ވޮޝިންޓަން (ޖޫން 12): އާ ކޮރޯނާވައިރަހުގެ ސަބަބުން ޖެހޭ ކޮވިޑް-19 ބަލީގައި ފުރާނައަށް ނުރައްކާވި މީހެއްގެ ފުއްޕާމޭ އެމެރިކާގެ ހޮސްޕިޓަލެއްގައި ނަގާ، އޭނާއަށް ސިއްހަތު ރަނގަޅު ދެ ފުއްޕާމޭ ދީފި އެވެ.

އެމެރިކާގެ ޝިކާގޯގައި ހުންނަ ނޯތުވެސްޓަން މެމޯރިއަލް ހޮސްޕިޓަލުން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ހޮސްޕިޓަލުން މިދިޔަ ހުކުރު ދުވަހު ލަންގް ޓްރާންސްޕްލާންޓް ހެއްދި މީހާ އަކީ 20 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާން އަންހެނެކެވެ. އަދި އޭނާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ދުވަހެއް ހާމަ ނުކުރި ނަމަވެސް އެ ބަލީގައި އޭނާގެ ފުއްޕާމެއަށް ފަރުވާކޮށްގެންވެސް ރަނގަޅު ނުކުރެވޭނެ ވަރުގެ ގެއްލުންތަކެއް ލިބެން ފެށީ މި މަހުގެ ކުރީކޮޅު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ބަޔާނުގައިވާ ގޮތުން އަންހެން މީހާގެ ފުއްޕާމެއަށް ލިބުނު ގެއްލުންތަކަށް ފަހު ހަށިގަނޑުގެ އެހެން ގުނަވަންތަކަށްވެސް ނޭދެވޭ އަސަރު ކުރަން ފެށި އެވެ.

"[ފުއްޕާމެއަށް] ލިބުނު އަނިޔާގެ ސަބަބުން ފުއްޕާމޭގެ ތެރޭގައި ވަރަށް ޕްރެޝަރު މަތިވެ، ހިތުގެ މަސައްކަތް ވެސް ހުއްޓެން ފެށި. އަދި ހިތުގެ މަސައްކަތް ހުއްޓެން ފެށުމުން ލޭ ދައުރު ނުވެ، ފުރަމޭވެސް ހުއްޓި، އެއަށް ފަހު ކިޑްނީގެ މަސައްކަތްވެސް ހުއްޓެން ފަށާ،" އެ ހޮސްޕިޓަލުގެ ލަންގް ޓްރާންސްޕްލާންޓް ޕްރޮގްރާމްގެ ސާޖިކަލް ޑިރެކްޓަރު ޑރ. އަންކިތު ބާރަތު ވިދާޅުވި އެވެ.

އެ ގެއްލުންތަކާ ގުޅިގެން އެ އަންހެން މީހާ ހަ ހަފްތާ ވަންދެން ހިތާއި ފުއްޕާމޭގެ މަސައްކަތް ކޮށްދޭ ލައިފް ސަޕޯޓު މެޝިނެއް ކަމަށްވާ އީސީއެމްއޯއާއި ވެންޓިލޭޓަރަކާ ގުޅާފައި އޮތް ހޮސްޕިޓަލުގެ ބަޔާނުގައިވެ އެވެ.

ބާރަތު ވިދާޅުވި ގޮތުގައި އެ އަންހެން މީހާގެ ފުރާނަ ސަލާމަތް ކުރެވެން އޮތް ހަަމައެކަނި ގޮތަކީ އާ ފުއްޕާމޭ ހޯދުން ކަމަށްވީ ނަމަވެސް އެ އޮޕަރޭޝަން ކުރުމުގެ ކުރިން އޭނާ ކޮރޯނާވައިރަހުން ރަނގަޅުވަންދެން މަޑު ކުރަން ޖެހުނެވެ. ބާރަތު ވިދާޅުވި ގޮތުގައި އެ އަންހެން މީހާ ވައިރަހަށް ނެގެޓިވްވެ، އޮޕަރޭޝަނަށް ތައްޔާރުވާން ފަސް ވަރަކަށް ހަފްތާ ނެގި އެވެ. އަދި އޭނާ ވައިރަހަށް ނެގެޓިވްވިތާ 48 ގަޑި އިރު ފަހުން އޮޕަރޭޝަން ކުރި އެވެ.

