މޮސްކޯ (ޑިސެމްބަރު 29) : އެމެރިކާއިން ފުޅާދާއިރާއެއްގައި އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ގެންދާ ކަމަށް ރަޝިޔާއިން ތުހުމަތުކޮށްފި އެވެ.

ދުނިޔޭގެ ގައުމުތަކުގެ އިންސާނީ ހައްގުތަކާބެހޭ ގޮތުން ރަޝިޔާގެ ހާރިޖިއްޔާއިން އިއްޔެ ނެރުނު ތަފްސީލީ ރިޕޯޓެއްގައި، އަނިޔާވެރި ކަމަށް މަޝްހޫރު އެމެރިކާގެ ގުއަންޓެނާމޯ ޖަލު ބަންދުކުރުމުގައި އެމެރިކާ ނާކާމިޔާބުވެފައިވާ މައްސަލަ ފާހަގަކޮށްފައިވެ އެވެ.

ގުއަންޓެނާމޯ ޖަލުގައި ހައްޔަރުކޮށްފައިވާ މުސްލިމް އަސީރުން އެމެރިކާގެ އަނިޔާވެރިކަން އަދިވެސް ތަޙައްމަލް ކުރަންޖެހިފައި ވާއިރު މިކަމުގައި ޒިންމާ އުފުލަންޖެހޭ އެމެރިކާގެ ކުރި އާއި މިހާރުގެ މަސްއޫލުވެރިން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރު ނުކުރާ ކަމަށް މިރިޕޯޓް ބުނެ އެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގައި އެމެރިކާ ހިންގާ އަނިޔާވެރި އަމަލުތަކާއި ޓެރަރިޒަމްގެ ހަރަކާތްތަކުގައި ޝާމިލްވާ އެމެރިކާގެ ސީ.އައި.އޭ. ގެ މަސްއޫލުވެރިންނާއި އޮފިސަރުންނާއި އެޖެންޓުން ޝަރީއަތަށް ހާޒިރުކުރުމަށް ދެކޮޅުހަދައި އެމެރިކާ ސަރުކާރުން އެމީހުންނަށް ހިމާޔަތްދޭ މައްސަލަ ވެސް ރަޝިޔާގެ ހާރިޖިއްޔާގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން ދުނިޔޭގެ ގައުމުތަކާ ދެކޮޅަށް އެމެރިކާ ކުރާ ހަނގުރާމަތަކާއި ދެމުންގެންދާ އަސްކަރީ ހަމަލާތަކުގައި ކޮންމެ އަހަރަކު ކުށެއް ނެތް އެތައް ހާސް ބަޔަކު މަރާލެވޭއިރު އެކަމުގައި ޒިންމާއުފުލަންޖެހޭ އެމެރިކާގެ އިސްވެރިންނާއި ސިފައިން އަދާލަތަށް ހާޒިރުނުކުރެވޭ މައްސަލަ ވެސް މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

63 ސަފްހާގެ މިރިޕޯޓްގައި އެމެރިކާއަކީ އިންސާނީ ހައްގުތަކުގެ މައްސަލާގައި އެހެން ގައުމުތަކަށް ނަމޫނާ ދެއްކޭވަރަށްވުރުގެ ގައުމެއް ނޫން ކަމަށާއި އެހެން ގައުމުތަކެކޭ އެއްގޮތަށް އެމެރިކާއަކީ ވެސް އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ގައުމެއް ކަމަށް ބުނެފައިވެ އެވެ.

ދުނިޔޭގެ ގައުމުތަކުގެ އިންސާނީ ހައްގުތަކާބެހޭ ގޮތުން އެމެރިކާގެ ހާރިޖިއްޔާއިން ވެސް ކޮންމެ އަހަރަކު ރިޕޯޓެއް ނެރެމުން ގެންދެ އެވެ. އެމެރިކާގެ ރިޕޯޓްތަކުގައި އެމެރިކާ އިންސާނީ ހައްގުތަކަށް އަރައިގަންނަ މައްސަލައަށް ބަލާލާފައިނުވި ނަމަވެސް އެމެރިކާ އާއި އިދިކޮޅު ގައުމުތަކާއި އެމެރިކާއާ ވާދަވެރި ޗައިނާއާއި ރަޝިޔާ ފަދަ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ވަރަށް ބޮޑަށް ފާހަގަކުރަމުން ގެންދެ އެވެ. (ރޮއިޓާސް+އަލްޖަޒީރާ)