މާޒިންގެ ފޯނެއް އައުމުން އާލިޔާގެ ހިތް އަވަސްވިއެވެ. ސަލާމް ގޮވާލުމުން މާޒިން ސަލާމްގެ ޖަވާބު ދިނެވެ.

"އެބަ އަންނަން މިރޭ....މަންމަ ބޭނުމީ އާލިޔާ މިގޭގައި ހުންނަން.." މާޒިން ބުނެލިއެވެ.

އާލިޔާ ސިހޭގޮތްވިއެވެ.

"އަރްސަން އުޅޭނެއްނު..."

"އާލިޔާ. މައްސަރެއްވާންދެން އަހަންނާއި އަރްސަންއާއެކު އުޅުނީ؟ އޭނާ އެއްވެސް ގޯނާއެއް ކުރިތަ؟ ބަލާ ދާނަން އެރައުންޑް ޓެން. ދެމީހުން ތިކަމާ ވާހަކަ ދައްކާނީ......"

"އޯކޭ.." އާލިޔާ އެއްބަސްވިއެވެ. އެކަމަކު އެހެން ބުންޏަސް ސްކައިޕެލެސް ގައި އުޅުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ޔޫކޭގައި އުޅުމަށްވުރެވެސް ޝާހީ ބަޔަކާއެކު އުޅެން އުދަގޫވާނެކަމަށް އޭނަގެ ހިތް ބުނަނީއެވެ. މައިދައިތައިންގެ ނުފޫޒާއި އާރާއި ބާރު ފިރިހެން ދަރިންނަށް އޮންނަ ވަރުވެސް އޭނާ ހަދާން ނައްތައެއް ނުލައެވެ. ނަމަވެސް މިކަހަލަ ކަންތައްތަކާ ބޯ ގާނާ ވިސްނަން ޖެހޭނެ ހެއްޔެވެ؟ ގެ މިހިރީ ޖެހިގެންނެވެ. ބޭނުން ގަޑިއެއްގައި ނިގާބު އަޅައިގެން ހަމަ އަންނަންވީއެވެ. އަދި މާޒިން އޭނާއަށް ވީ ވައުދުމަތިންވެސް ހަދާން ކޮށްދޭނީއެވެ.

***

އާލިޔާ އިޝާނަމާދަށްފަހު ކޮޓަރިއަށް ވަދެ ތައްޔާރުވާން ހުއްޓެވެ. ބޮޑު ދެލޮލުގައި އަނދުން އަޅައިލުމުން ލޮލުގެ ރީތިކަން އިތުރުވިއެވެ. މޫނުގައި މޮއިސްޗަރައިޒާއެއް ހޭކުމަށްފަހު ތުންފަތުގައި ލިޕްގްލޮސްކޮޅެއް ހާކާލުމުން ހިތްހަމަޖެހުނެވެ. ސެންޓާއި ބޮޑީޝޮޕްގެ ލުއި މީރުވަހުން ކޮޓަރިއެއްވަސްވިއެވެ. ތައްޔާރުވެ ނިމުނުތަނާހެން މިންކާ ކޮޓަރިތެރެއަށް ދެމިގަތެވެ.

"އާލިޔާ. ހިނގާ ގެއަށް ކާން ދާން.."

"ބައްޕަވެސް އިންތިޒާރުގައި ދޯ. މާޒިންވެސް ބުނި ޓެން ގައި ބަލާ އަންނާނަމޭ....."

"ވަރަށް ރީތި..." މިންކާ އާލިޔާގެ ކޮލުގައި ހިފައިލިއެވެ. "މާޝާﷲ..."

"ބޭރުފުށުގެ ރީތިކަން އަޅަމެންނަށް ދެއްވި ފަދައިން ހިތްތައްވެސް ރީތިކުރައްވާދޭވެ. އާމީން.." އާލިޔާ މިންކާގެ ގައިގާ ކުޑަގޮތަކަށް ބައްދައިލިއެވެ. " މާޒިންއަށްޓަކާ މި ރީތިވީ. އެކަމަކު މިހާރު އެންމެ ކަމަކާ ބިރުގަނޭ. އަހަރެން މީރާގެ ލޯބި ސްޓީލް ކުރަން އުޅެނީއޭ އެކަހަލަ އިހުސާސެއް މިންކްއަށް ކުރެވޭތަ؟ ނޭގި އަސްލު މާޒިންއަށްޓަކާ ހިތުގައި ލޯބި ލެއްވީ. މީރާއަކީ ދައްތައެއް ކަމެއް އޭރަކު ނޭގޭ. އެނގުނުނަމަ އެއްގޮތަކަށްވެސް މާޒިންއާއިމެދު ނުވިސްނާނަން. ވަރަށް ގިލްޓީ އެބަވޭ. މިންކް ބުނެބަލަ. މިއީ ކޮންކަހަލަ ލޯތްބެއްތަ؟ މާޒިން މީރާދެކެ އަދިވެސް ލޯބިވޭ...."

"ތިއީ މައްސަލައެއްނޫން. އެއްބަނޑުކުދިން އެކަކަށް ހިތްކިޔުން އެއީ އާއްމުކަމެއް. ސިބްލިންގް ރައިވަލްރީވެސް އޮންނަނީނު. ސޯ ހިތުގައި އުފެދޭ ލޯތްބަކަށް ފިލާނެކަމެއްނެތް. މީރާ ދުނިޔެއަކު ނެތް. މާޒިންއަކީ އާލިޔާގެ ހަޒްބެންޑް. އެނގޭތަ؟ މީރާވެސް މިހާރު ބޭނުންވާނީ މާޒިން އުފަލުގައި އުޅުން. އާލިޔާފަދަ ރަގަޅު ބައިވެރިޔަކު އޭނައާއެކުގައި ވާން. މީރާގެ ޗޮއިސްއަކަށް ދެވަނަ މީހަކު ނުވާނެ. އެހެން އަންހެންކުއްޖަކު އެ މަގާމު ފުރުމަށްވުރެ އަމިއްލަ ކޮއްކޮ ހުންނަން ބޭނުންވާނީ. ސޯ ގިލްޓީ ބައި ކަނޑާލާ. މާޒިންއާއި އާލިޔާއަކީ އެންމެ ގުޅޭ ޖޯޑު. ވަރަށް އުފާވޭ ދެކުދިން ގުޅުނީމަ.." މިންކާ ބުނެލިއެވެ. އޭނަގެ ހިތުގައި އާލިޔާއަށްޓަކާ އޮތް ހުރިހާ ހަސަދައެއް ފިލާ އެހިތް ސާފު ބިއްލޫރިކޮޅެއް ފަދަ ވެއްޖެއެވެ.

"މިރޭ މީރާގެ ރޫމްވެސް ބަލައިލަންވާނެ. މީރާ ދިޔަގޮތަށް އެކޮޓަރި ހަމަ އެހެން ބަހައްޓާފައި އެހެރީ" މިންކާ ބުނެލިއެވެ.

"އެންމެ ރަގަޅު..."