ބާރަތު ވިދާޅުވި ގޮތުގައި އާއްމު ގޮތެއްގައި އެފަދަ އޮޕަރޭޝަނެއް ކުރާ އިރު ބަލި މީހާއަށް އެކަން އަންގަން އެމީހަކު ހޭލައްވާ ނަމަވެސް، އެ އަންހެން މީހާގެ ހާލު މާ ބޮޑަށް ދެރަވުމުން އޭނާ ހޭލެއްވޭ ގޮތެއް ނުވެ އެވެ. އަދި އޮޕަރޭޝަން ކުރަން ހުއްދަ ހޯދީ އާއިލާގެ ފަރާތުންނެވެ.

އެ ހޮސްޕިޓަލުގެ ބަޔާނުގައިވާ ގޮތުން މިދިޔަ ހުކުރު ދުވަހު ކުރި 10 ގަޑިއިރުގެ އެ އޮޕަރޭޝަނަށް ފަހު އަންހެން މީހާގެ ހާލު މިހާރު ދަނީ ރަނގަޅުވަމުންނެވެ. އަދި އޭނާއަށް މިހާރު ވާހަކަ ދެއްކޭ ކަމަށާއި، އޭނާގެ ހާލަތާ މެދު ޑޮކްޓަރުން އުއްމީދު ކަނޑާނުލާތީ އެމީހުންނަށް ޝުކުރު އަދާ ކުރި ކަމަށްވެސް ބާރަތު ވިދާޅުވި އެވެ.

މީގެ އިތުރުން ބާރަތު ވަނީ އެއީ އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހަކަށް ކާމިޔާބު ކަމާއެކު ލަންގް ޓްރާންސްޕްލާންޓެއް ދިން ފުރަތަމަ ފަހަރަކުން ފާހަގަ ކުރައްވާފަ އެވެ. އަދި މިފަދަ ބަލި މީހުންނަށް ޓްރާންސްޕްލާންޓެއް ދިނުމުގައި ގޮންޖެހުންތައް ހުރި ނަމަވެސް، އެއީ ރައްކާތެރި ކޮށް ކުރެވިދާނެ ކަމެއް ކަން އެ ހޮސްޕިޓަލުން ދައްކަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުގެ އިންފެކްޝަސް ޑިޒީސެސް އެންޑް އޯގަން ޓްރާންސްޕްލާންޓޭޝަން ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. މައިކަލް އައިސަންް ވިދާޅުވި ގޮތުގައި ކޮވިޑް-19 ޖެހި، ހާލު ސީރިއަސްވާ މީހުންގެ ފުއްޕާމެއަށް ގެއްލުން ލިބެ އެވެ. އަދި ބަލިން ރަނގަޅުވާ މީހުންނަށް ފުއްޕާމޭ ޓްރާންސްޕްލާންޓު ކުރަން ފުރުސަތު ދިނުމަކީ އެމީހުންގެ ހާލު މުޅިން ރަނގަޅުވެވޭނެ ގޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުގެ ބަޔާނުގައި ވަނީ ކޮވިޑް-19އާ ބެހޭ ގޮތުން ހޯދަން ޖެހޭ އެތައް މައުލޫމާތެއް އަދިވެސް ހުރިކަން މި ކޭސްއިން ދައްކުވައިދީފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ ހޮސްޕިޓަލުން ދަނީ ދުޅަހެޔޮ ޒުވާން އަންހެނެއްގެ ހާލު މި ބަލީގައި އެހާވަރަށް ސީރިއަސްވި ސަބަބާއި އެކި ކޭސްތައް އެގޮތަށް ތަފާތު ވަނީ ކީއްވެގެންތޯ ބެލުމަށް ދިރާސާ ކުރަމުން ކަމަށް ބުނެފަ އެވެ.