި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އަދި މެންބަރުން ކަންކަން ކުރައްވާފައި ވަނީ މަޖިލީހުގެ ހުރިހާ މެންބަރުން އެގޮތަށް ބައިވެރިވެގެން އެއްބަސްވާތީ ކަމަށް ވެސް ޝާޙިދު ވިދާޅުވި އެވެ.

"އެއްވެސް މެންބަރަކު ލައްވައި ގަވާއިދާ ހިލާފަށް ކަމެއް ނުވެސް ކުރުވަން. ނުވެސް ކުރުވާނަން. މެންބަރުން އެކަން ކުރައްވާފައިވަނީ މަޖިލީހުގެ ހުރިހާ މެންބަރުން އެގޮތަށް ބައިވެރިވެގެން އެގޮތަށް އެއްބަސްވާތީ،" ޝާޙިދު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ނަން އިއްވަވައި ޖަލްސާ އިން ނެރުއްވި މެންބަރުންނަކީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމާއި ގެމަނަ ފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފާއި، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަނުދުﷲ އާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާނު ހުސެއިން މަނިކާއި، އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދެވެ.

މީގެކުރިން ވެސް އެފަދަ މައްސަލަތަކަށް މެންބަރުން އިސްލާހު ހުށަހެޅުއްވުމަށް ފުރުސަތު ދީފައިނުވާތީ މިއަދު ކުރިއަށް ދިޔަ ރިޕޯޓްގެ މައްސަލައިގައި މަޖިލީހުގެ ރައީސް ރޫލިން ދެއްވާފައި ވަނީ ރަނގަޅަށް ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
މާލިއްޔަތު ކޮމިޓީން ހުށަހެޅި ރިޕޯޓްގައި ވަނީ ލޯންތަކާ ބެހޭ ތަފުސީލުތައް މާލިއްޔަތު ކޮމެޓީ އަށް ފަހުން ހުށަހަޅާ ގޮތަށެވެ.
------------
ނޯޓް: މި ހަބަރު ފުރަތަމަ ޝާއިއު ކުރި، ލޯންތަކާއި ގެރެންޓީތައް ފާސްކުރުމަށް ޑީއާރުޕީ ވޯޓް ދިން ކަމަށް ލިޔެވިފައި ވަނީ އޮޅުމަކުންނެވެ. ޑީއާރުޕީން ބުނީ ވޯޓަށް އަހަން ފެއްޓުމުން ޑީއާރުޕީގެ މެންބަރުން ވެސް ނުކުތް ކަމަށެވެ.

އިިއްޔެގެ ވޯޓު ނެގިތާ 24 ގަޑިވީ އިރު ވެސް އެ ވޯޓްގެ ތަފުސީލު އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކުން އާންމެއް ނުކުރެ އެވެ.