ދެކުދިން ތައްޔާރުވެލުމަށްފަހު ނުކުތްއިރު އަޔާޒުއާއި މަހުދީ ސިޓިންރޫމްގައި ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. ކާރަށް އަރާފައި މިންކާ އަނގަގަދަވެގެން އާލިޔާދެއްކިހާ ވާހަކަތައް މަހުދީއާއި ހިއްސާކުރިއެވެ. އާލިޔާ މީރާގެ މައްސަލައިގާ ކަންބޮޑުވެގެން ކުށްވެރި އިހުސާސްތަކެއް ވާކަމަށް ކިޔައިދިނުމުން މަހުދީވެސް ބުނީ އެއީ މައްސަލައެއް ނޫންކަމަށެވެ. މީރާގެ ފުރާނައަށްވެސް ހަމަޖެހުމެއް ލިބޭނީ މާޒިންއަށް އާލިޔާފަދަ ބައިވެރިޔަކު ލިބި އުފަލުން އުޅުނީމައެވެ. ގެއަށް ގޮސް އެންމެން އެކީ ކެއިއިރު އާލިޔާ މި އަޅި ދެލޯ ހޯދީ ކޮންތާކުންހެއްޔޭ ކިޔާ މަހުދީ އޭނަގެ ބައްޕައާއި ސުވާލުކުރަން ފެށުމުން މަންސޫރު އިނީ ފާޑަކަށެވެ. ކޮންމެވެސް ކަމެއް ފޮރުވަން އުޅޭފަދަ ގޮތަކަށް ކަޅި ހަމަނުކޮށް އެހެން ވާހަކައެއް ދައްކަން މަސައްކަތްކުރިއެވެ. މަންސޫރު އަދި ހިރާގެ ދެފަރާތު އާއިލާގައިވެސް އަޅިލޮލެއް ލިބިފައިވާ މީހަކު ނެތެވެ. މަހުދީވެސް ފާހަގަ ކުރީ ބައްޕަގެ އެކުވެރި އަދްނާނުގެ ދަރިފުޅު އާއިޒާއާއި އާލިޔާ ވައްތަރުކަމަށެވެ. އަދްނާންއަކީ މައިމޫންގެ ދެބެންގެ ދެދަރި ޒުވާނެކެވެ. އެއާއިލާއާއި މަންސޫރުގެ އާއިލާ އާއި ދެމެދު ޒަމާންވީ ގުޅުމެއް ދެމިގެން އައިސްފައިވިއެވެ.

މީރާގެ ކޮޓަރިއަކީ ކޮންމެ އަންހެންކުއްޖެއްގެ ހުވަފެނެވެ. އާލިޔާވެސް އަޖައިބުވިއެވެ. ރަސްދަރިކަނބަލެއްގެ ނިދާ ކޮޓަރިއެކޭ ތަފާތެއްނެތެވެ. އެނދުވެސް އަރާމުކަމާއެކު ގޮދަޑި އުސްކަމާއި ކުޝަންތައް ގިނަކަމުން ދައުވަތުދޭފަދައެވެ. ތުނި ތުނި ފިޔާތޮށިކުލައިގެ ސަދުވާއެއް އެނދުގެ ވަށައިގެން ދަމާލާފައެވެ. ފިޔާތޮށްޓާއި ވައިލެޓްކުލައިން ހުރިހާ ތަނެއްވެއެވެ. ލެވެންޑާ ބޮޑެތި އުއްބައްތިތައް ރެކްމަތީގައި ހުއްޓެވެ. މާޒިންއާއި މީރާގެ ރީތި ފޮޓޯތަކާއިއެކު އާއިލާގެ ފޮޓޯތަކުންވެސް ރެކްމަތި ފަޅުފިލާފައެވެ. އާލިޔާގެ ހިތް ތެޅިލިއެވެ. ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޝެލްފްގައި މެޑިސިން ފޮތްތަކާއެކު ކޮންމެވެސް ވަރަކަށް އިނގިރޭސި ވާހަކަފޮތްތައް ފެނެއެވެ. ހުރިހާ އެއްޗެއް ތަރުތީބުން ބަހައްޓާފައެވެ. ރީތިވާ މޭޒުމަތީ އެންމެ އަގުބޮޑު ސާމާނާއި ސެންޓްފުޅިތަކެވެ. ކްލޯޒެޓްވެސް ވަކި ކޮޓަރިއެއް ފަދައެވެ. އެކި ކުލައިގެ އެކި ސްޓައިލްގެ ހެދުންތައް ގިނަކަމުން ފިހާރައެއްފަދައެވެ. ބޫޓުތަކާއި ގަޑިތަކައި ގަހަނާތައްވެސް އަދަދު ނުކުރެވެއެވެ. ލޯތައް ތަރަ ތަރަޖަހައިގެން ދާނެއެވެ.

"ސީރިޔަސްކޮށް އަހަރެން މީރާގެ ލޯބި ސްޓީލް ކުރީތަ؟ "އާލިޔާ އަނެއްކާވެސް އެ އިހުސާސުން ކުށްވެރިވާގޮތްވިއެވެ.

"ޝީ ވޯޒް ލިވިން ލައިކް އެ ޕްރިންސެސް. އެ ދިރިއުޅުން ބޭނުންނުވާނެ އަންހެންކުއްޖަކު ނުވާނެ.." މިންކާ ބުނެލިއެވެ.

"މި އެނދު.........އެކަމަކު ދެން މީރާއަކަށް ދުވަހަކު މިތަނުގައި އޮށޯވެލާނެ ފުރުސަތެއް ނުލިބޭނެ... ކަށްވަޅުގެ އަނދިރިކަމުގައި އެކަނި މާ އެކަނި............" ކުއްލިއަކަށް މިންކާ މޫނު ދެއަތުތެރޭ ފޮރުވިއެވެ. އެ ހިމޭން ކަރުނައިން އާލިޔާގެ ހިތަށް އަސަރުކޮށް މިންކާގެ ގައިގާ އަތް ވަށައިލަމުން ނުރޯށޭ ބުނެލިއެވެ. އިރުކޮޅެއްފަހުން މިންކާ ހަމަޔަކަށް އެޅުނެވެ. އޭނަ އާލިޔާ ގާތު މާޒީގެ އެތައް ވާހަކައެއް ހިއްސާކުރިއެވެ. ކޮއްކޮ ދެކެ ހަސަދަވެރިވީ ގޮތާއި އެކަމާ މިހާރު ދެރަވެ ހިތާމަ ކުރާކަމުގައި ބުނެލިއެެވެ. ކިތަންމެ ހިތް ފަސޭހަކޮށް ދުނިޔޭގައި އުޅުނަސް އެންމެ ބޭނުންވީ ދުވަހު މީރާ އުޅޭނެ ހާލެއްނޭގޭ ކަމަށާއި އެކަމާއި ދެރަވެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރާކަމުގައިވެސް ބުންޏެވެ. ދެން މިންކާ ދެއްކީ އަރްސަންގެ ވާހަކައެވެ. އަރްސަންއާއިހެދި ހިތް ދީވާނާވެ އެކަމުން އަދިވެސް އަރައި ނުގަނެވޭކަމުގައި ބުނެލިއެވެ. އާލިޔާ ބުނީ ގިނަގިނައިން ނަމާދުކޮށް ދުޢާކުރުމަށެވެ. އީމާންތެރިކަން ވަރުގަދަވެ ހެއްދެވި ފަރާތާ އޮތް ގުޅުން ވަރުގަދަކުރުމުން އެ ގުޅުން ވަރުގަދަވެ ހިތާމަތަކުން އަރައިގަނެވޭނެކަމަށެވެ.

***

މާޒިން ބަލާ އައިސްފަ ހުރި ވާހަކަ ބުނުމުން އާލިޔާ އަވަހަށް ނިގާބު އަޅައިގެން ތިރިއަށް އައެވެ. ދެމީހުން އެކީ މަގަށް ނުކުންނަން އައިއިރު މެދުގޯތީގައި އިން ތަންކޮޅުގައި ގާޑެނިއާތަކާއި އެހެން މާތައް ފޮޅި ދުވާ މީރުވަހުން މުޅި ހިސާބު ހުވަދުވެލާފައިވެއެވެ.

"ހާދަ ވަރަކަށް ސެންޓް ޖަހައިގެން."

"ބޮޑަށް މިހިސާބުގައި ދުވަނީ މި މާތަކުގެ ވަސް ހެހެ...."

