11 Jun 2020, 19:02
އަންނަ ހޯމަ ދުވަހުން ފެށިގެން މާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަަތުގައި ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
މިހާރު ޖަމާއަތުގައި ނަމާދު ނުކުރެވޭ ގޮތަށް އޮތީ ނ. މަނަދޫ އާއި ށ. ނަރުދޫއެވެ. އެއީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެ ދެ ރަށް މޮނިޓަރިން އަށް ލުމަށް ފަހު އެ ހާލަތު އުވައިލިތާ 14 ދުވަސް އަދި ހަމަ ނުވާތީއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު އިސްމާއިލް އަފްރާހު މިއަދު "ސަން"އަށް ވިދާޅުވީ، ނަރުދޫ މޮނިޓަރިންގެ ހާލަތުން ނެގިތާ 14 ދުވަސް ހޮނިހިރު ދުވަހު ހަމަވުމުން އެ ރަށުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށާނެ ކަމަށެވެ. އަދި އަންނަ ހޯމް ދުވަހަކީ މަނަދޫ މޮނިޓަރިން ހާލަތުން ނަގާތާ 14 ދުވަސް ހަމަވާ ދުވަސް ކަމުގައިވާތީ، އެ ރަށުގައިވެސް އެ ދުވަހުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 ފެތުރިޔަނުދިނުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މީގެ ކުރިން އެޗްޕީއޭއިން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން ވަގުތީ ގޮތުން ހުއްޓާލައިފައެވެ.
އެ ފަހުން މާލެއާއި އިތުރު ހަތް ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދިނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
އިސްލާމިކް މިނިސްޓްރީއިން މީގެ ކުރިން އެދިފައި ވަނީ، ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދިނަސް، ރޯގާގެ އަލާމާތްތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިޔުމަށް އެދިފައެވެ. އަދި މުސައްލާއަކާއެކު ދިޔުމަށާއި ގެއިން ވުޟޫކޮށްގެން ދިޔުމަށް އެދިފައިވެއެވެ.