12 Jun 2020, 12:03
ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން އެމެރިކާގެ ވައިޓް ހައުސް ކައިރީގައި ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމަށް ފަހު ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު އުޅުއްވި އެގައުމުގެ އިސް މިލިޓަރީ ޖެެނެރަލެއް އެކަމަށް މާފަށް އެދިވަޑައިގެންފި އެވެ.
ޖެނެރަލް މާކް މިލޭ ވިދާޅުވީ އެ ދުވަހު އެ ހާދިސާ ހިނގައިދިޔަ ގޮތުން އެމެރިކާގެ ސިފައިން ގައުމުގެ އެތެރޭގެ މައްސަލަތަކުގައި ޝާމިލްވާކަމަށް މީހުންނަށް ހީވެގެން ދިޔަ ކަމަށެވެ.
މުޒާހަރާތަކަަށް ފަހު އެެމެރިކާގައި ރައީސް ޗާޗަކަށް ވަޑައިގެންނެވިއިރު ވެސް ޖެނެރަލް މާކް މިލޭ ކޮމްބެޓް ޔުނީފޯމްގައި ޓްރަމްޕާއެކު އުޅުއްވި އެެވެ. އެ މައްސަލައިގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ކުރީގެ މިލިޓަރީ އޮފިޝަލުންގެ ފާޑުކިޔުން އޭނާއަށް ވަރަށް ބޮޑަށް އަމާޒުވި އެވެެ.
"އިސް ލީޑަރުންގެ ގޮތުގައި ތިބެ ކުރާ ކުޑަކުޑަ ކަމެއްވެސް މީހުންނަށް ފެންނާނެ. އަޅުގަނޑަށްވެސް އެކަމުން ނުރެކެވޭނެ. ލަފަޔެޓޭ ސްކޮޔާގައި ނެގި ފޮޓޯއާއެކު ގައުމުގެ އެތެރޭގެ މައްސަލަތަކުގައި މިލިޓަރީ ރޯލާ މެދު މިހާރު މިވަނީ ބޮޑު ބަހުސަކަށް ގޮސްފައި. ހަގީގަތުގައި އަޅުގަނޑު އެތާ ހުރެގެން ނުވާނެ" މިލޭ ވިދާޅުވިއެވެ.
ޖެނެރަލް މިލޭ އިތުރަށް ވިދާޅުވީ ޖޯޖް ފްލޮއިޑްގެ މަރާލި ހާދިސާއިން އެނާއަށް ޝޮކެއް ލިބިއްޖެކަމަށާއި އަދި މުޒާހަރާތަކުން އެފްރިކަން އެމެރިކަން މީހުންނާ މެދު އޮންނަ ނަސްލީ އިމްތިޔާޒް އެތައް ގަރުނެއް ވަންދެން އެނގިއްޖެ ކަަމަށެެވެ.
އެމެރިކާގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ ތަންތަނަށް ގެއްލުންދޭ މައްސަލަ ބޮޑުވުމުން ސިފައިން ނެރެން ޖެހިދާނެކަމުގެ އިންޒާރު މީގެ ކުރިން ޓްރަމްޕް ވަނީ ދެއްވައިފައެވެެ. ނަމަވެސް ޖެނަރަލް މިލޭ ވަނީ އެކަން ނުކުރެއްވުމަށް ޓްރަމްޕްއަށް ބާރު އަޅުއްވައިފައެވެ.-- ސީއެންއެން--