"އެކަމަކު ސިޓިންރޫމްގައި ހުއްޓާ އާލިޔާ އަރާ ހަމަވީމަވެސް......" މާޒިން ހީލިއެވެ.

"ކުޑަކޮށް ސެންޓް ޖެހިން." އާލިޔާ އެއްބަސްވީ ހީލަމުންނެވެ. ލަދުވެސްގަތެވެ. އޭނަ ރީތިވަނީ މޭކަޕްކުރަނީ އަދި މީރުވަސް ދުއްވަނީވެސް ފިރިމީހާއަށްޓަކައޭ ބުނަން ބޭނުންވިއެވެ.

"ހަރާމްކަމެއްނު.." މާޒިން ހަދާންކޮށްދިނެވެ.

"ބައެއް ހާލަތްތަކުގައި. ސްކައިޕެލެސްއަށްދާއިރު ސެންޓު ޖެހިޔަސް އެންމެ ރަގަޅުވާނެ.." އާލިޔާ ހީލަމުން ކިޔާލައިފިއެވެ.

"އޯކޭ ދެން ދީނީ ކަންތައް މަށަށްވުރެ އެނގޭނީ އާލިޔާއަށް ތާ. އަންހެންކުދިން އެހާ ވަރަށް މާތަކާއި ހެދި އުޅެނީ ކީއްވެ؟ މަންމަވެސް މާމަވެސް އެހާވަރުން އުޅޭނެ...." މާޒިން ޖިންސްގެ ޖީބަށް އަތް ޖަހާލައިގެން ހުރެ މަޑުމަޑުން ހިނގަމުން ދިޔައެވެ. އާލިޔާއާއި އެއް ހަމައެއްގައެވެ. ބައެއްފަހަރު މާޒިންގެ ހަށިގަނޑު އާލިޔާގެ ގައި ޖެހޭހާ ކައިރިވެލަނީ ނޭގުމުގެ ތެރޭގައެވެ. ކުދި ކުދި ކޫސަނި ވާހަކަތަކެއްގައި ކުރިއަށް ގޮސް ގެއާއި އަރާ ހަމަވިއެވެ. ސްކައިޕެލެސްގެ ފަތްތަރުމަތިން އަރަނިކޮށް އާލިޔާއަށް ފައި އެޅުނުގޮތަކުން އަރި އަޅައިލިއެވެ. މާޒިން ހުޝިޔާރުކަމާއެކު އަތުގެ ހިމާޔަތްދިނެވެ. ދެން ހުރީ އަތުގައި ހިފަހައްޓާލައިގެންނެވެ. އާލިޔާގެ ހިތް ތެޅިގަތްގޮތަށް މުޅި ހަށިގަނޑުވެސް ގަނޑުފެންކޮޅެއްހެންވިއެވެ. އިރުކޮޅެއްނުވެ ސުކައިނާ ސިޑިން ފައިބައިގެން އަންނަތަން ފެނުނެވެ. އޭނަ ވެސް ސަލާމް ގޮވާލާފައި އާލިޔާ ކައިރިކޮށްލާފައި ސަލާމްކޮށްލީ އަރަބި ގޮތަށެވެ. މިރޭ މައިދައިތަގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ހިތުގައިވާހާ ހަސަދައިގެ އަލިފާނެއް ނިވުނުފަދައެވެ.

"އާލިޔާ ކޮބާ ދަބަސް؟"

"ފަހުން ގެންނާނީ......" ޖަވާބު ދިނީ މާޒިންއެވެ.

އާލިޔާ މޫނުފޮތިކޮޅު ނެގުމުން "ވާއު" އޭ ސުކައިނާއަށް ބުނެލެވުނީ ބޭ އިޚުތިޔާރުގައެވެ. އެހާވެސް މިރޭ މޭކަޕްކޮށްފައި ހުރިލެއް ރީއްޗެވެ. މާޒިންވެސް އެވަގުތު އޭނައަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. އަލަށް އެ މޫނުން ކަމެއް ފެނިގެން ބަލާ ފަދައިން ފުދޭވަރަކަށް ގަދަޔަށް ބަލަންފެށިއެވެ. އާލިޔާ ރަކިވެސް ވިއެވެ.

"ޒިންއާއި މިހާ ގުޅޭ ކުއްޖެއް ނުވާނެ.."

"އެކަމަކު ފިކުރު ނުގުޅޭތީ މައްސަލައަކީ. ޚިޔާލާއި ފިކުރު ނުގުޅެންޏާ ވަރަށް އަވަހަށް ވަރިފަށަށް އަރައޭ ވެސް ބުނެއެއްނު މަންމާ. އެއީ ތެދު ވާހަކައެއްތަ...."މާޒިން ބުމަ އަރުވައިލިއެވެ. އެ ޖުމްލައިން އާލިޔާގެ މޫނަށް ވެރިވި ކުލަވަރު ފެނުމުން އާލިޔާ ހަގީގަތުގައިވެސް މާޒިންދެކެ ލޯބިވާކަން ސުކައިނާއަށް ޔަގީންވިއެވެ.

"ރަގަޅު ގެވެހި އަންބެއް ވެއްޖެއްޔާ އެހާ ފަސޭހައިން ވަރިއެއްނުވާނެ.."

"މާނައަކީ ތަޅާ މަރައިލިޔަސް މިހާ ދީނީ ކުދިން ފިރިމީހާގެ ބަސް އަހައިގެން ތިބޭނެއޭ؟ " މާޒިންއަށް މަޖާވިއެވެ.

"އޮފްކޯސް.." ސުކައިނާ ވެސް ހެމުން ބުނެލިއެވެ.

"ތެދެއް އާލިޔާ؟ އެކަމަކު މިގޭގައި ހުރިހާ ޚިދުމަތެއް ކޮށްދޭން ޚާދިމާއިން ތިއްބާ ގެވެހި ކުއްޖަކުން ކީއްކުރާނީ؟ " މާޒިން އިތުރު ސުވާލެއްކޮށްލިއެވެ. އަރްސަން ކޮޓަރިއަކުން ނުކުތްތަން ފެނި އަވަހަށް މޫނަށް ފޮތިކޮޅު ވައްޓައިލުމުން ސުކައިނާގެ ހިނިތުންވުން ކޮންމެވެސް ވަަރަކަށް ފަނޑުވިއެވެ. އާލިޔާގެ އެ އަމަލާއިމެދު އޭނަ ހިތްހަމައެއް ނުޖެހުނެވެ. އޭނަދެކޭގޮތުން އާއިލާ ތެރޭ ކޮންމެހެން ނިގާބު އަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް އެކަން ފޮރުވަން އޭނަ އަރްސަންއަށް ގޮވާ ގާތަށް ގެނައެވެ. ތިންކުދިން އެއްކޮށް ޔޫކޭގައި އުޅުނުއިރުވެސް އެކުވެރިނުވަނީހެއްޔޭ އެހިއެވެ.

"އާލިޔާއަކީ ވަރަށް ފޮނި ކުއްޖެއް. އާލިޔާ ބުނީ އޭނާހާ ރީތި ކުއްޖެއް އެހެންމީހުންނަށް ފެނުނީމަ އެސްފީނާ ޖެހޭނެޔޯ..." އަރްސަން އަތުގައި އޮތް ސްވިސް ޗޮކްލެޓުން އެތިކޮޅެއް މަންމަގެ އަނގައިގާ ލައްވާދިނެވެ. މާޒިންގެ އަނގަޔަށް ތަންކޮޅެއް ބޮޑުގަނޑެއް ކޮށްޕާލިއެވެ. "އާލިޔާ އިތުރަށް ފޮނިވާނެތީ ނުލިބޭނެ އެންމެ އެތިކޮޅެއްވެސް.."

