ނިއުޒީލެންޑުން ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19ގެ އާ ކޭސްތަކެއް ނުފެންނަތާ 20 ދުވަސް ވެއްޖެކަމަށް އެގައުމުން ބުނެފިއެވެ.

ކޮވިޑް19އަށް އެ ގައުމުގައި ފަރުވާ ދެމުން ދިޔަ އެންމެ ފަހު މީހާ ބަލިން ރަނގަޅުވެގެން ދޫކޮށްލީ މިދިޔަ ހޯމަ ދުވަހުއެވެ.

އާ ކޭސްތަކެއް ނުފެންނަތާ 20 ދުވަސް ވެފައިވާއިރު އެ ގައުމުން ބަލި ކޮންޓްރޯލުކުރުމަށް އެޅި ހުރިހާ ފިޔަވަޅުތަކަކަށްހެން މިހާރު ވަނީ ލުއި ދީފައެވެ.

އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު ލެވެލް އެކަކަށް ދަށްކޮށްފައިވާއިރު ސްކޫލްތަކާއި ވަޒީފާތަކާއި އަދި ކައިވެނީގެ ހަފްލާތަކުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތްތަކުގައި މިހާރު އެއްވެސް ހުރަހެއް ނެތެވެ.

އޭގެ އިތުރުން ގައިދުރުކުރަން ކޮންމެހެން ނުޖެހުނު ނަމަވެސް އެކަމަށް އަދިވެސް ސަރުކާރުން ބާރުއަޅައެވެެ.

މިދިޔަ ފެބްރުއަރީމަހު ނިއުޒީލެންޑުން ކޮވިޑް ފެނި، އެ ބަލި ޖެހިފައިވާ 1154 މީހަކު ފެނުނުއިރު ބަލީގައި 22 މީހަކު ވަނީ މަރުވެފައެވެ.

ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށްޓަކައި ނިއުޒީލެންޑުން ވަނީ 304,832 ޓެސްޓްވެސް ހަދައިފައެވެެ.

ނިއުޒީލެންޑްގައި ކޮރޯނާ ކޮންޓްރޯލް ކުރުމަށް ގެންގުޅުނު ހަރުދަނާ ސިޔާސަތުގެ ސަބަބުން އެގައުމުގެ ސަރުކާރުގެ މަގުބޫލުކަންވެސް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެެވެ.

ބީބީސީ---