12 Jun 2020, 07:04
ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ"ގެ ކާސްޓަށް ބޮލީވުޑްގެ ކާމިޔާބު އެކްޓަރުން ކަމަށްވާ އަޖޭ ދޭވްގަންއާއި އިމްރާން ހާޝިމީ ގުޅިއްޖެ ކަމަށް ޚަބަރުތައް ބުނެފިއެވެ.
ގަންގޫބާއި ސެޓުގައި ހަރަކާތްތެރިވާ މީހަކު ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމުގައި އާލިއާއާއި އިމްރާން ފެނިގެންދާ މަންޒަރުތައް މި އަހަރު ތެރޭ ޝޫޓްކޮށް ނިންމާލައިފައިވާ ކަމަށެވެ. އަދި އަޖޭ ފިލްމުގެ ޝޫޓިން ފަށާނީ ލޮކްޑައުން އަށްފަހު ފިލްމުގެ ޝޫޓިން ފެށުމަށް ހުއްދަ ދިނުމުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އެކްޓަރު އަޖޭ މި ފިލްމުގައި ފެނިގެންދާނީ ގޭންގްސްޓާރެއްގެ ރޯލުންނެވެ.
އަޖޭ މި ފިލްމުގެ ފިރިހެން ލީޑު ރޯލު ކުޅޭ ކަމުގެ އަޑު މީގެ ކުރިންވެސް ވަނީ އިވިފައެވެ. މި ފިލްމުގެ ބަތަލާ އަކީ ކުޅަދާނަ ތަރި އާލިއާ ބަޓް އެވެ. މިއީ ބަންސާލީގެ ފިލްމެއްގައި އާލިއާ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
އެ ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގޫބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމު ގެނެސްދޭނީ ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ"ގެ މައްޗަށް ބިނާކޮށެވެ.