މާލެ ސަރަހައްދުގެ ފުރަބަންދުގެ މުއްދަތު ތިން ދުވަހުގެ މުއްދަތަށް އިތުރުކޮށްފިއެވެ.

ކޮވިޑް-19ގެ ބަލި މީހަކު ފެނި މާލެ ސަރަހައްދު އެއްކޮށް ފުރަބަންދުކޮށްފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އަދިވެސް މާލެ ސަރަހައްދު އޮތީ ފުރަބަންދުގަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ ނެރުނު އެންގުމުގައި ބުނެފައި ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، މާލެ ސަރަހައްދުގެ ފުރަބަންދު އަންނަ ހަފްތާގެ އާދިއްތަ ދުވަހާ ހަމައަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ޖެހިގެން އަންނަ ހޯމަ ދުވަހުން ފެށިގެން ފުރަބަންދަށް އިތުރު ލުއިތަކެއް ދިނުމަށް ރާވަމުން އަންނަ ކަމަށް ވެސް އެ އެންގުމުގައި ވެއެވެ.

ލޮކްޑައުންގެ މުއްދަތުގައި މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި މަގުތަކަށް ނުކުތުން މަނާވާނެއެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދިނުން މަނާވުމާއެކު، މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށްޓަށް މީހުން އަރާ ފޭބުން މަނާވާނެއެވެ.

ކުރިން ވެސް ދީފައި ހުރި ލުއިތަކަށް ބަދަލެއް ނާދޭ!

  • ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެ އުޅުމަށް ދެވޭ ހުއްދަތައް އިތުރުކުރުން.

  • އުމުރުން 60 އަހަރުން މަތީގެ މީހުންނަށް އެހީތެރިޔަކާއެކު ހުއްދަ ލިބިގެން، ފަތިހު 5:00 އާއި ހެނދުނު 8:00 އާދެމެދު ތިން ގަޑިއިރަށް ބޭރަށް ނުކުތުމުގެ އުޅުން.
  • މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ޓެކްސީތަކަށް ހުއްދަ ދިނުން އިތުރުކުރުން.
  • މާލެއާއި ތިލަފުށްޓާ ދެމެދު މުދާ އުފުލުމަށް ދަތުރުކުރުމުގެ ހުއްދަ ދިނުން އިތުރުކުރުން.
  • ހުއްދަ ލިބިގެން ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އެ މަސައްކަތެއް ކުރުމަށް ކަނޑައެޅިފައިވާ ތަނަށް ދިއުމާއި އެ މީހުން ދިރިއުޅޭ ތަނަށް އެނބުރި ދިއުން.
  • އިކޮނޮމިކް މިނިސްޓްރީގެ ކަނޑައަޅާ އުސޫލެއްގެ ދަށުން ފިހާރަތަކާއިި އަމިއްލަ އޮފީސްތައް ހުޅުވުން.
  • ކޮންސްޓްރަކްޝަން މަސައްކަތްތައްް މާލެ ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން، އެ ފަރާތްތަކަށް ހުއްދަ ލިބިގެން ކުރިއަށް ގެންދިއުން.
  • ބޭންކުން ކަނޑައަޅާ އުސޫލެއްގެ ދަށުން ބޭންކުތަކުން ދެވޭ ހިދުމަތްތައް އިތުރުކުރުން.

ސިއްހީ ހިދުމަތާއި އެހެނިހެން އާންމު ހިދުމަތްތައް ދިނުން އިތުރުކުރުން
ލޮކްޑައުންގެ ފިޔަވަޅުތަކުން އިސްތިސްނާ ވަނީ ސިފައިންނާއި ފުލުހުންނާއި، ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި މުވައްޒަފުންގެ ދުއްވާ އުޅަނދުފަހަރާއި އެމްބިއުލެންސް އަދި އެންއީއޯސީގެ ހާއްސަ ހުއްދަ އޮންނަ ފަރާތްތައް އެކަންޏެވެ.

ކޮވިޑް-19އާ ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހަމަވާނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.