އެއް ރަށުން އަނެއް ރަށަށް އެއްވެސް ހުރަހެއް ނެތި ދަތުރު ކުރެވެނެ ގޮތް ހަދައި، ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓުތައް ހުޅުވާލަން އެޗްޕީއޭ އިން ލަފާދީފި އެވެ.

މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓު ޑިރެކްޓާ އައިމިނަތު ޝައިނާ އަބްދުﷲ ވަނީ ކޮވިޑް-19އާ ގުޅިގެން މާލޭ ސަރަހައްދަށް ގެންނަން ނިންމާފައިވާ ލުއިތައް އިއުލާނުކޮށްފައެވެ.

ޝައިނާ މިރޭ ވިދާޅުވީ، ބަލިޖެހިފައިވާ މީހުން ނުފެންނަ ރަށްރަށުގައި އެއް ރަށުން އަނެއް ރަށަށް އަންނަ ދަތުރު ކުރެވޭނެ ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓުތައް ހުޅުވައި އެތެރޭގެ ދަތުރުތައް ފަށަން ލަފާ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮވިޑް ނެތް އެއް ރަށުން އަނެއް ރަށަށް ދެވޭނެ އިންތިޒާމު ހަމެޖެހިފައި އޮތީމަ ޑޮމެސްޓިކް އެއާޕޯޓުވެސް ހުޅުވޭނެ ގޮތަށް އަޅުގަނޑުމެން ލަފާ އަރުވަނީ،" ޝައިނާ ވިދާޅުވިއެވެ.

ނަމަވެސް، އެއް ރަށުން އަނެއް ރަށަށް ދެވޭނީ ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް، ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، މިހާރު މާލޭގައި ކޮވިޑް ކޭސްތައް ގިނަ ކަމުން، މާލެއަށް އައުމަށް އަދި ފުރުމަށް ހުރަސްތަކެއް ހުންނާނެ ކަމަށް ވިދާޅުވިއެވެ.

ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދުމަށް ކައުންސިލްތަކާއި ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ ހުޅުވާލައިފައެވެ.

އޭގެ އިތުރުން، މޮނިޓަރިންގެ ހާލަތަށް ގެނެވޭ ރަށްތަކާއި މޮނިޓަރިންގެ ހާލަތު ނިމުމަކަށް ގެންނަތާ 14 ދުވަސް ނުވާ ރަށްތައް ފިޔަވައި އެހެން ރަށްތަކުގައި، އާންމު ހިދުމަތްތަކާގުޅޭ ކަންކަމާއި އިޖުތިމާއީ ހަރަކާތްތަކާއި އިގްތިސާދީ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ހުއްދައާއި ރަށުތެރޭގެ އެއް ތަނުން އަނެއް ތަނަށް ދިއުމުގެ ހުއްދަވެސް އެ ދުވަހު ވަނީ ދީފައެވެ.