"މަންމަ މާ ފަލަވެދާނެ ތިވަރަށް ޗޮކްލެޓް ކާންނުދީ ދޫނި. ޚާއްސަކޮށް ބެޑްޓައިމްގައި..........." ސުކައިނާ ވާހަކަދެއްކީ ނިކަން ލޯބިންނެވެ.

"ސުބުހާނަﷲ. އަޅުގަނޑު ނުބުނަން އެސްފީނާޖެހިދާނެތީއޭ. އެކްޗުއަލީ ޅިޔަނުންވެސް މަހުރަމުންނަކަށް ނުވާނެ. ދީނުގައި އޮންނަނީ އެގޮތަށް...." އާލިޔާ ބުންޏެވެ.

"މިގޭގައި ހުރިހާ ގަޑިއެއްގައި އެއްކޮށް ކެއުމަކީ ޒަމާނުއްސުރެ ހަރުލާފައިވާ އާދައެއް. އެކަމަކު މިވީގޮތުން އެންމެން އެއްކޮށް ކައިގެން ޖިބްރީލް އަރްސަން އާއި ރާހިލް ދިޔައީމަ މަންމައާއި ބައްޕަ އަދި މާޒިން އާލިޔާ ކެވެންދެން މަޑުކޮށްލާނީ. އޭރުން އެކަނި ކާކަށް ނުޖެހޭނެއްނު. ކޮންމެ ގަޑިއެއްގައިވެސް އެހެން ހަދަމާ. ދީނަށް އުޅޭ ކުއްޖެއްގެ އުސޫލުތައް މުގުރާކަށް ބޭނުމެއްނޫން. ހަގީގަތުގައި އެނގޭތަ؟ އެންމެ ފަސޭހައިން އެގޮތަށް އަންހެންކުދިންނާއި އަޅައިގަންނާނީ ޅިޔަނުން.. ހަމަ އެ މަންޒަރުތައް ފެނިފައި ވަނީ...." ސުކައިނާގެ ޖުމްލައިން މާޒިންއައި އަރްސަންވެސް ދެލޯ ބޮޑުކޮށްލިއެވެ. މަންމަވެސް އެފަދަ ތަޖުރިބާއެއް ކޮށްފައިވަނީ ބާވައެވެ.

"މިދަނީ ފްރެންޑަކާއެކު ބޭރަށް..ކުޑަކޮަށް ލަސްވިޔަސް މަންމަމެން ކަންބޮޑު ނުވައްޗޭ." އަރްސަން ސުކައިނާގެ ނިތްކުރިއަށް ބޮސްދީފައި ދާން ހިނގައިގަތެވެ. ސުކައިނާ އާލިޔާއާއި މާޒިންއާއި ވާހަކަދައްކާލަން އިރުކޮޅެއް ވާންދެން ހުއްޓެވެ.

"ދަރިފުޅުމެންވެސް ދެން ނިދަންދޭ. މާ ލަސްވެއްޖެ.." ސުކައިނާ އަތުކުރީގައިވާ ފިނިފެންމާކުލައިގެ ގަޑިއަށް ބަލައިލަމުން ބުނެލިއެވެ.

ދެމީހުން އެކަނިވުމުން މާޒިންވެސް ކޮންމެވެސް ވަރަކަށް ޖެހިލުންވާގޮތްވިއެވެ. ޔޫކޭގައި އުޅުނުއިރު ނުކުރެވޭފަދަ އިހުސާސްތަކެއް ކުރެވި އާލިޔާއާއި އެކަނިވާން އޭނަ ނުތަނަވަސްވަނީއެވެ. އާލިޔާގެ ހިތުގައި އޭނައަށްޓަކާ ލޯބި އުފެދިފައިވެއެވެ. އެ ލޯބި އަނބުރާ ހޯދަންވެސް އުއްމީދުކުރާނެއެވެ. ވީއިރު އޭނައަށް ކިހާ އުދަގޫވާނެހެއްޔެވެ؟ އާލިޔާގެ ރީތިކަން ފެނި މީރާ މަތިން ހަދާން ނައްތާލުމަކީ އިންސާފެއް ނޫނެވެ.

މާޒިން ރެއިލިންގައި ދަތްދޮޅި ޖައްސާލައިގެން ޚިޔާލަކަށް ގެއްލިފައި ހުރިތަން ފެނިފާ އާލިޔާ ގޮސް މާޒިންގެ އަތުގައި ހިފައިލިއެވެ. އަންގި ލައްވާފައި ހުރުމުން އެފޭރާން ހުރަހަކަށްވިޔަސް މާޒިންއަށް އެ އަތާ ދިމާލަށް ބަލައިލެވުނީ ކަންބޮޑުވެފައިވާ ފަދަ ގޮތަކަށެވެ.

"ޓެރެސްއަށް ކޮފީއެއް ބޯލަން ހިނގާ.." އާލިޔާ ދައުވަތު ދިނެވެ.

"ގުޑް އައިޑިއައެއް..." މާޒިން ހީލާފައި ވަގުތުން ހަމަޔަކަށް އެޅުނެވެ. "ކޮޓަރިއަށް ވަނުމަށްވުރެ ރަގަޅު އޮޕްޝަނެއް."

ފަހު ޖުމްލަ ވީ މާޒިންގެ ހިތުގައެވެ. ހިތުގައި ވާހަކަތައް ފޮރުވައިގެން ހުރުމަކީ އެންމެ ރަގަޅުގޮތް ބާވައެވެ. ނޫނީ ސީދާ ސީދަލަށް ހިތް ހުޅުވާފައި އޭނަގެ ހަގީގަތް ބަޔާންކޮށްދޭންވީ ބާވައެެވެ. މި ކައިވެނީގެ މަގުސަދު ހާމަކުރަންވީއެވެ. އަރްސަންއާއި ޑީލެއް ހަދާ އެދެމީހުން ގުޅުވަން އޭނަ ކުރިކަމެއްކަން ބުނާނީއެވެ. އޭރުންވާނީ ކިހިނެއް ހެއްޔެވެ؟ އާލިޔާހަދާނީ ކިހިނެއްބާވައެވެ. މޫނަށް އެތިފަހަރެއް ވީއްލާލާފައި ނުކުމެގެންދާނީ ބާވައެވެ. ނޫނީ ފިރިމީހާގެ ހައްގުގައި ބަސްއަހާ ވަފާތެރި އަންބެއްގެ ގޮތުގައި އޭނަ ހެދިހާ ގޮތަކަށް އެއްބަސްވެގެން އިންނާނީހެއްޔެވެ؟ދީންވެރި އަންހެންކުދިންގެ ވިސްނުމާއި ފިކުރު ހުންނާނެގޮތް އަދި އޭނައަށް މުޅިން ދިރާސާ ކުރެވިފައެއް ނެެތެވެ. ޔަގީނުންވެސް އެކަން އެނގެން މާ ގިނަ ދުވަހެއް އޮތްހެނެއް ހިޔެއް ނުވެއެވެ.

ދެމީހުން ކޮފީ ޖަގު ހިފައިގެންގޮސް ޓެރެސްއަށް އެރިއެވެ. ހިޔާާކޮށްފައިވާ ބައިގާ މަޑުގޮދަޑިޖެހި ސޯފާތަކާއި ރަގްތައް އަޅާ ލަންޓްންތައް އެލުވާފައެވެ. ސޯފާގައި އިށީދެލިއިރު ދޭތެރޭގައި އަދި އެހެން މީހަކަށް އިނދެވޭނެ ހުސްޖާގަ ހުއްޓެވެ. އޮރެންޖް ލަންޓްންއެއްގެ ފަނޑުއައްޔާއެކު ފަލަކުގައި ހިނިތުންވެލައިގެން އިން ހަނދުގެ ސަބަބުން ތަނަށް ވެރިވެފައިވަނީ ސިހުރުވެރި އަލިކަމެކެވެ. މުށިތަކުގައި އިންދާފައި ހުރި މާމެލާމެލީގެ މީރުވަހުން މުޅި ފަޒާވެސް ސެންޓުލެވިފައެވެ. މިފަދަ އިޝްގީ މާހައުލެއްގައި އެކަނިވެރިކޮށް ލިބުމުންވެސް މާޒިންގެ ޚިޔާލު ހުރީ އެހެން ދިމާލެއްގައެވެ.

