ތަފާތުކުރުމެއް ނެތި އެންމެނަށް ހަމަހަމަކަމާއެކު ކޮވިޑް-19 އާ ގުޅިގެން ސިއްހީ ފަރުވާދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް އދގެ ހިއުމަން ރައިޓްސް ހައިކޮމިޝަނާ މިޝެލް ބެޝެލޭ ވިދާޅުވެއްޖެ އެވެ.

ބެޝެލޭ މިހެން ވިދާޅުވީ މި މަހުގެ 10 ވަނަ ދުވަހު ނަން-އެލައިންޑް މޫވްމަންޓްގެ ޖެނީވާ ޗެޕްޓާގެ ވީޑީއޯ ކޮންފަރެންސް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ މީހާ ނިސްބަތްވާ ގައުމު ނުވަތަ އެމީހެއްގެ ނިސްބަތަށް ބެލުމެއް ނެތި ދިވެހިރާއްޖެއިން ކޮވިޑް-19 އާ ގުޅިގެން ސިއްހީ ފަރުވާ ފޯރުކޮށްދެމުންދާ ކަމަށެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދު ވަނީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ހައިކޮމިޝަނާގެ އޮފީހުން ކުރައްވާ މަސައްކަތަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.

ރާއްޖޭގައި ތިބި ބޭރު މީހުންނަށް ކޮވިޑް-19 އާ ގުޅިގެން ބޭސްފަރުވާކުރުމުގައި ތަފާތުކުރުމެއް ނުގެންގުޅޭނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް މީގެ ކުރިން އަރުވާފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ރާއްޖެއިން މިހާތަނަށް 1976 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ގިނައީ އެހެން ގައުމުތަކުގެ މީހުންނެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ 1046 މީހަކާއި، އިންޑިއާގެ 190 މީހަކާއި، ނޭޕާލްގެ 24 މީހަކާއި، ސްރީލަންކާގެ 11 މީހުން އަދި އިޓަލީގެ 11 މީހެއް ހިމެނެއެވެ. މީގެ އިތުރުންވެސް ބައެއް އެހެން ގައުމުތަކުން މަދު އަދަދުތަކަށް މީހުން ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި އަށް މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ ހަތަރު މީހަކުވެސް ހިމެނެއެވެ.

ކޮވިޑް-19 ގެ ފަރުވާގެ ކަންކަމުގައި ތަފާތުކުރުމެއް ނުގެންގުޅޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ބެޝެލޭ ވިދާޅުވި ނަމަވެސް، އެ ބަލީގެ ސަބަބުން މީހުން ކަރަންޓީނު ނުވަތަ އައިސޮލޭޓު ކުރުމުގައި ބިދޭސީންނާއި ދިވެހީން ތަފާތުކުރާކަމުގެ ކަންބޮޑުވުން ބައެއް އާންމުން ފާޅު ކުރެއެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިން ފެންވަރު ދެރަކޮށް ހަދާފައި ހުންނަ ފެސިލިޓީތަކުގައި ބައިތިއްބާއިރު ދިވެހިން ބައިތިއްބަނީ ރިސޯޓުތަކުގައިކަން ބައެއް މީހުން ފާހަގަކުރެއެވެ.

މިޝެލް ބެޝެލޭ އދގެ ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ މަގާމަށް ހަމަޖެއްސީ 2018 ވަނަ އަހަރުގެ ސެޕްޓޭމްބަރު އެއްވަނަ ދުވަހުއެވެ. އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޗިލީގެ ރައީސްކަން ކުރައްވައިފައެވެ. އެއީ ޗިލީގެ ފުރަތަމަ އަންހެން ރައީސެވެ.

އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި ރައީސް ސޯލިހްގެ ސަރުކާރު އައި ފަހުން ރާއްޖެއަކީ މިސާލެއްކަމަށް މިދިޔަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވެއެވެ.