މިއަދު 14 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވި އިރު 32 މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނި ގޮތުގައި މިއަދު ޕޮޒިޓިވްވި 14 މީހުންނަކީ ފަސް ދިވެއްސަކާއި، އަށް ބަންލަދޭޝް މީހަކާއި، ސްރީ ލަންކާ މީހެކެވެ.

މީގެ އިތުރުން 32 މީހުން ބަލިން ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 1153އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވް 1976 މީހުން ފެނިފައިވެއެވެ. ނަމަވެސް، ގިނަ ބަޔަކު ރަނގަޅުވެފައިވުމުން، މިހާރު ރާއްޖޭގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 811 އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި، މިވަގުތު 306 މީހަކު ބައްޔާ ގުޅިގެން ކަރަންޓީނުކޮށްފައި އެބަ ތިއްބެވެ. އަދި 797 މީހުން އައިސޮލޭޓުކޮށްފައި އެބަ ތިއްބެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މަރުވި މީހުންގެ އަދަދަކީ އަށެކެވެ. އެއީ ހަތަރު ބަންގްލަދޭޝް މީހުންނާއި ހަތަރު ދިވެހިންނެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްއެއް ފެނިފައިވަނީ މާޗް 7 ވަނަ ދުވަހުއެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މާޗް 12 ވަނަ ދުވަހު އިއުލާންކުރި ގޮތަށް ރާއްޖެއިން ވަނީ މާޗް މަހުގެ ފަހުކޮޅު ބޯޑަރުތައްވެސް ބަންްދުކޮށްފައެވެ. އޭޕްރިލް 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19 ކޭސްއެއް ފެނުނު ފަހުން ރާއްޖޭގައި ބަލިފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިހާރު ކޮންމެވެސް ވަރަކަށް ޕޮޒިޓިވް ކޭސްތައް މަދުވެ، އެނދުގެ ކެޕޭސިޓީ އިތުރުވެފައިވާއިރު ސަރުކާރުން ވަނީ ރާއްޖޭގައި އޮތް ލޮކްޑައުންއައް ލުއިތަކެއް ދިނުމަށް ނިންމައިފައެވެ.