ރ. މީދޫ ކައިރިން ކިނބުލެއް އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އޮފިސަރަކު މިއަދު ވިދާޅުވީ މީދޫ ކައިރީގައި އޮންނަ ފަޅުރަށަކުންނާއި އެ ސަރަހައްދުގެ މޫދުން ކިނބުލެއް ފެނުނު ކަމަށް އެ ރަށު ބަޔަކު މިއަދު ރިޕޯޓްކޮށްފައި ވާތީ ސިފައިން މިހާރު އެ ރަށުގަ އާއި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"ބައެއް މީހުން ބުނޭ ފަޅު ރަށުން ފެނުނީ ކިނބުލެކޭ. އަނެއް ބަޔަކު ބުނަކީ އެކަހަލަ އެއްޗެއް އެ ރަށާއި ކައިރިން މޫދުން ފެނުނު ކަމަށް. އެހެންވެ އެކަމުގެ ސައްހަކަން ބެލުމުގެ މަސައްކަތް މިކުރަނީ،" އޮފިސަރު ވިދާޅުވި އެވެ.

މީދޫ ކައުންސިލާ ހަވާލާދީ އެމްއެންޑީއެފުން ބުނީ އެ ރަށުގެ ރަށްބޭރުގައި ބަޔަކު އަޅާފައިވާ މަސްކޮއްޓެއްގެ ކައިރީ ކިނބޫ އުޅެނިކޮށް ފެނިފައިވާ ކަމަށާއި އިއްޔެގެ ވަގުތެއްގައި އެ ކޮށީގެ މައްޗަށް ކިނބޫ އަރައި މަސްކޮށި ބަންޑުންޖަހާލާ މަންޒަރު ބައެއް މީހުންނަށް ފެނިގެން ރަށު ކައުންސިލްގެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މީދޫ ކައިރިން ފެނިގެން އުޅޭ ކަމަށް އެ ރަށު މީހުން ބުނާ ކިނބުލުގެ ދިގުމިނުގައި ގާތްގަނޑަކަށް 10 ވަރަކަށް ފޫޓް ހުންނާނޭ ކަމަށް ބައެއް ފަރާތްތަކުން ބުނާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.