ހދ. ހަނިމާދޫ ކޯޓުގެ ދަތުރުތައް ކުރުމުގައި އެ ކޯޓުގެ މެޖިސްޓްރޭޓް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދާފައިވާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އަށް ފޮނުވައިފި އެވެ.

އޭސީސީން ބުނީ މިދިޔަ ހޯމަ ދުވަހު އެ މައްސަލަ ޕީޖީ އަށް ފޮނުވީ ހަނިމާދޫ ކޯޓުގެ މެޖިސްޓްރޭޓް ހުޅުމާލެ މުރަކަ 7، މުހައްމަދު ހަނީފް އެ ކޯޓުގެ ދަތުރުތައް ކުރުމުގައި އޭނާގެ އަމިއްލަ ލޯންޗަށް އިސްކަންދީގެން ދަތުރުތައް ކުރުމަށް ފަހު، އެ ރަށުގައި ލޯންޗުދުއްވާ އެހެން ފަރާތްތަކުގެ ނަމުގައި ބިލު ހުށަހަޅައިގެން ފައިސާ ނަގަމުންދާ މައްސަލައެއް ހުށަހެޅުމުން ބެލި ބެލުމުން ކަމަށެވެ. އަދި އެ މައްސަލަ ބެލި އިރު ހަނީފާ ގުޅުން ހުރި ލޯންޗްގައި ހަނިމާދޫ ކޯޓުގެ ނުވަ ދަތުރެއްކޮށްފައިވާ ކަމަށެވެ.

އޭސީން ބުނީ ހަނީފްގެ އަމިއްލަ ލޯންޗުގައި ދަތުރުތައް ކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށާއި އަދި އެކަމަކީ ހަނީފް މަގާމާއި ނުފޫޒް ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމަށް ކޮށްފައިވާ ކަމެއް ކަމަށް އޭސީސީގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މަގާމުގެ ނުފޫޒު ބޭނުންކޯށްގެން ނާޖާއިޒު ފައިދާ ހޯދާފައިވާ މައްސަލަ ހަނީފްގެ މައްޗަށް ކޮށްފައިވާ އިރު، ހަނީފްގެ އަމިއްލަ ލޯންޗުގައި ކޯޓުގެ ނުވަ ދަތުރެއްކޮށްގެން ނާޖާއިޒު ގޮތުގައި ފައިސާ ހޯދާފައިވާ ކަމަށް ބުނެ 10،000ރ. ހަނީފްގެ އަތުން ހޯދުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.