މި މަހުގެ 10 ވަނަ ދުވަހު، މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި އުމުރުން 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގެ ގެސްޓް ހައުސްއެއްގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މާލެ ސިޓީ ލޮކްޑައުން ކޮށްފައި ވަނިކޮށް، އަދި ފުލުހުންގެ ހާއްސަ ހުއްދައެއް ނަގައިގެން ނޫނީ ބޭރަށް ނުކުތުންް މަނާކޮށްފައި ވަނިކޮށް، ކުޑަ ކުއްޖަކު ގެސްޓަހައުސް އަކަށް ގެންދިޔަ ގޮތެއް ސާފެއް ނޫނެވެ.

ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ 18 އަހަރުން މަތީގެ ފިރިހެނެކެވެ. ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު މިހާތަނަށް މައްސަލައިގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ގެސްޓްހައުސްއެއްގައި ކުޑަ ކުއްޖަކު ރޭޕްކޮށްފައި ވާއިރު، މިދިޔަ މަހުގެ ފަހުކޮޅު، އުމުރުން 16 އަހަރުގެ ކުޑަ އަންހެންކުއްޖަށް ބިރުދައްކައިގެން، އެކުއްޖާއާއި އާއިލާ ބްލެކްމެއިލްކޮށް، އެކުއްޖާ މާލެ ގެނެސް ރޭޕްކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް ހުށަހެޅީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.

އަދި މައްސަލަ ހުށަހެޅުމާއެކު އެކުއްޖާ ހޯދުމަށް ކުރި މަސައްކަތުން ކުއްޖާ ފެނިފައިވަނީ މާލޭގެ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިން އެހެން މީހަކާ އެކުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ، މައްސަލައާ ގުޅިގެން، ކުށުގެ ރެކޯޑު އޮންނަ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މައްސަލައާ ގުޅިގެން ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައިވަނީ ކުއްޖާ އަދި މައިންބަފައިންވެސް ނުދަންނަ މީހެއް ކައިރިއަށް، ކުއްޖާ އެކަނިކަން ވަނީ އެނގިފައެވެ.

އަދި އަންހެން ކުއްޖާ މާލެ ގެނައުމުގައި ފައިސާއާ ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ، ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.