12 Jun 2020, 15:26
މާލެއިން އައްޑޫ ސިޓީއަށް ދަތުރުކޮށް، ޓްރާންސިޓް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
މިއީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުން ކޮވިޑް-19 ގެ ކޭސްއެއް ރިޕޯޓުކުރި ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް ހިނގާފާނެ ފަދަ ގޮތަށް އާންމުންގެ ތެރެއިން ޕޮޒިޓިވް ކޭހެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.
ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އައްޑޫ ގަމުގައި ހުންނަ އީކުއޭޓާ ވިލެޖު ރިސޯޓުގައި ކަރަންޓީނުކޮށްފައި ހުރި 65 އަހަރުގެ ދިވެހި އަންހެނެކެވެ.
އެ އަންހެން މީހާއާ އެއް ކޮޓަރީގައި ކަރަންޓީނުކޮށްފައި ހުރި އޭނާގެ މާމަ ދަރިފުޅު ބައްޔަށް ނެގަޓިވްވެފައިވާ ކަމަށް އެންއީއޯސީއިން ބުންޏެވެ.
މީގެ ކުރިންވެސް އައްޑޫއިން ޕޮޒިޓިވް ކޭސްއެއް ފެނުނު ކަމަށް އެންއީއޯސީއިން ރިޕޯޓު ކުރިއެވެ. ނަމަވެސް ޕޮޒިޓިވްވި މީހާގެ އިތުރު ޓެސްޓުތައް ހެދުމުން އެނގުނީ އޭނާއަށް ކޮވިޑް ޖެހިފައި ނުވާ ކަމެވެ.