"ރާޒުވާ ކުޅެން އެނގޭތަ؟ " އޭނަ ކުރިމަތީގައި ހުރި މޭޒުމަތީގައި ހުރި ރާޒުވާ ގެ ކުޅިގަނޑު އަތުރަންފެށިއެވެ.

"ކޮންމެވެސް ވަރަކަށް...."

"ގުޑް...މޮޅުވާ މީހަކަށް ހަދިޔާއެއް އޮންނާނެ...." މާޒިން ހީލިއެވެ. "އާލިޔާ މޮޅުވެއްޖެއްޔާ ޗޮކްލެޓެއް ނޫނީ މާ ގަހެއް....."

"މާޒިން ވެއްޖެއްޔާ.."

"ޗީޒްކޭކެއް އަޅާދީ. ތިއްތި އެދުވަހު ނުދީ ކާލީމާ އާލިޔާގެ ޗީޒްކޭކުކޮޅެއް ނުކެވިފައި އަދިވެސް މިހިރީ......"

"އޯކޭ. ވިދާޅުވިގޮތެއް.." އާލިޔާ ކުޑަކޮށް ކައިރިއަށް ޖެހިލިއެވެ. "މާޒިން ބުނީމެއްނު މިރޭ ވާހަކަދައްކާނަމޭ. މިގޭގައި ހުރުމާ އެހެން ކަންތައްތަކާ ބެހޭގޮތުން."

"ހޫމް. އެވާހަކަ. މަންމަ ބޭނުމެއްނުވޭ މަންމަގެ ޅީދަރިއެއް އެހެން ގެެއެއްގައި ހުންނަން ސޯ އޮބްވިއަަސްލީ ޔޫ ޝުޑް ބީ ސްޓޭއިން ވިތް އަސް ދޯ. އަރްސަންއާއި މިރޭވެސް ދިމާވިއެއްނު. އޭނަ އަޅާނުލާނެ. ދެން ގެ ޖެހިގެން މިހިރީ. އާލިޔާ ކޮންމެ ދުވަހަކު މާމަ ކައިރިއަށްގޮސް ބޭނުންގޮތަކަށް އުޅެންވީ. ހިފަހައްޓާނެ މީހެއް ނެތް."

"ވަޓް އެބައުޓް އަސް..." އާލިޔާ މާޒިންއާއި ހަތަރުކަޅި ހަމަކޮށްލަމުން އެހިއެވެ.

"ތިބުނީ..."

އާލިޔާ ކަންބޮޑުވެގެން ދުރަށް ބަލަންފެށިއެވެ. އެދެމީހުންގެ ގުޅުމާއި ބެހޭގޮތުން މާޒިން ވާހަކަދައްކަން ތައްޔާރުނޫންކަން އެޖުމްލަ ހެކިދެއެވެ. އޭނަވެސް މިހުންނަނީ މީރާގެ ސަބަބުން ކުށްވެރި އިހުސާސްތަކެއްގައެވެ. ދުނިޔޭގައި ނެތަސް މީރާދެކެ ލޯބިވާ ޒުވާނަކާއެކު ހަޔާތް ވޭތުކުރާއިރު އަބަދު އެހެން ހިތަށްއަރާނެ ބާވައެވެ. މާޒިންގެ ހިތުން ދުވަހަކު މީރާ ފިލައިގެނެއް ނުދާނެއެވެ. ދެމީހުންގެ ހިތުގެ އިހުސާސްތައް ބަންޑުންކޮށްލުމެއް ނެތި ފޮރުވައިގެން އުޅުމުން ކައިވެނީގެ ގުޅުމުގައި ރެނދުލާން ފަށާނެއެވެ. ރަގަޅަށް ނުފެށިގެން އުޅެނިކޮށެވެ.

"އަހަންނަށް އެނގޭ. އާލިޔާ އެކްސްޕެކްޓް ކުރާނެ ދޯ އަހަރެންގެ ފަރާތުން ކަންތައްތަކެއް؟ މިބުނީ އާލިޔާ ތިހާ ރަގަޅަށް ކަންތައް ކޮށްދޭން އުޅޭއިރު.."

"ނޫން. އެއްވެސް ކަމަކަށް އެދިގެނެއް ނޫން ފިރިމީހާއަށް ކޮށްދޭން ޖެހޭ ކަންތައް ކޮށްދެނީ. ހަަމައެކަނި މާތްﷲއަށްޓަކާ ލޯބިވަނީ.............." އާލިޔާގެ އެ ޖުމްލައިން މާޒިން ސިހޭގޮތްވިއެވެ. ނުސީދާކޮށް ލޯބިވަމޭ ބުނެލީހެއްޔެވެ. އާލިޔާގެ ކެރޭ ކަމަކީ އޭނަ ދެކެ ތަޖުރިބާކޮށްފައިވާ ކަމެކެވެ. އެކަމަކު ލޯބިވާ ވާހަކަ މިހާ ފަސޭހައިން ބުނަން ކެރޭނެ ކަމަކަށް ހީނުކުރެއެވެ.

"މާތްﷲއަށްޓަކާ ލޯބިވުމުން ހަމައެކަނި އެފަރާތުން ސަވާބާއި ރަހުމަތް ލެއްވުން އެދޭނީ..."

"އަހަރެންގެ ފަރާތުން އެކައްޗެއް ނުދެވުނަސް ހެޔޮ؟ " މާޒިން ހައިރާންވިއެވެ.

"ޔެސް......."

"ތިއަށް ލޯބިއޭ ކިޔޭތަ؟ "

"މިއީ ހަގީގީ ލޯބި. ހަގީގީ ލޯބިވަން ފުރަތަމަ އިންސާނާއާއި އިންސާނާގެ ހިތް ކްރިއޭޓްކުރެއްވި ޚާލިގުވަންތަ މާތްﷲ ދެކެ ލޯބިވާން ޖެހޭނީ. އޭރުން ދެން ލޯބިވާން އެނގޭނީ."އާލިޔާ ބުނެލިއެވެ.

"ހޫމް....." މާޒިން އެކަމާ ދެކޮޅެއް ނެހެދިއެވެ. ކޮންމެވެސް ވަރަކަށް ކުށްވެރިވާފަދަ އިހުސާސެއްކުރެވުމުން އެވާހަކަ އިތުރަށް ދައްކާ ހިތް ކެނޑުނެވެ.

މާޒިންއަށް އެބުނާ ތަންކޮޅު ވިސްނެން މާ ގިނައިރެއް ނުނެގިއެވެ. ތިމާގެ ފުރާނައޭ ދިރިހުރުމޭ ކިޔަކިޔާފައި ރުޅި ވީ މީހުންގެ ލިސްޓުގައި އަދާވެސް ހިމެނެއެވެ. އޭރު ހީވަނީ ހަމަ އަރްސަންއާއި ހެދި ދީވާނާވެފައި ހުންނަހެންނެވެ. ނިމުނުއިރު އެއީ ކޮންފަދަ ލޯތްބެއްހެއްޔެވެ. ކައިވެނިރޭގައި އަދާ ފިލީއެވެ. އަރްސަން އަމިއްލައަށް މަރުވާން އުޅުމުން ނާކާމިޔާބުވިއެވެ. އޭގެފަހުން ބަދަލު ހިފުމުގެ ރޫހު އާވެ އަދާގެ ދިރިއުޅުމަށް ދަތިކުރަން އާލިޔާއާއި ގުޅެން އުޅުނީއެވެ. އެފަދަ ލޯތްބަކަށް ލޯތްބެކޭ ނުކިޔޭނެއެވެ. އާލިޔާ އެބުނީ ރަަގަޅު ނުކުތާއެކެވެ. ތެދުވެރި ހަގީގީ ލޯބިވާން އެނގޭނީ އާލިޔާފަދަ ކުދިންނަށް ބާވައެވެ.

