11 Jun 2020, 22:55
އަންނަ ހޯމަ ދުވަހުން ފެށިގެން އެއްވެސް ހުއްދައެއް ނުނަގައި ވަކި ގަޑިތަކެއްގައި މަލެ ތެރޭގައި އުޅެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ، އަންނަ ހޯމަ ދުވަހުން ފެށިގެން ފަތިހު 5:00 އިން ރޭގަނޑު 10:00 އަށް ހުއްދައެއް ނުނަގައި ބޭރުގައި އުޅެވޭނެ ކަމަށެވެ.
"މައިގަނޑު ގޮތެއްގައި ޖޫން 15ގައި ޕާމިޓް ނެތި އާންމުކޮށް ބޭރުތެރޭގައި އުޅެވޭނެ ގޮތަށް ހުޅުވިގެން ދާނެ. ހުޅުވޭނެ ގަނޑިތަކަކީ ހެނދުނު 5:00 އިން ރޭގަނޑު 10:00 އަށް ޕާމިޓް ނުލައި ބޭރުތެރޭގައި އުޅެވޭނެ،" ޝައިނާ ވިދާޅުވި އެވެ.
މާލޭގެ ލޮކްޑައުންނަށް ލުއިދީ ހުއްދަ ނެތި ބޭރުގައި އުޅެވޭނެ ފުރުސަތު ހުޅުވާލި ނަމަވެސް ތިން މީހުނަށް ވުރެން ގިނައިން އަދި ބޭރުތެރޭގައި އެއްވެ ނޫޅެވޭނެ ކަމަށް ވެސް ޝައިނާ ފާހަގަކުރެއްވި އެވެ.
ވަކި ގަނޑިތަކެއް އުމުރުފުރާތަކަށް ހާއްސަ:
ހެނދުނު 5:00 އިން 8:00 އަށް (އުމުރުން ދުވަސްވީ މީހުނަށް)
ހަވީރު 4:00 އިން 6:00 އަށް (ކުޑަކުދިން ބޮޑެތި މީހުންނާއި އެކީގައި)
ރޭގަނޑު 6:00 އިން 9:00 އަށް (ކަސްރަތު ކުރުމަށް)
އެ ނޫން ވަގުތުުތަކުގައި އާންމު އުސޫލަކުން ހުރިހާ ފަރާތްތަކަށް ވެސް ޕާމިޓް ނުލައި ބޭރުގައި އުޅެވޭނެ ކަން ޝައިނާ ފާހަގަކުރެއްވި އެވެ. ނަމަވެސް ޒަރޫރީ ބޭނުންތަކަށާއި މޫވްމެންޓްތައް ވީހާ ވެސް މަދު ކުރެއްވުމަށް ޝައިނާ ވަނީ އެދިވަޑައިގެންފަ އެވެ.
"ޖޫން 15ގައި ހުޅުވާލެވުނު ނަމަވެސް އަޅުގަނޑުމެން އިރުޝާދު ދެން އިޖުތިމާއީ ގައިދުރުކަން ބަހައްޓައި ވީހާ ވެސް ގިނައިން އަތް ދޮވުން ނުވަތަ ސެނިޓައިޒް ކުރުން ފަދަ ކަންކަން ކުރުމަށް،" ޝައިނާ ވިދާޅުވި އެވެ.
އާންމުން ގޮސް އުޅޭ އަދި ހިދުމަތް ހޯދަން ދާ ތަންތަނުގައި އަތް ދޮވެވޭނެ ގޮތް ނުވަތަ ސެނިޓައިޒް ކުރެވޭނެ މަގުފަހިކޮށްދީފައި ބެހެއްޓުމަށް ޝައިނާ ވަނީ އެދިވަޑައިގަންފަ އެވެ.
"ހުރިހާ ފިހާރަތަކާއި ހިދުމަތްތައް ހުޅުވިގެން ދާއިރު އެތަނަށް ވަދެވޭނެ އެންމެ ގިނަ އަދަދެއްގެ މީހުންގެ ނަންބަރު ކޮންމެ ފިހާރައެއްގެ ނުވަތަ ހިދުމަތް ދޭ ތަނެއްގެ ބޭރުގައި ތަތްކޮށްފައި ހުންނަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ރިކޮމެންޑް ކުރަން،" ޝައިނާ ވިދާޅުވި އެވެ.
ފިހާރަތަކަށް ހިދުމަތް ހޯދަންދާ ފަރާތްތަކުން އިޖުތިމާއީ ގައިދުރުކަން ބަހައްޓައި އެތަންތަނުގެ ބޭރުގައި ތިބެވޭނެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭނެ އެވެ. އަދި ބަންދުކޮށްފައި ހުންނަ ފިހާރަ ފަދަ އާންމުން ބޭނުންކުރާ ތަންތަނުގައި މާސްކް އަޅައިގެން އުޅުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.