12 Jun 2020, 07:04
ސަލްމާން ޚާން ލީޑު ރޯލު ކުޅޭ ފިލްމު ބޮލީވުޑް ފިލްމު "ރާދޭ: ޔުއާ މޯސްޓް ވޯންޓެޑް ބާއީ" މި އަހަރުގެ ދިވާލީ ތެރޭ ސްކްރީންކުރުމަށް މަސައްކަތް ކުރަން ފަށައިފިއެވެ.
ރާދޭއަކީ މިއަހަރުގެ އީދުގައި އެޅުވުމަށް ހަމަޖެހުނު ފިލްމެއް ނަމަވެސް ކޮރޯނާވައިރަހުގެ ސަބަބުން އިންޑިއާ ލޮކްޑައުންކޮށް ސިނަމާތައް ބަންދުކުރި ހިސާބުން މި ފިލްމު އެޅުވޭ ގޮތް ވަނީ ނުވެފައެވެ. މި ފިލްމުގައި ސަލްމާން އާ އެއްކޮށް ލީޑު ރޯލު ކުޅޭނީ "މަލަންގް"ގެ ބަތަލާ ދިޝާ ޕާޓްނީއެވެ.
ސަލްމާން ހާން ފިލްމްސް އިން އުފައްދާ "ރާދޭ"ގެ ޑައިރެކްޓަރަކީ ޕްރަބޫ ދޭވާ އެވެ. ސަލްމާން އާއި ދިޝާ މީގެ ކުރިން "ބާރަތު"ގައި އެކުގައި ފެނިގެން ދިޔައިރު އެ ދެ ފަންނާނުންނާއެކު "ރާދޭ"ގައި ދެން ފެންނާނީ ރަންދީފް ހޫޖާއާއި ޖެކީ ޝްރޯފް އަދި ގޯވިންދް ފަދަ ތަރިންނެވެ.
ޚަބަރުތައް ބުނާގޮތުގައި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައްވެސް އަވަސް މުސްތަގްބަލެއްގައި ފަށައި ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް ވެސް ކައިރި ހިސާބެއްގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.