***

ސްކައިޕެލެސްގެ އާއިލާ މެމްބަރުން ބަގީޗާގެ ގަސްތަކުގެ ހިޔަލުގައި ވާހަކަދައްކާލާ ހިތް އުފާކޮށްލަން ތިއްބެވެ. އެގަޑީގައި އާއްމުކޮށް ކޮންމެވެސް ބުއިމަކާއިއެކު ލުއި ކާއެއްޗެއް ކާލުމަކީ އާދައެކެވެ. އާލިޔާގެ ގޭގައި ތައްޔާރުކުރި ނަބީޒާއި ފޮނިކާ އެއްޗެއް ގެނެސް މޭޒުމަތީ ބެހެއްޓިއެވެ. އެރަން މުށިކުލަ އަރާ ބުއިމުން ރަހަ ބަލާލާފައި އެންމެން ތިބީ ފާޑަކަށެވެ. އަރްސަން މޭ ނުބައިކުރާގޮތަކަށް އޯކަށް ދަމައިގަތެވެ،

"މިއީ ކޯންޗެއް؟ މީރު ޑްރިންކެކޭ ކިޔާފައި...." އަރްސަން ރުޅިގަދަވެފައި ތަށި މޭޒުމަތީ ބަންލާފައި ޖެހުމުން ތަށި ތެޅިކުދިކުދިވެއްޖެއެވެ.

"ތެދެއް މިއީ ހާދަ ފާޑެއްގެ އެއްޗެކޭ. މީރެއްވެސް ނޫން......" މާޒިންވެސް އެއްބައިވިއެވެ.

"އަރްސަން. މާޒިން. އާލިޔާއަށް މީރުއެއްޗެއް ވީމަ އެހާވަރުން ތައްޔާރުކޮށްގެން ގެނެސްދިނީ. ކާއެއްޗެއްސަށް ފާޑުކިޔާކަށް ނުވާނެ. ބޭއަދަބީ ކަންތައް ނުކުރޭ. މިއީ ހަމަ ރަގަޅު ބުއިމެއް. މީރު ރަހައެއް އެބަދޭ. މިއީ ކޮން ނަމެއް ކިޔާ އެއްޗެއްތަ؟ " މައިމޫން އެއްސެވިއެވެ.

"ނަބީޒު..."

"އަރަބި ބުއިމެއްތަ؟ "

"މިއީ ރަސޫލާ ސައްލައްﷲ އަލައިވި ވަސައްލަމްގެ ފެވެރިޓް ޑްރިންކެއް. ކަދުރާ މާމުއި އެއްކޮށްގެން ހަދާފައި. ފައިދާތައް ގިނަ ބުއިމެއް.." އާލިޔާ ބުނެދިނެވެ.

"އޯ....އެހެންވިއްޔާ މަންމަ ވަރަށް ލައިކްވާނެ. ކޮބާ ރެސިޕީ....."ސުކަައިނާ އެހިއެވެ.

އާލިޔާ އެ ހަދަންވީގޮތް ކިޔައިދިނެވެ.

"ރަގަޅު ރެސިޕީއެއް މިލިބުނީ. ރިޒޯޓުގައިވެސް މި ޑްރިންކް ތައްޔާރުކުރުވާނީ. ޕްރޮފެޓްގެ ފެވެރިޓް ޑްރިންކްއަށް ކަން އެނގުނީމަ އެންމެންވެސް ބޯ ހިތް ޖެހޭނެ. ގުރުއާނާއި ސުންނަތަށް ފޮލޯވެސް ކުރަންވާނެ. ރަސޫލާ ސައްލަﷲ އަލައިހި ވަސަައްލަމްގެ ސުންނަތްތައް ދިރުވުމަކީ މުސްލިމުން ކޮންމެހެން ކުރަން ޖެހޭނެކަމެއް...." ރާހިލްއަށް ކުއްލިއަކަށް އެ ބުއިން މީރުވެއްޖެއެވެ. ކުރިންވެސް އަނގަޔަށް ގޮތެއް ނަހަދާ އިނީ ހަމައެކަނި ރާހިލްއާއި މައިމޫންއެވެ. އާލިޔާއަށް ނިގާބުގެ ތެރެއިން ހީލެވުނުއިރު މާޒިންގެ އަމަލު ހުރިގޮތުން ދެރަވެސް ވިއެވެ. ގޭތެރެއަށް ވަދެގެން ދަނިކޮށް ފަހަތުން މާޒިން އައިސް އަރާ ހަމަކުރިއެވެ.

"ސޮރީ އާލިޔާ. އަސްލު ނުބަޔެއްނޫން. ފަހުން ރަހަ ބަލައިލީމަ ހަމަ ލައިކްވާ ގޮތެއް ހުރި. ކަދުރަކީ މިގޭ އެންމެނަށް މީރު އެއްޗެއް. އަލަށް ކޯނޗެއްކަން ނޭގި ބުއީމަ ފުރަތަމަ ނުބައިކަމަށް ހީކުރެވުނީ. ތޭންކްސް އާ ޑްރިންކެއް ތައާރަފުކޮށްދިނީމަ....." މާޒިންގެ އެ ޖުމްލައިން އާލިޔާގެ ހިތަށް ފިނިކަމެއް ލިބި ހިނިތުންވެލެވުނެވެ. "ކޮބާ އެއްކަލަ ޗީޒްކޭކު. ޔޫ އޯވް މީ ވަން....."

"ހަވީރަށް ކޭކެއް އަޅާނަން އިންޝާﷲ..." އާލިޔާ ޔަގީންކަން ދިނެވެ.

"ސިސް....ހާދަ ބިޒީކޮށްލާފައި.."މިންކާގެ އަޑުއިވުމުން އާލިޔާ ސިހިފައި ބަލައިލިއެވެ. މިންކާ އަރްސަންއާއި ހެދި މޮޔަވާވަރުން ފެންނަ ހިސާބަށް ނާންނާނަމޭ ކިޔާފައި ޚިޔާލުބަދަލުވީ ކީއްވެބާވައެވެ. މިންކާ އާލިޔާގެ އަތުގައި ހިފާފައި މާޒިންއާއި ދުރަށް ގެންގޮސް ބުނީ އަރްސަން ނުފެނިގެން ހިތަށް ކެތްނުވެގެން އައީ ކަމުގައެވެ. އެގޭ ފާރުގައި ހުންނަ ބާކޮޅަކުން އަބަދުހެން ބެލުމާއި ބެލްކަންޏަށް ނުކުތުމާއި މަގުގައި އަރްސަންއަށް ފާރަލުމަކީ މިންކާގެ ކޮންމެ ދުވަހަކު އާދައެކެވެ. މިންކާގެ ދީވާނާކަން އޭނަ މޮޔަކޮށްލަފާނެކަމުގައި ހީވެ އާލިޔާވެސް ކަންތައްބޮޑުވާން ފެށިއެވެ.

"އާލިޔާ. ޑްރީމްގައި އޭނަ އަންނަވަރުން ހަމަ ކެތްނުވޭ. ކޮންމެ ރެއަކު އަބަދުހެން ފެންނަނީ އަރްސަން.."

