އަންނަ ޖުލައި މަހުން ފެށިގެން ސްކޫލް ތަކާއި ކޮލެޖް، ޔުނިވާސިޓީ އަދި އޮފީސްތަކާއި މާލޭގެ މިސްކިތްތައް ހުޅުވާލުމަށް ސަރުކާރުން ނިންމައިފިއެވެ.

ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އާމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ އެތަންތަން ހުޅުވުވާލުމުގެ ތައްޔަރީތައް ކަމާގުޅޭ މިނިސްޓްރީތަކުން ވަމުން އަންނަ ކަމަށެވެ. އަދި އެތަންތަން ހުޅުވާނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސްކޫލްތަކާއި ސަރުކާރު އޮފީސްތަކާއި ޓުއަރިޒަމް ދާއިރާގެ ކަންކަމާއި އަދި އިންޓަނޭޝަނަލް އެއާޕޯޓް އަދި ޖަމާއަތުގައި ނަމާދު ކުރުން ފަދަ ކަންކަން އެކަމާ ގުޅޭ މިނިސްޓްރިއެއްގެ އެންގުމަށް އެޗްޕީއޭގެ ލަފާގެ މަތިން ހުޅުވިގެން ދާނެ،" ޝައިނާ ވިދާޅުވި އެވެ.

އެގޮތުން ޖުލައި އިން ފެށިގެން 10 މީހުނަށް ވުރެން ގިނަ ނުވާނެ ގޮތައް އެއްވެ އުޅެވޭނެ ކަން ޝައިނާ ފާހަގަކުރެއްވި އެވެ.

"ކްލޯސް ކޮންޓްކްޓްގައި ވާ ކުޅިވަރު ޓީމް ހަރަކާތްތައް ވެސް ޖުލައި މަހުގައި ސްޕޯޓްސް މިނިސްޓްރީއާ ވާހަކަ ދައްކާފައި ކަނޑައެޅޭ އުސޫލެއްގެ ދަށުން ހުޅުވާލެވޭނެ އިންތިޒާމެއް ގާއިމް ކުރެވޭނެ. ޖިމްތަކާއި ރެސްޓްޓޯރެންޓްތައް އަދި ކެފޭތަކުގައި ތިބެގެން ހިދުމަތް ހޯދަ އުސޫލު އަދި ސެލޫން ބޯކޮށާތަންތަން ސްޕާ ފަދަ ތަންތަން ވެސް ޖުލައި މަހު ހުޅުވޭނެ އިންތިޒާމްތައް އަޅުގަނޑުމެން ގާއުމް ކުރެވޭތޯ މަސައްކަތް ކުރަނީ،" ޝައިނާ ވިދާޅުވި އެވެ.

ޖުލައި މަހަށް ބެހެއްޓިފައި ހުރި ކަންކަމަކީ ފިޒިކަލީ ގާތްކޮށް ނުވަތަ އެކަގެ ފަރާތުން އަނެކަކަށް ހިދުމަތްދޭ ގޮތަށް އޮންނަ ކަހަލަ ހިދުމަތްތައްކަން ޝައިނާ ފާހަގަ ކުރެއްވި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ލުއިތަކެއް ދިންނަމަވެސް ވަގުތާއި ހަލާތަށް ބެލުމަށްފަހު އެފަދަ ނިންމުންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.