ވޮޝިންޓަން (11 ޖޫން 2020) : އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކޭންޕޭން ކުރުމުގެ އެއްވުންތައް ފަށަން ތައްޔާރުވަމުން ދާކަމަށް ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ކެމްޕޭން އެއްވުންތައް ފެށުން މިހާރުވެސް ލަސްވެއްޖެ ކަމަށާއި އެމެރިކާގެ 50 ސްޓޭޓްގައި ކެމްޕޭންކުރުމަށް ރާވާފައިވާއިރު އެކަމަށް ދެން އޮތީ ހަތަރު ވަރަކަށް މަސްކަމަށެވެ. ކޭންޕޭންގެ ފުރަތަމަ އެއްވުން ބާއްވާނީ އެމެރިކާގެ މެދު ދެކުނުގެ ސްޓޭޓެއްކަމަށްވާ އޮކްލަހޯމާ ގެ ޓަލްސާ ސިޓީގައިކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕަކީ ރިޕަބްލިކަން ޕާޓީގެ ފަރާތުން އެމެރިކާގެ ރިޔާސަތަށް ކުރިމަތިލައްވާ ކެންޑިޑޭޓްކަމަށް ވިޔަސް ކެންޑިޑެންސީ ރަސްމީކޮށް ޓްރަމްޕާ އަދި ހަވާލުކޮށްފައެއް ނުވެ އެވެ. އެކަން ހަވާލުކުރުމާއި ޓްރަމްޕް ކެންޑިޑެންސީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރިޕަބްލިކަން ޕާޓީގެ ފަރާތުން އެކަމަށްޓަކައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތު ބާއްވާނެ ތަރީހަކާއި ތަނެއް އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.

އެމެރިކާގައި ރިޔާސީ އިންތިހާބު އޮންނަ އަހަރުތަކަކީ ގިނަ އެއްވުންތައް ބާއްވާ ހަލަބޮލި އަހަރަކަށްވި ނަމަވެސް އެމެރިކާއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ވަބާގެ ސަބަބުން ކޭންޕޭނާ ގުޅޭ މާބޮޑު ހަރަކާތްތަކެއް ރިޕަބްލިކަން ޕާޓީއަށް ވެސް އަދި ޑިމޮކްރެޓިކް ޕާޓީއަށް ވެސް ބޭއްވިފައެއް ނުވެ އެވެ.

އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ ޕްރައިމަރީ ވަނީ ނިމިފަަ އެވެ. ނަމަވެސް އެޕާޓީގެ ފަރާތުން އެމެރިކާގެ ރިޔާސަތަށް ކުރިމަތިލައްވާ ކެންޑިޑޭޓުގެ ގޮތުގައިވެސް އެއްވެސް ބޭފުޅަކު ރަސްމީ ސިފައެއްގައި އިހުތިޔާރުކޮށް އެބޭފުޅަކާ ކެންޑިޑެންސީ އަދި ހަވާލުކޮށްފައެއް ނުވެ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީން ކުރި ހޯއްދަވާފައިވަނީ އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އެވެ. ބައިޑެންއަށް ކުރި ލިބިވަޑައިގަތީ ޕްރައިމަރީ ނުނިމެނީސް އެހެން ހުރިހާ ކެންޑިޑޭޓުން ޕްރައިމަރީގެ ރޭހުން ވަކިވުމާ ގުޅިގެންނެވެ. އެހެންކަމުން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އެމެރިކާގެ ރިޔާސަތަށް ކުރިމަތިލައްވާ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ ބައިޑެންކަން ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް ކެންޑިޑެންސީ އަދި ހަވާލުކޮށްފައެއް ނުވެ އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އެމެރިކާގައި ކޮންޓްރޯލް ކުރުމުގައި ޓްރަމްޕްގެ ސަރުކާރު ނާކާމިޔާބުވެފައިވާއިރު އެވަބާ އެމެރިކާގައި ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. އެ ރޯގާގައި އެމެރިކާގެ 114،000 މީހުން މިހާތަނަށް މަރުވެފައިވާއިރު އެމެރިކާގައި ދެ މިލިޔަނަށްވުރެ ގިނަމީހުންނަށް އެ ރޯގާ ޖެހިފައިވެ އެވެ.

މީގެއިތުރުން އެމެރިކާގެ ފުލުހުންގެ އަނިޔާވެރިކަމާ އަދި ނަސްލީ އިމްތިޔާޒާ ދެކޮޅަށް އެމެރިކާގެ ކޮންކޮޅުތަކުގައި މީގެ ދެހަފްތާއެއް ކުރިން ފެށިގެން ކުރިޔަށް ދާ މުޒާހަރާތަކުގެ ސަބަބުން އެމެރިކާ ވަނީ ހަމަޖެހުންތަކެއްގެ ތެރެއަށް ވެއްޓިފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން އެމެރިކާގެ 34 ވަރަކަށް މިލިޔަން މީހުންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އެމެރިކާގެ އިގްތިސާދުގެ އަސާސް ކަމަށްވާ ކުންފުނިތައް ބަނގުރޫޓް ވަމުން ދިޔުމުގެ ސަބަބުން އިގްތިސާދު ދަށްވެ ޓްރަމްޕްގެ މަގުބޫލުކަން އެމެރިކާގައި ވަނީ ދުވަހަކުވެސް ދަށަށް ނުދާމިންވަރަށް ދަށަށް ގޮސްފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްވަރު މަހުގެ 3 ވަނަ ދުވަހު އެވެ. (ނޫސްއެޖެންސީތައް)