"ތިއީ ޝައިތާނާ މިންކް ހައްލައިލަން ގެންގުޅޭ އުކުޅެއް. ޑޯންޓް ފޯލް ފޯ ދެޓް..." އާލިޔާ އެދުނެވެ.

"އެކަމަކު ދެން މިވަރުގެ ލޯތްބެއް. ހަދަންވީގޮތެއްވެސް ނޭގޭ...އަހަރެން މަރުވެދާނެ.." މިންކާ މަޑުކޮށްލީ އެގޭގެ ޓެރެހުގައެވެ. "އަރްސަން ނުކުމެގެން ދިޔަތަން ބަލަން ހުރެފައި އާލިޔާ ކައިރިއަށް މިގެއަށް މިއައީ. އުޅެއުޅެ އަރްސަންގެ މަތިން ހަދާނެއް ނުނެތުނު. ހަމަ މޮޔަވާނެ. ބޯ ހަލާކު. މެސެޖްކޮށްކޮށް ބަލިވީއިރުވެސް އޭނަ އިގްނޯކޮށްގެން. ބަވާލިޔަސް މިކަމުން އަރައިގަނެވިދާނެކަން ނޭގޭ. ފޮނި ފިރިހެނުންވެސް ތިބޭ އެވަރެއް ނުދެކެން..."

"ސުބުހާނަﷲ. މިންކް. އެވީޑިއޯ ބެލިންތަ؟ ލަވް ފޯ ދަ ސޭކް އޮފް ﷲ. އޭރުން ހުރިހާ މޮޔަކަމެއް ފިލާފާނެ...."

"އެވެސް ބަލައިފިން. އަައި ގެސް އަހަންނަކީ އާލިޔާކަހަލަ އެންޖެލްއެއްފަދަ މީހެއްނޫންހެން....." މިންކާ މުށިތަކުން މަލެއް ބިނދެލިއެވެ. ވަސްބެލިއެވެ. މިންކާގެ ހުންނަ އާދަތަކާ ވާހަކަތައް ހުރިގޮތުން އޭނައަށް އެނގުނީ އެންމެ ކަމެކެވެ. މިފަދަ ލޯތްބަކީ އަސްލު ލޯތްބެއްނޫނެވެ. ދެވި ހިފުމެވެ. ދެވި ހިފުމަކީ ލޯތްބޭ ނުބުނެވޭނެއެވެ. މިންކާ މިގޮތަށް ޝައިތާނާގެ ބަހަށް ހެއްލި އަރްސަންގެ ލޯބި ހޯދަން އުޅެގެން ޑިޕްރެޝަންގެ ތެރެއަށް ވެއްޓުން ނޫންކަމެއް ނުވާނެއެވެ. ހަގީގީ ލޯބިން ފޮނި އިހުސާސްއެއް ކުރުވާނެއެވެ. ހަގީގީ ހިތްހަމަޖެހުން ލިބޭނެއެވެ. މިފަދަ ލޯތްބަކީ އަޒާބެކެވެ. ވޭނެކެވެ.

"މިންކް. ދުޢާކޮށްބަލަ. ތި ހިތާމަތައް ފިލާ ހިތަށް ހަމަޖެހުން ލިބޭނެ ދެވަނަ ގޮތެއް ނެތް. މާތްﷲ އުފާވެރިކަން އިރާދަކުރައްވައިފި އަޅެއްގެ އަތުން އެ ޖަހައިގަނެވޭނެ އެއްވެސް މީހަކު ނެތް. ހިތް ހަލާކުވާން ހުރި ކަމަށްވާނަމަ އެހެން މީހަކަށް ހިތަކަށް ޝިފާ ނުލިބޭނެއޭ ބުނެވެއެއްނު. ވީމަ ﷲއަށް އިތުބާރުކުރޭ... އަދި ޓްރައިކުރޭ އެކަމަކު ދުޢާކޮށްގެން. މިގޮތަކަށްނޫން. އަރްސަން ފަހަތުން އުދަގޫކުރަމުން އޭނަ އުޅޭ ހާ ތަނެއް ބަލާ ފާރަލަމުން ހާސް މެސެޖްކުރިޔަސް އޭނަގެ ހިތެއް އަތު ނުލެވޭނެ. އޭނަގެ ހިތުގައި ލޯބި ލެއްވުމުގެ ބާރު އޮތީ ކޮން ފަރާތެއްގައި؟ މިންކް އަމިއްލައަށް ވިސްނަބަލަ....ހަލާކުވެގެން މޮޔަވެގެން މަރުވެގެން ދިޔަސް އަރްސަން އަށް އުދަގުލެއްނުވާނެ. ވީއިރު މިންކް ބޭކާރުކަމެއް ނުކުރޭ. ހީ ޑަޒަންޓް ލަވް ޔޫ. އެކަމަކު އަޅުތަކުން ދެކެ އެންމެ ލޯބިވާ ފަރާތަކީ ކޮބާކަން މިންކްއަށް އެނގެއެއްނު. ބީ ކްލޯޒް ޓު ﷲ އެންޑް ފީލް ދަ ޑިފެރެންސް އޯކޭ؟ " އާލިޔާގެ ވާހަކަތަކުން މިންކާ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނެވެ.

"އަހަރެން ކިހިނެއް އާލިޔާ ފަދަ ކުއްޖަކަށްވާނީ؟ ﷲ ލަވްސް ޔޫ ހެން ވަރަށް ހީވޭ.."

"ނޫން މިންކް. މާތްﷲ ލޯބިވެވޮޑިގަންނަވާ އަޅަކީ ކޮބާކަން އަހަންނަށް އަދި މިންކްއަކަށްވެސް ނޭގޭނެ. ފަހަރެއްގައި އަދި އަހަންނަށްވުރެ ދީންވެެރި ރަގަޅުކުއްޖަކަށް މިންކް ވެވިދާނެ ޓްރައިކޮށްބަލަ....ހިނގާ އެއްޗެއް ކާލަން..." އާލިޔާ ބުނެލިއެވެ.

"ތެންކިއު ސިސްއާއި ވާހަކަދެއްކުނީމަ ކުޑަކޮށް ހިތް ހަމަޖެހިއްޖެ.." މިންކާ ތެދުވެ ހީލިއެވެ.

އާލިޔާވެސް މިންކާއަށްޓަކާ ހެޔޮ ދުޢާކުރިއެވެ.

***

ހަފްތާއެއްހާ ދުވަސްވީއިރު އާލިޔާ ސްކައިޕެލެސްގެ ދިރިއުޅުމަށް ހޭނިއްޖެއެވެ. ސުކައިނާ އަދި މައިމޫންގެ އިތުރުން އުއްމު ކުލްސޫމްއާއި ޚާންދާނުގެ އަންހެންވެރިންގެ ހިތްތައް އަތުލައިގަތުމުގެ ހުނަރު އާލިޔާގެ ހުއްޓެވެ. އޭނަގެ ރީތިކަމާއި އުޅުން ފެނި އެންމެން ތައުރީފުކުރެއެވެ. އެ ޚާންދާނު ކުއްޖަކާއި ވައްތަރޭ ކިޔައެވެ. އާލިޔާގެ ދުވާލު ތާވަލްކޮށްފައި އޮންނަނީ ވަކި ގަވާއިދަކުންނެވެ. ފަތިހު ހޭލައިގެން ރޭގަނޑު ނިދުމާއި ހަމަޔަށް ހުރިހާ އެންމެނަށް ވަގުތުދީ ކުރަން ހުންނަ މަސައްކަތްކޮށް އަޅުކަމަށް ޚާއްސަކޮށް ގަޑިތައް ކަނޑައަޅައެވެ. އޭނައަށް އިހުތިރާމް ކުރުމުގެ ގޮތުން އޭނަ ހުންނަ ގަޑީގައި އެކަކުވެސް ލަވަ އާއި މިއުޒިކް ނުކުޅެއެވެ. މަޣުރިބު ނަމާދަށްފަހު ސިޓިން ރޫމްގައި ހުންނަ ޓީވީއިން ބަގަރާ ސޫރަތް ޖައްސާފައި ހުއްޓަސް އެކަކުވެސް ޓީވީ އޮފްކޮށެއްނުލައެވެ. ހަވީރު މާމައާއިއެކު ބޭރަށް ދިޔުމަކީ އާލިޔާ އެންމެ ހިތްހަމަޖެހޭ އެއް ވަގުތެވެ. މާޒިންއާއި އޮންނަ އެކުވެރިކަން މަޑުމަޑުން ބަދަހިވެ އެއްދުވަހު މާމައާއެކު އައިސްކްރީމް ކާން އޭނާ ބައިވެރިވިއެވެ. މާމައާއި ސަމާސާކޮށްހެދުމުން މާމަ ވަރަށް ލޯބިވާ ކުއްޖަކަށްވިއެވެ.

