ކޮވިޑް-19އާ ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުތަކުގައި ރާއްޖެއިން ބަންގްލަދޭޝަށް 2،000 އަށްވުރެ ގިނަ މީހުން އަނބުރާ ފޮނުވާލައިފިއެވެ.

މޯލްޑިވިއަންއިން މިއަދު ބޭއްވި ރީޕެޓްރިއޭޝާން ފްލައިޓެއްގައި ރާއްޖޭގައި އުޅެމުން ދިޔަ ބަންގްލަދޭޝްގެ 200 މީހަކު ވަނީ އެގައުމަށް އަނބުރާ ފޮނުވާލާފައެވެ.

މިއާއެކު، ފްލައިޓުތަކުގައި ބަންގްލަދޭޝަށް އަނބުރާ ފޮނުވާލި މީހުންގެ އަދަދަކީ 2،100 ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މޯލްޑިވިއަންގެ ފްލައިޓުތަކުގެ އިތުރުން ބައެއް އެހެނިހެން ގޮތްގޮތަށްވެސް ވަނީ ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

އެގޮތުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓަކާއި، ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި އަދި އިންޑިއާގެ މަނަވަރެއްގައި ގާންގަނޑަކަށް 2000 އެއްހާ މީހުން ވަނީ އަނބުރާ ފޮނުވާލާފައެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ދިރިއުޅޭ އިރު ސައްހަ ލިޔެކިޔުންތައް ނެތް މީހުން ވެސް ގިނަ އަދަދަކަށް އުޅެ އެވެ. ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި ލިޔެކިޔުންތައް ނެތް ބިދޭސީސީ މަސައްކަތްތެރިންގެ އަދަދު 63،000 އަށް ވުރެ އިތުރުވާނެއެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީވެސް ބަންގްލަދޭޝް މީހުންނެވެ. އެ ގައުމުގެ 1046 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެއީ ބަންގްލަދޭޝް މަސައްކަތްްތެރިންނަކީ ކުދި ތަންތަނުގައި ތޮއްޖެހިގެން ދިރިއުޅެން ޖެހިފައިވާ ބައެއް ކަމުން ކަމަށް މީގެ ކުރިން އެޗްޕީއޭއިން ބުނެފައިވެއެވެ.