މާޒިން ހެދުނު ތެދުވެ ވަޒީފާއަށް ދާން ތައްޔާރުވިއެވެ. އާލިޔާ ޓައީ އަޅާލަދިނެވެ.

"ވަރަށް ސްމާޓް..މާޝާﷲ." އޭނަ ބުނެލިއެވެ.

"އެސްފީނާ ނުޖަހާ ދެން. ތިހާވަރަށް ބަލާކަށް ނުވާނެ.." މާޒިން ހީލިއެވެ. އޭނަ ސެންޓު ކުޑަކޮށް ޖަހައިލުމުން ތަނުގައި ވާ މީރުވަސް އިތުރަށް ގަދަވިއެވެ. މާޒިން އާލިޔާގެ ކޯތާފަތުގައި ލުއިކޮށް ބޮސްދޭން އުޅުނު ވަގުތު އާލިޔާއަށް އެނބުރިލެވުނެވެ. އެކުޑަ އެކްސިޑެންޓުން ދެމީހުންނަށްވެސް ހެވިއްޖެއެވެ.

"ގަސްތުގައެއް ނޫން؟ " މާޒިން އެއް ބުމަ އެރުވިއެވެ. އޭނަ އަލިޔާގެ ކޮލުގައި މަޑުމަޑުން ހިފާލައިފިއެވެ.

އެކަން މައްސަލައަކަށްވީ ދޮރުމަތީގައި ހައިރާންކަމާއެކު ބަލަން ހުރި އަރްސަންއަށެވެ.

"ވަޓް ދަ ***.........." މާޒިން ނުކުމެގެން އައުމުން އަރްސަން ހިތްހަމަނުޖެހިފައި ކިޔައިލިއެވެ.

"ކިހިނެއްވީ؟ "

"ތިކަން ހުއްޓާލާ. މަހުދީ ރޭ ވަރަށް ބަވައިފި. މަހުދީ ބުނި އާލިޔާ ގާތު ބުނާނަމޭ. މި ކައިވެނި ސައްހައެއް ނުވާނެއޭ ކިޔާފައި. ޝަރުތުތައް ކުރިމަތިކޮށްގެން ކުރާ ކައިވެނި ބާތިލުވާނެއޭ ޝޭޚަކު ބުނެފިއޭ. އަހަންނަކަށް ދީނުގައި ކަންތައް އޮންނަގޮތެއް އެނގެނީއެއްނޫން. ކުއްލިއަކަށް މަހުދީ ދީނީ އިލްމުވެރިއަކަށް ވެގެންފި. ޒިންއަށް ކަން ނޭގޭ ހާޓްވާނީ އެންމެފަހުން. ތިކަން ހުއްޓާލަންވީއެއްނު....." އަރްސަން ބުނެލުމުން މާޒިންގެ ތުންފަތުގައިވި ހިނިތުން ފިލާ ހިތް އަވަސްވިއެވެ. ފަހަތަށް ބަލައިލެވުނީ އާލިޔާ އެމީހުންގެ ފަހަތުން އައިސް އެވާހަކަތައް އިވިދާނެކަމަށްޓަކައެވެ.

"އެހެން ބުނިތަ؟ " މާޒިންގެ ކަރުތެރެ ހިކުނެވެ.

"ދެމީހުންގެ ރިލޭޝަން ކިހާ ހިސާބެއްގައި އޮތީ؟ "

"އޮނެސްޓްކޮށް ބުނަންޏާ އެއްވެސް ގުޅުމެއްނެތް. އަހަރެން ނިދަނީ އެހެން ރޫމެއްގައި...."

"މަހުދީ އިތުރަށް މައްސަލަ ހޫނު ނުކުރަނީސް އާލިޔާއަށް ހަގީގަތް ކިޔާދީ. އޭނަ ބުނެފިއޭ ތި ކައިވެނި އޮންނާނީ ރޫޅިފައޭ.............." އަރްސަން ބުނެލިއެވެ. ދެމީހުން އެކީގައިގޮސް ކާރަށް އެރިއެވެ. އޭނަގެ ހަށިފާރަވެރިން ސައިކަލުގައި ކާރާއި ދާދި ގާތުން ދުއްވަމުން އައެވެ.

ޑޭމިޓް..." މާޒިންއަށް ބުނެވުނެވެ.

އާލިޔާ ދުރަށް ގޮއްސިއްޔާ އޭނަ ފޫހިވެދާނެއެވެ. އާލިޔާގެ ޗީޒްކޭކާއި ޕިއްޒާ އަދި އެހެން ކާ އެއްޗެހިވެސް ޝެފުން ކައްކާ އެއްޗެއްސަށްވުރެ އޭނައަށް މީރުވެއްޖެއެވެ. އާލިޔާގެ ރީތި ހިނިތުންވުމާއި ވާހަކަދެއްކުންތައް އޭނަ ހަދާންވާނެއެވެ. ނޫނެކެވެ. އޭނަ އާލިޔާއާއި ދުރަށްދާކަށް އަދި ބޭނުމެއްނޫނެވެ. އެދެމީހުން އެކަކު އަނެކަކު ދަސްވެ އެކުވެރިކަން އެހެން ސިފައެއް ޚިޔާރުކުރާ ހިސާބަށް ދިޔުމުން މިވާން އުޅެނީ ކިހިނެއްބާވައެވެ. މަހުދީގެ ބޮލަށް މިހާރު އެރިގެން ވަސްވާސްދެނީ ކާކުބާވައެވެ. އެމީހަކު އޭނަ އަތުން މަރުވެދާނެއެވެ. މާޒިންގެ ސިކުނޑިއަށް ވެރިވި ހަލަބޮލިކަމެއްގެ ސަބަބުން އިނދެވުނީ ކޮންތާކުކަން އިރުކޮޅަކަށް ހަނދާން ނައްތައިލެވުނެވެ. މަގުހުރަސްކުރި މީހެއްގެ ގައިގާ ކާރުން ނުޖެއްސުނީ ހަމަ ކިރިޔާއެވެ. ކާރުގެ ބްރޭކް ޖެއްސިގޮތަށް ހުންގާނުގައި ހިފަހައްޓާލައިގެން އިންލެއް ބާރުކަމުން އިނގިލިތަކުގެ ހުޅުތައް ހުދުވިއެވެ. ބިރުވެރިކަން އޭނަ ވަށައިލިއެވެ. މި ކައިވެނި އޮންނާނީ ރޫޅިފައޭ އެ ޖުމްލަ ސިކުނޑީގައި ޖެހިގަތީ އެތައް ޓަނެއްގެ ބުރަދަނާއެކުގައެވެ.

ނުނިމޭ